ENGLISH
05 ޖުލައި 2025
ދައުރު ނިންމާ މެންބަރުން ޗުއްޓީއަށް، 73 އިންސައްތަ މަސައްކަތް ނިންމެވި
15 މޭ 2025
|
މަޖިލީހުގެ ރައީސް އަބްދުއްރަހީމް ރިޔާސަތުގައި
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ނިންމާލުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިއަދު ޗުއްޓީ ފަައްޓަވައިފި އެވެ.
މިއަދު ވަނީ މި ދައުރުގެ ފަހު ޖަލްސާ ބާއްވާފަ އެވެ. ހަވީރާއި ހަމައަށް ދިގު ދެމިގެންދިޔަ ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ފުރަތަމަ ދައުރުގައި 32 ޖަލްސާ ބޭއްވުނު ކަމަށެވެ. އަދި ޖަލްސާތަކުގައި މެންބަރުން 59 ގަޑިއިރު ހޭދަ ކުރެއްވި ކަމަށް ވިދާޅުވި އެވެ.
މި ދައުރުގައި ވެސް މެންބަރުން އެންމެ ބުރަކޮށް މަސައްކަތް ކުރެއްވީ ކޮމެޓީތަކުގަ އެވެ. ކޮމެޓީތަކުގެ 193 ބައްދަލްވުން ބާއްވާފައިވާ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ. އެ ބައްދަލްވުންތަކުގައި މެންބަރުން 139 ގަޑިއިރާއި 30 މިނެޓް ހޭދަ ކުރައްވާފައިވެ އެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި މި ދައުރުގައި ވަނީ ނުވަ ބިލެއް ފާސް ކުރައްވާފަ އެވެ. އޭގެ ތެރޭގައި ވަރަށް މުހިންމު ބިލްތަކެއް ހިމެނޭކަން ފާހަގަ ކުރެއްވި އެވެ.
* އިމިގްެރޭޝަންގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލް
* ދުންފަތް ކޮންޓްރޯލް ކުރުމުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލް
* ގޭންގު ކުށްތައް ހުއްޓުވުމުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލް
މަޖިލީހުގެ ރައީސް ވަނީ މަޖިލީހުގެ މަސައްކަތްތަކަށް މެންބަރުން ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދެއްވާކަން ފާާހަގަ ކުރައްވާ އެކަމަށް ޝުކުރު އަދާ ކުރައްވާފަ އެވެ.