ENGLISH
16 މޭ 2025
ގޭންގު ކުށްތަައް ހުއްޓުވުމުގެ ބިލު؛ އަމާން ރާއްޖެއަކަށް މަގުކޮށައިދޭ، ތަންފީޒީ އިދާރަތައް ބާރުވެރިކުރުވާނެ ގާނޫނެއް
16 މޭ 2025
|
ދިވެހި ފުލުހުންތަކެއް، ފޮޓޯ: ފައިލް
އިއްޔެ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަަތަމަ ދައުރު ނިންމައިލިއިރު ފާސްކުރި އެންމެ މުހިއްމު އެއް ބިލަކީ "ގޭންގުތަކުން ހިންގާ ކުށްތަކައި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލެ"ވެ. މި ބިލު ފާސްކުރީ ޖުޑީޝަރީ ކޮމިޓީން ބިލު ދިރާސާކުރުމަށްފަހު ބައެއް އިސްލާހުތައް ބިލަށް ގެނައުމާއެކުއެވެ. ބިލަށް ބަލާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މި ބިލު ތަސްދީގުކުރެއްވުމާއެކު، ގާނޫނަކަށްވެ އެއަށް އަމަލުކުރަން ފެށުމުން ރާއްޖެއަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު އިޖުތުމާއީ އެއް މައްސަލަ ހައްލުކުރުމަށް ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ބޮޑެތި ބާރުތަކެއް ލިބޭނެއެވެ. އަދި އިންތިޒާމުވެގެން ހިންގާ ކުށްތަކާ ގުޅޭ ޒަމާނީ ގާނޫނީ އޮނިގަނޑެއްގެ ތެރެއިން އެ ކުށްތަައް ހުއްޓުވުމުގެ މަސައްކަތް ފެށޭނެއެވެ.
އެގޮތުން އެ ބިލުން އެންމެ ފާހަގަކުރެވޭ އެއް ކަމަކީ އިންތިޒާމުވެގެން ހިންގާ ކުށްތަކާއި، އެފަދަ ކުށްތައް ހިންގާ ގުރޫޕުތަކާ ގުޅޭ މަފުހޫމުތައް ސާފުކޮށް ޑިފައިންކޮށް ތައާރަފުކުރެވި ބަޔާންކުރެވިފައިވުމެވެ. އެގޮތުން އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކުގެ ގޮތުގައި 6 ކުށެއް މި ބިލުގައި ކަނޑައަޅައެވެ. އެއީ، މަސްތުވާތަކެތި ޓްރެފިކްކުރުމާއި، މީހުން ޓްރެފިކް ކުރުމާއި، ދިވެހިރާއްޖެއަށް ގެނައުމުން މަނާ ތަކެތިން ވިޔަފާރިކުރުމާއި، އަގުހުރި އެއްޗެހި ނަކަލުކޮށް އަސްލުގެ ގޮތުގައި ދެއްކުން ނުވަތަ ކައުންޓާފިޓިން އަދި ނުރައްކާތެރި ކުށްތަކާއި، ދިހަ އަހަރަށްވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް އަންނަ އަނިޔާވެރި ކުށްތަކެވެ.
ނުރައްކާތެރި ކުށްތައްކަމަށް ކަނޑައަޅާފައިވަނީ ތޫނު ހަތިޔާރެއް ނޫނީ ނުރައްކާތެރި ހަތިޔާރެއް ބޭނުންނުކޮށްގެންވިޔަސް އަދި އެފަދަ ހަތިޔާރެއް ބޭނުންނުކޮށް ނަމަވެސް މީހަކު މެރުމާއި، މީހަކާމެދު ނުރައްކާތެރި މާރާމާރީ ހިންގުމާއި، މީހަކަށް ބޮޑެތި ޖިސްމާނީ އަނިޔާކުރުމާއި، މީހަކު ކިޑްނެޕްކުރުމާއި މީހަކަށް ބިރުދެއްކުމެވެ.
އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕަކީ ބިލުގައި ބަޔާންކުރާ ގޮތުން ހަމައެކަނި ވަކި ކުށެއް ކުރުމަށް އެހިނދަށް އެކުވާ ބަޔަކު ކަމުގައިނުވާ އެއް ފަހަރަށްވުރެ ގިނަ ފަހަރު އިންތިޒާމުވެގެން ޖިނާއީ ކުށް ކުރުމަށް ގުޅިގެން މަސައްކަތްކުރާ ގުރޫޕެކެވެ. އެފަދަ ގުރޫޕެއްގައި މަސްއޫލިއްޔަތާއި ދައުރާއި މަގާމު ކަނޑައެޅިފައިވާ މީހުންނާއި އެފަދަ ހައިސިއްޔަތެއް ނެތި އެ ގުރޫޕުގައި ހަރަކާތްތެރިވާ މީހުންވެސް ގާނޫނުގެ ބޭނުމަށް ބެލޭނީ އިންތިޒާމުވެގެން ކުށްކުރާ ގުރޫޕެއްގެ މެންބަރެއް ކަމަށެވެ.
މި ބިލުގައި އިންތިޒާމުވެގެން ކުށްކުރާ ގުރޫޕުތަކާ ގުޅޭ ގިނަ ކުށްތަކެއް ބަޔާންކުރެއެވެ. އެއީ އެފަދަ ގުރޫޕެއް އުފެއްދުމާއި، ހިންގުމާއި، އެފަދަ ގުރޫޕެއް އުފައްދައި ހިންގަން އުޅުމާއި އެކަމުގައި އެހީތެރިވުމާއި ބައިވެރިވުމާއި، އެފަދަ ގުރޫޕުތަކަށް މީހުން ހޯދުމާއި އެފަދަ ގުރޫޕުތަކުގައި ކުޑަކުދިން ބައިވެރިކުރުމާއި، އެއިން ގުރޫޕެއްގައި ބައިވެރިވުމާއި، އެއިން ކުށެއް ކުރުމުގައި ބައިވެރިވުމާއި އެހީތެރިވުމަކީ ގާނޫނީ ގޮތުން ކުށްކަމަށް ބިލުގައި ކަނޑައަޅާފައިވެއެވެ.
މިއިން ކޮންމެ ކުށަކަށްވެސް ބޮޑެތި ހަރުކަށި އަދަބުތައް ގާނޫނުގައި ކަނޑައަޅާފައިވެއެވެ. އެގޮތުން ކުށްކުރާ ގުރޫޕެއް އުފެއްދުމުގެ އަދަބަކީ 25 އަހަރަށް ޖަލަށްލުމާއެކު ތިން މިލިއަން ރުފިޔާއާއި ދިހަ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ. އަދި އެފަދަ ގުރޫޕެއް އުފައްދަން އުޅުމާއި އުފެއްދުމުގައި އެހީތެރިވެ އެކަމުގައި ބައިވެރިވާ މީހުންނަށް 18 އަހަރުގެ މުއްދަތުގެ ޖަލު ހުކުމަކާއެކު ދެ މިލިއަން ރުފިޔާއާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.
އަދި ކުޑަކުދިން ކުށްކުރާ ގުރޫޕުތަކަށް ވެއްދުމާއި ބައިވެރިކުރުމަކީ 25 އަހަރުގެ ޖަލު ހުކުމަކާއެކު ތިން މިލިއަނާއި ދިހަ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ ކުށްތަކެއް ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ބޮޑެތި މީހުން އިންތިޒާމުވެގެން ކުށްކުރާ ގުރޫޕުތަކުގައި ބައިވެރިކުރުމަކީ 20 އަހަރުގެ ޖަލު ހުކުމަކާއި ދެ މިލިއަނާއި ހަތް މިލިއަނާ ދެމެދުގެ ޖޫރިމަނާއެއް އަދަބުގެ ގޮތުގައި ކަނޑައަޅާފައިވާ ކުށްތަކެވެ.
މިނޫނަސް އިންތިޒާމުވެފައިވާ ކުށްކުރާ ގުރޫޕެއްގައި ބައިވެރިވުމާއި، އެބާވަތުގެ ގުރޫޕެއްގައި ބައިވެރިވާކަމަށް ދެއްކުމާއި. އެފަދަ ގުރޫޕެއްގެ ނިޝާނެއް ހާމަކުރުން ފަދަ ކުށްތައް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ. އަދި އެއިން ކޮންމެ ކުށަކަށް އެކުށަކާ މުނާސަބު އަދަބުތައްވެސް ބަޔާންކޮށްފައިވެއެވެ.
އިންތިޒާމުވެގެން ކުށްކުރާ ގުރޫޕެއްގެ މެންބަރަކު ހޯދާފައިވާ މުއްސަނދިކަމަކީ އޭނާއަށް ގާނޫނީ އިމުގެ ތެރެއިން ލިބޭ އާމްދަނީއަކާ ނުބައްދަލު މުއްސަނދިކަމެއްކަން ދައުލަތުން ސާބިތުކޮށްދޭ ހާލަތުގައި، އެ މުދަލަކީ ގާނޫނުން ހުއްދަކުރާ ޖާއިޒު ގޮތެއްގައި ހޯދި މުއްސަނދިކަމެއްކަން ސާބިތުކޮށްނުދެވޭ ހާލަތުގައި އެ މުދާ ދައުލަތަށް ނެގޭނެ ގާނޫނީ އޮނިގަނޑުވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.
އެގޮތުން އެ މުއްސަނދިކަމކީ ގާނޫނީ ހަމަތަކުގެ މަތިން ހޯދި މުއްސަނދިކަމެއް ނޫންކަން ސާބިތުކޮށްދިނުމަށް އެ ގާނޫނުގެ ދަށުން ޕީޖީ އޮފީހުން ކޯޓަށް ހުށަހަޅަންޖެހޭނެއެވެ. އެކަން ސާބިތުކޮށްދިނުމަކީ ޕީޖީގެ ޒިންމާއެކެވެ. އަދި އެމީހަކު ހޯދާފައިވާ މުއްސަނދިކަމަކީ ނުހައްގު މުއްސަނދިކަމެއްގެ ގޮތުގައި ކޯޓުން ކަނޑައަޅަންވާނީ އޭނާ ގާނޫނީ ގޮތުން ހޯދާފައިވާ މުއްސަނދިކަމާ ނުބައްދަލު މުއްސަނދިކަމެއް ނުވަތަ ތަނަވަސްކަމެއް އޭނާއަށް ލިބިފައިވާކަން ސާފު އަދި ޔަގީން ހެކީގެ މައްޗަށް ބިނާކޮށް ކޯޓަށް ގަބޫލުކުރެވިގެންނެވެ.
އަދި އެ ހާލަތުގައި އޭނާ ހޯދި ނުހައްގު މުއްސަނދިކަން ވަޒަންކޮށް އެ މުއްސަނދިކަމުގެ އަދަދު ކޯޓުން ބަޔާންކުރަންޖެހޭނެއެވެ. އަދި އެ އަދަދު ކަނޑައެޅުމުގައި އަމަލުކުރާނެ އުސޫލުތައްވެސް ގާނޫނުގައި ބަޔާންކޮށްފަައިވެއެވެ. އެ އުސޫލުތަކާ އެއްގޮތަށް ނުހައްގު ގޮތުގައި ހޯދި މުއްސަނދިކަމުގެ ގޮތުގައި ކޯޓުން ކަނޑައަޅާ ފައިސާ ދައުލަަތަށް ނެގުމަށް ކޯޓުން އަމުރުކުރެވޭނެއެވެ.
މި ގާނޫނުގައި ބަޔާންކުރާ ނުރައްކާތެރި ކުށްތަކުގެ ތެރެއިން ކުށެއް ކުރަން އުޅޭކަމަށް ތުހުމަތުވާ ހާލަތްތަކުގައި މުއްތަހަމުގެ އަތުގައި އަނިޔާވެރި އަމަލެއް ހިންގުމަށް ގެންގުޅޭ އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް އޮތްކަމަށް ބެލެވޭނަމަ، ނުވަތަ އޭނާގެ އަތުގައި ކުށްކުރުމަށް ބޭނުންވާ އާލަތެއް ނުވަތަ އެހެންވެސް ހަތިޔާރެއް އޮތްކަމަށް ބެލެވޭނަމަ، ނުވަތ އޭނގެ އަތުގައި ކުށްކޮށްގެން ހޯދާފައިވާ މުދާ ހުރިކަމަށް ނުވަތަ އަތުގައި ކުށެއްގެ ހެކީގައި ގޮތުގައި ބޭނުންކުރެވޭ އެއްވެއް ހުރިކަމަށް ބެލެވިއްޖެނަމަ ކޯޓު އަމުރެއް ނެތި އެމީހަކު ހުއްޓުވައި ބަލައި ފާސްކުރުމުގެ ބާރު ފުލުހުންނަށް އެ ބިލުން ދެއެވެ.
އަދި އެ ބިލުގައި ބަޔާންކުރާ ނުރައްކާތެރި ބޮޑެތި ކުށްތައް ކުރަން އުޅޭކަމަށް ތުހުމަތުވާ ފަރާތެއް ނުހުއްޓުވައިފިނަމަ އެކުށެއް ކުށް އޭނާކުރާނެ ކަމުގައި ބެލެވޭ ހާލަތުގައި، ސަބް ސިންސްޕެކްޓާ އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީ ފަންތިއެއްގެ އޮފިސަރެއްގެ ހުއްދަކާއެކު، ކޯޓު އަމުރެއް ނެތި އެމީހަކު ހައްޔަރުކުރުމުގެ ބާރުވެސް ފުލުހުންނަށް ބިލުން ލިބެއެވެ.
އަދި އެކަށީގެންވާ ހެކި ހުރިނަމަ އެފަދަ މީހަކު ހުރި ތަނކަށް ކޯޓު އަމުރެއް ނެތި ވަދެ، އޭނާ ހައްޔަރުކުރުމަށް އެކަށީގެންވާ މިންވަރެއްގެ ވަގުތެއްގައި މަޑުކުރުމާއި ތިބުމުގެ ބާރުވެސް ބިލުން ފުލުހުންނަށް ދީފައިވެއެވެ. އަދި އެފަދަ ހާލަތުގައި އެތަނެއްގައި ކުށާ ގުޅޭ ހެއްކެއް ހުރިކަމަށް ފުލުހުންނަށް އެކަށީގެންވާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް ގަބޫލުކުރެވޭނަމަ އެތަނެއް ބަލައި ފާސްވެސްކުރެވޭނެއެވެ.
އެ ހާލަތުގައި އެތަނުގައި ހެކި ހުރިކަމަށް ގަބޫލުކުރެވުމާއެކު، އެ ހެއްކަކީ ޝަރީއަތަށް ކުށް ސާބިތުކުރަން ހުށަހެޅުން ބޭނުންތެރި ހެއްކެއްކަމަަށް ގަބޫލުކުރެވޭ ސަބަބެއް އޮތުމާއި، އެތަން އެވަގުތު ބަލައި ފާސްނުކޮށްފިނަމަ އެކުށާ ގުޅޭ ހެކި ފޮރުވަފާނެ ކަމަށް ނުވަތ ނައްތާލާނެކަމަށް ނުވަތަ ނެތިގެން ހިނގައިދާނެކަމަށް ނުވަތަ ހެއްކަށް ބަދަލުގެނެސްފާނެ ކަމަށް ގަބޫކުރެވޭ އެކަށީގެންވާ ސަބަބެއް އޮތުން ލާޒިމުވާނެއެވެ. އަދި ބަލައި ފާސްކުރަންވާނީ އެތަނެއްގެ ވެރި ފަރާތް ނުވަތަ އެ ފަރާތެއްގެ މަސްލަހަތު ހިމާޔަތްކުރާނެ އިތުރު މީހެއްގެ ހާޒިރުގައެވެ.
އޭގެ އިތުރަށް ހާއްސަ އޮޕަރޭޝަންތައް ހިންގުމާ ގުޅޭ އުސޫލުތައްވެސް ބިލުގައި ބަޔާންކުރެއެވެ. އޭގެ ތެރޭގައި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަންތަކާއި ސިއްރު އޮޕަރޭޝންތައް ހިމެނެއެވެ.
ނުރައްކާތެރި ކުށްތައް ހިންގާ ގުރޫޕުތަކުގެ މައްސަލަ ހައްލުކުރުމަކީ އަބަދުވެސް ސަރުކާރުތަކުން ވައުދުވަމުން އައި ކަމެކެވެ. ނަމަވެސް އެކަން ކުރުމަށް ފުލުހުންނަށް ބޭނުންވާ ބާރާއި އިހުތިޔާރުތައް މިހާތަނަށް ގާނޫނުތަކުން އޮތީ ނުދެވިއެވެ. މި ބިލު ގާނޫނަކަށްވުމުން އެފަދަ ގިނަ މައްސަލަތަކެއް ހައްލުކުރުމަށް ފުލުހުންނަށް ބޮޑެތި ބާރުތަކެއް ލިބިގެންދާނެއެވެ.