ENGLISH
05 ޖުލައި 2025
"އޮރެންޖު ހިޔާ" ގެ މަސައްކަތްކުރި ސިފައިންނާއި ރައީސުލްޖުމްހޫރިއްޔާ ބައްދަލު ކުރައްވައިފި
15 މޭ 2025
|
"އޮރެންޖު ހިޔާ" ގެ މަސައްކަތްކުރި ސިފައިންނާއި ރައީސުލްޖުމްހޫރިއްޔާ ބައްދަލު ކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް
މޯލްޑިވްސް ބްލަޑް ސަރވިސަސް "އޮރެންޖު ހިޔާ" އިމާރާތަށް ބަދަލުކުރުމުގެ މަސައްކަތް ކުރި ސިފައިންނާ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައްދަލު ކުރައްވައިފި އެވެ.
މިއަދު ހެނދުނު ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަނީ ސިފައިންގެ އެ މަސައްކަތުގެ އަގު ވަޒަން ކުރައްވާ ޝުކުރު އަދާ ކުރައްވާފަ އެވެ.
މި ބައްދަލްވުމުގައި ސިފައިންނާ މުޚާޠަބު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހި ސިފައިންނަކީ، ޤައުމު އެދި ގޮވާލާ ކޮންމެ ކަމެއްގައި، ފަސްޖެހުމެއްނެތި، ހުޝިޔާރުކަމާއި، ޝައުޤުވެރިކަމާ އެކީގައި މަސައްކަތްކުރާ ބައެއްކަން ފާހަގަ ކުރެއްވި އެވެ.
އަދި ސިފައިންނާ ހަވާލު ކުރައްވާ ކޮންމެ މަސައްކަތަކުން ވެސް ހާމަކޮށްދެނީ ދިވެހި ރައްޔިތުންނަށް ޓަކައި ސިފައިންގެ ހިތުގައި އޮންނަ ލޯބި ކަމުގައި ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އޮރެންޖު ހިޔާގައި ތެލެސީމިއާ ސެންޓަރު ޤާއިމުކުރުމުގެ މަސައްކަތަކީ ސަރުކާރުގެ ސިޔާސަތެއްކަން ފާހަގަ ކުރެއްވި އެވެ. އެހެންނަމަވެސް އެކި ސަބަބުތަކާ ހުރެ އެކަން ފުރިހަމަނުކުރެވި ލަސްވަމުން ގޮސް، ތެލެސީމިއާ ކުދިންނަށް ލޭއެޅުމުގެ ކަންކަން ވަރަށް ސީރިއަސް ޙާލަތަކަށް ދިއުމުން، ވީހާވެސް އަވަހަކަށް، ވީހާވެސް ފުރިހަމަކޮށް، އެކުދިންނަށްޓަކައި އޮރެންޖު ހިޔާގައި މޯލްޑިވްސް ބްލަޑް ސަރވިސަސް ޤާއިމު ކުރެއްވުމަށް ބޭނުންފުޅުވާތީ، އެ މަސައްކަތް ސިފައިންނާއި ޙަވާލު ކުރެއްވީ ކަމުގައި ރައީސް ވިދާޅުވި އެވެ.
މި މަސައްކަތް ސިފައިން ކުރިއަށް ގެންދިޔައިރު، ސިފައިންގެ އެންމެ މަތީ ލެވެލުން ފެށިގެން ހުރިހާ ލެވެލެއްގައި ބައިވެރިވުން މިކަމުގައި ފެނިގެން ދިޔަކަމާއި، އެތަން ނިންމާލާފައި ވަނީ ވަރަށް ފުރިހަމަ ކަމާ އެކު ކަން ފާހަގަ ކުރައްވައި ޝުކުރު އަދާކުރެއްވި އެވެ.
މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހުރިއްޔާ ވަނީ މޯލްޑިވްސް ބްލަޑް ސަރވިސަސް "އޮރެންޖު ހިޔާ" އިމާރާތަށް ބަދަލުކުރުމުގެ މަސައްކަތް ސިފައިން ކޮށްދެއްވާފައިވާތީ، އެކަމުގެ އަގުވަޒަންކޮށް ހަނދާނީ ފިލައެއް ދިވެހި ސިފައިންނަށް އަރުވާފަ އެވެ. އެމްއެންޑީއެފްގެ ފަރާތުން މި ފިލައާ ހަވާލުވެ ވަޑައިގެންނެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ އެވެ.
މި ރަސްމިއްޔާތުގައި، ދިފާޢީ ވަޒީރު، އޮނަރަބަލް މުޙައްމަދު ޣައްސާން މައުމޫންއާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، ކޮމާންޑަރުންނާއި އެ މަސައްކަތުގައި ހަރަކާތްތެރިވި ސިފައިން ބައިވެރިވި އެވެ.