ENGLISH
05 ޖުލައި 2025
ތުހުމަތުތަކަށް އިންކާރު؛ އަމީން ވިދާޅުވީ ސީޕީއަށް ގުޅުއްވީ ގެ ފާސްކުރަން ކޯޓު އަމުރެއް ބޭނުންނުވާނެ ކަމަށް ދެންނެވުމަށް ކަމަށް
15 މޭ 2025
|
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން - ފޮޓޯ: ރައްޔިތުންގެ މަޖިލިސް
މިދިޔަ މަހުގެ 18 ވަނަ ދުވަހު، އިމާރާތެއްގެ މަތިން އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ކުރެވޭ ތުހުމަތުތަކުގައި އެއްވެސް އަސާސެއް ނެތް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
މިދިޔަ އޭޕްރިލް މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު މައްސަލައާ ގުޅުވައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ މައްޗަށް އިދިކޮޅު އެމްޑީޕީން އިތުބާރު ނެތްކަމުގެ މައްސަލައެއް ވަނީ ހުށަހަޅާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ އެމްޑީޕީގެ 12 މެންބަރުން ސޮއިކުރައްވާ ހުށަހެޅުއްވި މިނިސްޓަރު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ މަސައްކަތް މިއަދު ފަށާފައިވާއިރު މިނިސްޓަރު އަމީން ވަނީ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން މައްސަލައަށް ޖަވާބުދާރީވެވަޑައިގެންފަ އެވެ.
އެގޮތުން ކޮންމެ ތުހުމަތަކަށް ވަކިވަކިން ޖަވާބުދެއްވާ މިނިސްޓަރު ވިދާޅުވީ އާއިލީ ގޮތުން ގުޅުންހުރި ބަޔަކު މި މައްސަލައިގައި ހިމެނޭ ކަމަށް ބަޔާން ކުރައްވާފައިވީ ނަމަވެސް އެމަނިކުފާނަށް އެނގިވަޑައިގެން ދައުލަތުގެ އިދާރާއަކުން ނުވަތަ ތަހުގީގީ އިދާރާއަކުން މިހާތަނަށް ހާމަކުރައްވާފައިވާ މައުލޫމާތަށް ރިއާޔަތްކުރާއިރު މި ހާދިސާއާ މިނިސްޓަރު އަމީންގެ ތިމާގެ މީހެއް ނުވަތަ އާއިލީ ގޮތުން ގުޅުންހުރި މީހެއް ހިމެނޭކަން ނުވަތަ ޝާމިލުވާކަން ހާމަކޮށްފައި ނުވާކަމަށެވެ.
"ހަގީގަތެއް ކަމަށް އިއްޒަތްތެރި މެންބަރުންނަށް އެނގިވަޑައިގަންނަވާނަމަ ނުވަތަ އެކަމަށް ބާރުދޭ ހެއްކާ ގަރީނާ ހުރިނަމަ އެ ހާދިސާ ތަހުގީގުކުރައްވާ ނުވަތަ ބައްލަވާ ފަރާތްތަކަށް އެކަން ހިއްސާކުރެއްވުމަކީ މިނިސްޓަރެއްގެ ހައިސިއްޔަތުން އަޅުގަނޑު އެ އިއްޒަތްތެރި މެންބަރުންގެ އަރިހުން އިހުތިރާމާއެކު އެދޭ އެދުމެއް. " - ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން
އަމީން ވިދާޅުވީ އެ ހާދިސާ މެދުވެރިވުމުގެ ކުރިން އެމަނިކުފާނު ދިރިއުޅުއްވާ ގެ ކަމުގައިވާ މއ. މާންދޫދެކުނު ގެގައި ޒުވާނުންތަކެއް މަސްތުވާތަކެތި ބޭނުންކޮށް، ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާކަމަށް ހާމަވާކަމަށް ވެސް ތުހުމަތު ކުރައްވާފައިވާ ކަމަށެވެ.
މިިނިސްޓަރު ވިދާޅުވީ އެ ގެ އަކީ އެމަނިކުފާނުގެ އިތުރުން ހަތަރު މީހެއްގެ ނަންމަތީގައިވާ ތަނެއް ކަމަށެވެ. އަދި އެތަން ހުރިހާ ފަރާތަކުން ވެސް ބޭނުންކުރާ ކަމަށެވެ. އޭގެ އިތުރުން ކޮމަން އޭރިއާއެއްގައި ޖިނާއީ ކުށެއް ކުރާ ހާލަތްތަކުގައި އޭގެ ޒިންމާ ވަކި އޯނަރެއް، އޭނާ ވަކި މަގާމެއްގައި އަދާކުރާތީ ނަގަންޖެހޭ ގާނޫނީ ނުވަތަ ބުއްދީގެ ހުއްޖަތެއް ނެތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ ތެރޭގައި މިނިސްޓަރު އަމީނަށް ބޮޑުބޭބެ ކިޔާ ދެމީހަކު ހިމެނޭކަން އެމަނިކުފާނުގެ އަމިއްލަ ބަހުން ވެސް އެނގި ހާމަވެފައިވާކަން ބަޔާންކުރައްވާފައިވާތީ އެކަމަށް ރައްދުދެއްވަމުން އަމީން ވިދާޅުވީ އެހެން ދަންނަވާފައި ނުވާނެ ކަމަށެވެ. އަދި އެހީ ސައްހަ ނޫން މައުލޫމާތެއްގެ މައްޗަށް ކޮށްފައިވާ ތުހުމަތެއް ކަމަށެވެ.
އަމީން ވިދާޅުވީ ފުލުހުން އާންމު ކުރި މައުލޫމާތުގައި އަމީން ދިރިއުޅުއްވާ ގޭގެ ނަން ހާމަކޮށްފައިވާނުވާއިރު އެ ނިންމުމަކީ ފުލުހުންގެ ނިންމުމެއް ކަމަށެވެ. އެގޮތުން އެ ހާދިސާގައި ޝާމިލުނުވާ ތަނެއްގެ ނަން އެ ހިނދު ހާމަ ކުރުމާއި ނުކުރުމަކީ ފުލުހުން ނިންމެވި ނިންމެވުމެއް ކަމަށާ ތަހުގީގީ އިދާރާތަކުން ހާމަކުރާނެ މައުލޫމާތާ ނުކުރާނެ މައުލޫމާތަކީ ކޮބައިކަން ނިންމާނީ ތަހުގީގީ އިދާރާތަކުން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މާންދޫދެކުނުގެ ބަލައިފާސްކުރުމަށް ހިންގުނު އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ސިއްރު ކުރުމަށް މަސައްކަތް ކޮށްފައިވާ ކަން އެނގެން އޮތްކަމަށް ތުހުމަތު ކޮށްފައިވީނަމަވެސް އެކަމުގައި ސިއްރު ކުރި ކަމެއް ނޯންނާނެ ކަމަށެވެ. އަދި އެ ހާދިސާ ހިނގިއިރު އެމަނިކުފާނު ހުންނެވީ ރާއްޖެއިން ބޭރުގައި ކަމަށް ވެސް ވިދާޅުވިއެވެ.
"އަޅުގަނޑު ދިރިއުޅޭ ގޭގެ އެހެން އޯނަރުންނާ ވާހަކަދެއްކުމަށްފަހު އަޅުގަނޑުމެންގެ ގެއަށް ފުލުހުން އައުމަށް ކޯޓު އަމުރެއް ބޭނުންނުވާނެ ކަން ދެންނެވުމަށް އޭރުގެ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުއަށް ދެންނެވުމަށް ގުޅާފައިވާނެ. ނަމަވެސް އެމަނިކުފާނު ފޯނަށް ޖަވާބުދެއްވާފައެއް ނުވޭ. އަޅުގަނޑަކީ ކެބިނެޓް މިނިސްޓަރަކަށް ވެފައި ދައުލަތުގެ އިދާރާތަކަށް ފަސޭހަ ކޮށްދިނުމަކީ އަޅުގަނޑުގެ ޒިންމާއެއް ކަމަށް ގަބޫލުކުރާތީ." - ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން
މިނިސްޓަރު ވިދާޅުވީ ވަކި ކަމެއް ވަކި ގޮތަކަށް ކުރުމަށް ނުވަތަ ނުކުރުމަށް އެއްވެސް ފަރާތަކަށް ނުފޫޒު ފޯރުވާފައި ނުވާނެ ކަމަށާ އެފަދަ ކަމެއް ކުރައްވަން ޖެހިވަޑައިގަންނަވާ ސަބަބެއް ވެސް ނެތް ކަމަށެވެ.
އަމީން ވަނީ އެ މައްސަލައިގައި އެމަނިކުފާނުގެ އާއިލީ މީހަކު ޝާމިލުވާކަން ތަހުގީގީ އެއްވެސް ފަރާތަކުން ހާމަކޮށްފައި ނުވާކަން ތަކުރާރުކޮށް ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނަށް ގާނޫނުން މަތި ކޮށްފަައިވާ ޒިންމާއަކާ ޚިލާފުވެފައި ނުވާނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓަރު ދެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ އެ ހަތް ތުހުމަތަކީ ޒައްރެއްގެ މިންވަރަށް ވެސް އެމަނިކުފާނާ ގުޅުމެއް އަދި އެއްވެސް ހަގީގަތެއް އޮތް ތުހުމަތުތަކެއް ނޫން ކަމަށެވެ. އަދި މިކަންކަމަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ. މި މައްސަލައިގައި މިއަދު ވޯޓަށް އަހާނެއެވެ.