ENGLISH
05 ޖުލައި 2025
އެސްޑީއެފްސީން ފުރަތަމަ ފަހަރަށް ހިއްސާދާރުންނަށް ފައިސާ ބަހަން ފާސްކޮށްފި
15 މޭ 2025
|
އެސްޑީއެފްސީގެ ހަވަނަ އަހަރީ އާންމު ޖަލްސާ -- ފޮޓޯ: އެމްއެމްޓީވީ
އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޑެޓް (އެސްޑީއެފްސީ) އިން ފުރަތަމަ ފަހަރަށް ހިއްސާދާރުންނަށް ފައިސާ ބަހަން ފާސްކޮށްފި އެވެ.
އެ ނިންމުން ނިންމީ އެސްޑީއެފްސީގެ ހަވަނަ އަހަރީ އާންމު ޖަލްސާގަ އެވެ. އެ ގޮތުން ހިއްސާއަކަށް 0.022 ރުފިޔާގެ މަގުން ޖުމްލަ 2,525,923.80 މިލިއަން ރުފިޔާ ބެހުމަށް ވަނީ ފާސްކޮށްފަ އެވެ.
އެސްޑީއެފްސީން ބުނީ 2024 ވަނަ އަހަރަަކީ އެ ކޯޕަރޭޝަންގެ ފާއިތުވެދިޔަ ފަސް އަހަރުގެތެރޭގައި މާލީ ގޮތުން އެންމެ ކާމިޔާބު އަހަރު ކަމަށެވެ. އެ ގޮތުން މިދިޔަ އަހަރު އެ ކޯޕަރޭޝަންގެ އޮޑިޓް ކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި އާމްދަނީ 61.3 މިލިއަން ރުފިޔާ ވަނީ އިތުރުވެފަ އެވެ. އަދި ސާފު ފައިދާގެ ގޮތުގައި 45.2 މިލިއަން ރުފިޔާ ވަނީ ރެކޯޑް ކުރެވިފަ އެވެ.
މާލީ ހިސާބުތަކަށް މި ބަދަލު އައިސްފައި ވަނީ ހިންގުމުގެ އުސޫލަށް ގެނައި ހަރުދަނާ ބަދަލުތަކުގެ ސަބަބުން ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ.
އެސްޑީއެފްސީން ވަނީ މިދިޔަ އަހަރުގެ ނިޔަލަށް 2.78 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފަ އެވެ. އެއީ އެ ކޯޕަރޭޝަންގެ ކެޕިޓަލް ލޯނު ޕޯޓްފޯލިއޯ އިން ދޫކޮށްފައިވާ 1.736 ބިލިއަން ރުފިޔާ އާއި ސަރުކާރުގެ އެކި އިދާރާތާއި ގުޅިގެން އެސްޑީއެފްސީން ކުރިއަށް ގެންދާ އެޑްމިނިސްޓާޑް ލޯނު ޕޯޓްފޯލިއޯ އިން ދޫކޮށްފައިވާ 1.045 ބިލިއަން ރުފިޔާ އެވެ.
މިދިޔަ ފަސް އަހަރު އެސްޑީއެފްސީން ކެޕިޓަލް ޕޯޓްފޯލިއޯގެ ދަށުން ލޯނުތައް ދޫކޮށްފައިވަނީ މައިގަނޑު 8 ދާއިރާއަކުންނެވެ.
* ފަތުރުވެރިކަން - 521 މިލިއަން ރުފިޔާ (30 އިންސައްތަ)
* ކޮމާރސް - 509.9 މިލިއަން ރުފިޔާ (29.4 އިންސައްތަ)
* މަސްވެރިކަން - 303 މިލިއަން ރުފިޔާ (17.5 އިންސައްތަ)
* ދަތުރުފަތުރު - 208.9 މިލިއަން ރުފިޔާ (12.0 އިންސައްތަ)
* އުފެއްދުންތެރިކަން - 107.7 މިލިއަން ރުފިޔާ (6.2 އިންސައްތަ)
* ކޮންސްޓްރަކްޝަން - 61.5 މިލިއަން ރުފިޔާ (3.5 އިންސައްތަ)
* އިންފޮމޭޝަން ޓެކްނޮލޮޖީ - 13 މިލިއަން ރުފިޔާ (0.7 އިންސައްތަ)
* ދަނޑުވެރިކަން - 11.2 މިލިއަން ރުފިޔާ (0.6 އިންސައްތަ)
އެ ކޯޕަރޭޝަނުން ބުނީ ސަރުކާރުގެ އެކި އިދާރާތަކާއި ގުޅިގެން އެޑްމިނިސްޓާޑް ލޯނު ޕޯޓްފޯލިއޯ އިން ދޫކޮށްފައިވާ ސިނާޢަތްތަކަށް މި ޕޯޓްފޯލިއޯގެ 62 އިންސައްތައަށްވާ 647 މިލިއަން ރުފިޔާގެ ލޯނު ފައިސާ ދޫކޮށްފައިވަނީ މަސްވެރިކަމުގެ ސިނާޢަތަށް ކަމަށް ބުންޏެވެ.
އަދި އިތުރު 230 މިލިއަން ރުފިޔާގެ ލޯނު ފައިސާ ކޮމާރސް ދާއިރާގެ ލޯނުތަކަށް ދޫކޮށްފައިވާއިރު އުފެއްދުންތެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާއިން ވެސް ގިނަ ބަޔަކަށް ލޯނު ފައިސާ ދޫކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.
އެސްޑީއެފްސީން ބުނި ގޮތުގައި އަތޮޮޅުތެރެއަށް އެ ކޯޕަރޭޝަންގެ ޕޯޓްފޯލިއޯ ވަނީ ކާމިޔާބު ކަމާއެކު ހުރިހާ އަތޮޅެއް ހިމެނޭހެން 180 ރަށަކަށް ފުޅާކޮށްފަ އެވެ. އަދި މިދިޔަ އަހަރު ނިމުނުއިރު އެޑްމިނިސްޓާޑް ކޮށްފައިވާ ލޯނު ހިމެނޭހެން ފޯޓްފޯލިއޯގެ 44 އިންސައްތަ އަކީ އަތޮޅުތެރެއަށް ދޫކޮށްފައިވާ ލޯނު ކަމަށް ބުންޏެވެ.
އެއީ 1.13 ބިލިއަން ރުފިޔާ އެވެ.
އެސްޑީއެފްސީ އަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އަލުން ފެށުމަށާއި ހިނގަމުންދާ ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް އަދި ވިޔަފާރިތައް އިތުރަށް ތަރައްޤީކޮށް ފުޅާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަށް 2019 ވަނަ އަަހަރު އުފެއްދި ކޯޕަރޭޝަނެކެވެ.
އެއީ ވިޔަފާރީގެ މާޙައުލުގައި މުހިންމު ދައުރެއް އަދާކުރަމުންދާ މާލީ އިދާރާ އެކެވެ.
އެސްޑީއެފްސީން އަކީ ރާއްޖޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަށް ޚާއްސަކޮށްގެން ހިންގާ ހަމަ އެކަނި މާލީ އިދާރާ އެވެ.
އެ ކޯޕަރޭޝަންގެ އަމާޒަކީ ހަރުދަނާ ހިންގުންތެރި ކަމެއް ޤާއިމުކޮށް ކަސްޓަމަރުންނަށް ދޭ ޚިދުމަތް އެންމެ މަތީ މިންގަނޑެއްގައި ހިފަހައްޓާ ޑިޖިޓަލައިޒޭޝަނަށް ޚާއްސަ ސަމާލުކަމެއްދީގެން ދެމެހެއްޓެނިވި ގޮތެއްގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހައްލު ހޯދައި ދނުމަށް މަސައްކަތް ކުރުން ކަމަށް ވަނީ ބުނެފަ އެވެ.