ENGLISH
16 މޭ 2025
މާލީ ސިޔާސަތު ކާމިޔާބު؛ ބަޖެޓު ޑެފިސިޓުނުވެ ދެ ބިލިއަނާ ގާތްކުރާ އަރަންޏެއް
16 މޭ 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް
ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް އަޅަންފަށާފައިވާ ފިޔަވަޅުތަކާއެކު ދައުލަތުގެ ބަޖެޓު ޑެފިސިޓުނުވެ ދެ ބިލިއަނާ ގާތްކުރާ މިންވަރަކުން އަރަނިވެފައިވާކަން ފިނޭންސް މިނިސްޓްރީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ.
ހަފުތާއަކު އެއްފަހަރު އެ މިނިސްޓްރީން އާއްމުކުރާ ދައުލަތުގެ އާމްދަނީއާއި ހަރަދުތަކުގެ ހިސާބުތަކަށް ބަލާއިރު މި އަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ ނިމުނު އަހަރަށްވުރެ އިތުރުވެފައިވެއެވެ. އެގޮތުން ޓެކުހުގެ ގޮތުގައި އަދި ޓެކުސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީވެސް ނިމުނު އަހަރަށްވުރެ އިތުރުވެފައިވާކަން މޭ މަހުގެ އަށްވަނަ ދުވަހާ ހަމައަށް ލިބުނު އާމްދަނީއާއި ހިނގި ހަރަދުގެ ހިސާބުތަކުން ދައްކައެވެ.
މާލީ ހިސާބުތަކުން ފެންނަ ގޮތުގައި މި އަހަރު މޭ މަހުގެ އަށްވަނަ ދުވަހާ ހަމައަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބުނީ 14.2 ބިލިއަން ރުފިޔާއެވެ. އެއީ ފާއިތުވި އަހަރުގެ އެ މުއްދަތުގައި ލިބުނު 13.3 ބިލިއަން ރުފިޔާއަށްވުރެ 6.7 އިންސައްތަ އިތުރު އަދަދެކެވެ. އަދި މި މުއްދަތުގައި ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބުނު 11.0 ބިލިއަން ރުފިޔާއަކީ ފާއިތުވި އަހަރު ލިބުނު 10.8 ބިލިއަން ރުފިޔާއަށްވުރެ 239 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
ޓެކުސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީއަށް ބަލާއިރު ނިމުނު އަހަރުގެ އެ މުއްދަތުގައި ޓެކުސް ނޫން ގޮތްގޮތުން ލިބުނީ 2.2 ބިލިއަން ރުފިޔާއެވެ. މި އަހަރު ތިން ބިލިއަނަށްވުރެ ގިނަ ރުފިޔާ ޓެކުސް ނޫން ގޮތްގޮތުން ލިބިފައިވާއިރު، އެއީ ފާއިތުވި އަހަރާ އަޅާބަލާއިރު 36.5 އިންސައްތަ އިތުރު މިންވަރެކެވެ.
އާމްދަނީ އިތުރުވިއިރު ދައުލަތުގެ ޖުމްލަ ހަރަދުވެސް ވަރަށް ބޮޑު ތަނުން ކުޑަކުރެވިފައިވާކަން މާލީ ހިސާބުތަކުން ދައްކައެވެ. އެގޮތުން ނިމުނު އަހަރުގެ އެ މުއްދަތުގައި 15.7 ބިލިއަން ރުފިޔާ ހަރަދުވިއިރު މި އަހަރު ހަރަދުވެފައިވަނީ އެއަށްވުރެ 21.7 އިންސައްތަ މަދުން، 12.3 ބިލިއަން ރުފިޔާއެވެ.
ދައުލަތުގެ ހަރަދުތަކުގެ ތެރެއިން އިދާރީ ހިންގުމުގެ ހަރަދުތައް ވަރަށް ބޮޑުތަނުން ކުޑަކުރެވިފައިވާކަން ދައުލަތުގެ ހިސާބުތަކުން ދައްކައެވެ. އެގޮތުން ނިމުނު އަހަރު ހިންގުމުގެ ހަރަދުތަކަށް 7.3 ބިލިއަން ރުފިޔާ ހަރަދުވިއިރު މި އަހަރު ހަރަދުވީ 6.4 ބިލިއަން ރުފިޔާއެވެ. އެހެންކަމުން ގާތްގަނޑަކަށް ބިލިއަނެއްހައި ރުފިޔާ ނިމުނު އަހަރަށްވުރެ ހަރަދު ކުޑަކުރެވިފައިވެއެވެ.
އޭގެ އިތުރަށް ސަރުކާރުން މަޝްރޫއުތައް ތަންފީޒުކުރުން ތަރުތީބުކޮށް ދައުލަތުގެ ހަރަދުތައް ރޭޝަނަލައިޒްކުރުމުގެ ސަބަބުން ކެޕިޓަލް ހަރަދުތައްވެސް ދެ ބިލިއަނެއްހައި ރުފިޔާ ސަލާމަތްކުރެވިފައިވާކަން މާލީ ވުޒާރާގެ ހިސާބުތަކުން ފެނެއެވެ.
ދައުލަތުގެ އާމްދަނީ އިތުރުވުމާއެކު، ހަަރަދުތައް ކުޑަކުރެވުމުގެ ސަބަބުން މި އަހަރުގެ މިހާތަނަށް ދައުލަތުގެ ބަޖެޓު ތަންފީޒުކުރަމުންދަނީ ދައުލަތުގެ ސާޕްލަސްގައެވެ. އެގޮތުން ދައުލަތުގެ ހަރަދުތަކުގެ ތެރޭގައި ލޯނު އަދާކުރުމަށް ހަރަދުވި 2.5 ބިލިއަން ރުފިޔާ ހިމަނައިގެން ހިސާބުކުރުމުން 1.9 ބިލިއަން ރުފިޔާއިން ބަޖެޓު އަރަނިވެފައިވެއެވެ. އަދި ދަރަނި އަދާކުރުމަށް ހޭދަވި ފައިސާ ހަރަދުތަކުން އުނިކުރުމުން 3.6 ބިލިއަން ރުފިޔާއިން ބެޖެޓު އަރަނިވެއެވެ.
ފާއިތުވި އަހަރަށް ބަލާއިރު މޭ މަހުގެ އަށްވަނަ ދުވަހާ ހަމައަށް 2.3 ބިލިއަން ރުފިޔާއިން ބަޖެޓު އޮތީ ދަރަނިވެރިވެ ޑެފިސިޓުވެފައެވެ. އަދި ދަރަނި އަދާކުރުމަށް ނިމުނު އަހަރު ހަރަދުވި 955.2 ރުފިޔާ ދައުލަތުގެ ހަރަދުން އުނިކުރުމުން 539 މިލިއަން ރުފިޔާއިން ބަޖެޓު ޑެފިސިޓުވިއެވެ.
މާލީ އިސްލާހުތަކުގެ ތެރެއިން ރައްޔިތުންނާ ގުޅުންހުރި ބައެއް ކަހަލަ ހަރަދުތައް އުނިކުރުމަށް ކުރިން ނިންމާފައި އޮތް ނިންމުން ބަދަލުކޮށް ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ހަރަދުތައް ކުޑަކުރެވޭނެ ގޮތްތަކަށް މަޝްރޫއުތައް ތަަންފީޒުކުރެވޭނެ ގޮތަށް ކަންކަން ތަރުތީބުކުރުމުގެ މަސައްކަތް ސަރުކާރުންވަނީ ފަށާފައެވެ.
އެގޮތުން ގިނަ މަޝްރޫއުތަކެއް ސަރުކާރުގެ ކުންފުނިތަކާ ހަވާލުކޮށް، އެ މަޝްރޫއުތައް ހިންގުމަށް ބޭނުންވާ ތަކެތި ބަލްކުކޮށް ގަނެގެން ގެނެސް މަޝްރޫއުތައް ތަންފީޒުކުރުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ. ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ މިގޮތަށް މަޝްރޫއުތައް ހިންގުމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން ގިނަ އަދަދެއްގެ ފައިސާ ސަލާމަތްކުރެވި ބަޖެޓު ޑެފިސިޓުވުމުގެ މައްސަލައަށް ހަައްލެއް ލިބޭނެ ކަމަށެވެ.