ENGLISH
16 މޭ 2025
ގަވާއިދާ ހިލާފުވި ބިދޭސީން ނިމުނު 5 އަހަރު ޑީޕޯޓުކުރި ވަރަށްވުރެ ފާއިތުވި ދޮޅު އަހަރު ޑީޕޯޓުކުރި މިންވަރު ގިނަ
16 މޭ 2025
|
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންތަކެއް އަތުލައިގަންނަނީ، ފޮޓޯ: އިމިގްރޭޝަން
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެމަނިކުފާނުގެ އިސްނެންގެވުމަށް ސަރުކާރުން އަންނަނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ގިނަ މަސަައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖޭގައި ދިރިއުޅޭ ހުރިހާ ބިދޭސީންގެ ބައޯމެޓްރިކް ޑޭޓާ އެއްކުރުމާއި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަނެ ދައުލަތުގެ ބެލުމުގެ ދަށަށް ގެނެސް ޑީޕޯޓުކުރުމުގެ ހާއްސަ މަސައްކަތްތަކެއް ސަރުކާރުން ގެންދަނީ ކުރަމުންނެވެ.
މި މަސައްކަތްތަކުގެ ތެރެއިން މޯލްޑިވްސް އިމިގްރޭޝަނުންވަނީ "އިމިގްރޭޝަން ވޮޗް"ގެ ނަމުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ބަލައި، އެމީހުންނާ ގުޅޭ މައުލޫމާތު އެއްކޮށް، އެމީހުން އުޅޭ ތަންތަން ބެލުމަށް ހާއްސަ ޓާސްކު ފޯހެއް އެކުލަވައިލާ، އެފަދަ ބިދޭސީން އުޅޭ ތަންތަން ރެއިޑުކުރުމުގެ އޮޕަރޭޝަންތަކެއް ފަށާފަައެވެ.
މި އޮޕަރޭޝަންތަކުގެ ތެރެއިން ގަވާއިދާ ހިލާފަށް ރާއްޖޭގައި ވިސާއާއި ސައްހަ ލިޔުމެއް ނެތި އުޅޭ ބިދޭސީން ހޯދުމާއި، ގާނޫނުތަކާ ހިލާފަށް ވިޔަފާރިކޮށް، އެހެނިހެން ބޮޑެތި ޖިނާއީ ކުށްތަކަށް އަރައިގަންނަ ބިދޭސީން އަތުލައިގަނެ ޑީޕޯޓުކުރުމުގެ މަސައްކަތް އެ އިދާރާއިން އަންނަނީ ކުރަމުންނެވެ. މި މަސައްކަތުގެ ނަތީޖާއެއްެގެ ގޮތުން ގަވާއިދާ ހިލާފަށް އުޅޭ، އަދި ދިވެހިރާއްޖޭގެ ގާނޫނުތަކާ ހިލާފު އެކި އަމަލުތައް ހިންގަމުންދިޔަ ގިނަ އަދަދެއްގެ ބިދޭސީން މިހާތަނަށް ޑީޕޯޓުކުރެވިފައިވެއެވެ.
އެމްއެމްޓީވީން އެދިގެން އިމިގްރޭޝުނުންވަނީ ފާއިތުވި ފަސް އަހަރު އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެސް ރާއްޖެއިން ޑީޕޯޓުކުރި ބިދޭސީންނާއި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ދުވަސްކަމަށްވާ 17 ނޮވެންބަރު 2023 އިން ފެށިގެން 2025 އޭޕްރީލް 21 ވަނަ ދުވަހާ ހަމައަށް ރާއްޖެއިން ޑީޕޯޓުކުރި ބިދޭސީންގެ އަދަދުތައް ހިއްސާކޮށްފައެވެ.
އިމިގްރޭޝަނުން ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު 2019 ވަނަ އަހަރުން ފެށިގެން ނޮވެންބަރު 17، 2025 ވަނަ ދުވަހާ ހަމައަށް އިމިގްރޭޝަނުން ޑީޕޯޓުކޮށްފައިވަނީ ޖުމްލަ 2،165 ބިދޭސީންނެވެ. އެ ބިދޭސީންގެ ތެރެއިން ޖިނާއީ ކުށްތަކުގައި ޝާމިލުވެގެން ޑީޕޯޓުކުރި ބިދޭސީންނާއި، ވިސާ ނެތުމުން ޑީޕޯޓުކުރި މީހުންނާއި ގާނޫނާ ހިލާފަށް ރާއްޖެއަށް އެތެރެވެގެން ޑީޕޯޓުކުރި މީހުން އެނގޭނެހެން ވަކިވަކިން އެ މައުލޫމާތު އެ އިދާރާއިން ކުރިން ބަލަހައްޓާފައިނުވެއެވެ. ނަމަވެސް މިހާރު އެ މައުލޫމާތު އެ އިދާރާއިން އަންނަނީ ބަރާބަރަށް ބަލަހައްޓަމުންނެވެ.
- 2019: ޑީޕޯޓުކުރި އަދަދު: 461
- 2020: ޑީޕޯޓުކުރި އަދަދު: 291
- 2021: ޑީޕޯޓުކުރި އަދަދު: 280
- 2022: ޑީޕޯޓުކުރި އަދަދު: 432
- 2023 ޑީޕޯޓުކުރި އަދަދު (ނޮވެންބަރު 17 އާ ހަމައަށް): 701
- ޖުމްލަ: 2،165
ރައީސް ޑރ.މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ދުވަސްކަމަށްވާ 2023 ނޮވެންބަރު 17 ވަނަ ދުވަހުން ފެށިގެން 2025 އޭޕްރީލު 21 ވަނަ ދުވަހާ ހަމައަށް ޑީޕޯޓުކޮށްފައިވާ ބިދޭސީންގެ އަދަދު:
- ޖިނާއީ ކުށްތަކަށް އަރައިގަނެގެން: 908
- ގާނޫނާ ހިލާފަށް ރާއްޖެ އެތެރެވެގެން: 43
- ވިސާގެ އުސޫލުތަކާ ހިލާފުވެގެން: 1،495
ޖުމްލަ: 2،446
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަކީ ރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑު އިގުތިސާދީ އިޖުތިމާއީ މައްސަލައެކެވެ. އެއީ ދާހިލީ ސަލާމަތާ ބެހޭ ވުޒާރާއާ ހައްލުކުރެއްވުމަށް ރައީސް ޑރ.މުޢިއްޒު ހަވާލުކުރެއްވި ބޮޑެތި ހަތަރު މައްސަލައިގެ އެއް މައްސަލައެވެ.
ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނު ފާހަގަކުރެއްވި ގޮތުގައި ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ނުކުރާވަރުގެ މަސައްކަތްތަކެއް މި ސަރުކާރުން އަންނަނީ ކުރަމުންނެވެ. ތަފާސްހިސާބުތަކުން ސާބިތުވާ ގޮތުން ފާއިތުވި ފަސް އަހަރު އެ މައްސަލަ ހައްލުކުރުމަށް ކުރެވުނު މަސައްކަތްތަކަށްވުރެ ރައީސް ޑރ.މުޢިއްޒުގެ ވެރިކަމުގެ ދޮޅު އަހަރެއްހައި ދުވަސް ތެރޭ ކުރެވުނު މަސައްކަތް ގިނައެވެ.
ބިދޭސީން ޑީޕޯޓުކުރުމުގެ އިތުރަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކޮށް ބެލެހެއްޓުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަކީވެސް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އެޅިގެންދާ ހަރުދަނާ ފިޔަވަޅެކެވެ.
ސަރުކާރުން ގެންދަނީ ރާއްޖެއަށް ކުރިމަތިވެފައި ހުރި މިފަދަ ބޮޑެތި އެކި މައްސަލަތަކަށް ދާއިމީ ހައްލުތަކެއް ހޯދުމަށް މެދުނުކެނޑި މަސައްކަތްކުރަމުންނެވެ.