ENGLISH
05 ޖުލައި 2025
އަމީންގެ ދިފާއުގައި ސަރުކާރު މެމްބަރުން: "އެމްޑީޕީން އުޅެނީ ހާލަތުގެ ނާޖާއިޒު ފައިދާ ނަގައިގެން އޮޅުވާލަން"
15 މޭ 2025
|
ރައްޔިތުނގެ މަޖިލީހުގެ ތަޅުން (ފޮޓޯ/ މަޖިލީސް)
މިދިޔަ އޭޕްރިލް މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅުވައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ މައްޗަށް އިދިކޮޅު އެމްޑީޕީން އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ، ހާލަތުގެ ނާޖާއިޒު ފައިދާ ނަގައިގެން ހަގީގަތް އޮޅުވާލުމަށް ކަމަށް ވިދާޅުވެ ސަރުކާރު ހިންގާ ޕީއެންސީގެ މެމްބަރުން މިނިސްޓަރުގެ ދިފާއުގައި ނުކުންނަވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދައުރުގެ ފަހު ޖަލްސާއަށް ވަނީ މަޖިލީހުގެ މައިނޯރިޓީ އެމްޑީޕީގެ 12 މެމްބަރުން ސޮއިކުރައްވާ ހުށަހެޅުއްވި މިނިސްޓަރު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށް މަސައްކަތް ފަށާފަ އެވެ. މިއަދުގެ ޖަލްސާއަށް މިނިސްޓަރު އަމީން ވަނީ ހާޒިރުވެވަޑައިގެން މައްސަލައަށް ޖަވާބުދާރީވެވަޑައިގެންފަ އެވެ. ޖަވާބުދާރީވުމަށް ލިބިވަޑައިގެންނެވި ފުރުސަތުގައި އޭނާ ވަނީ އިދިކޮޅުން ކުރާ ހުރިހާ ތުހުމަތުތަކެއް ދޮގުކުރައްވައި ރައްދުދެއްވާފަ އެވެ.
އޭގެ ފަހުން މައްސަލައާ ގުޅިގެން މެމްބަރުންނަށް ވާހަކަދައްކަވަން ފުރުސަތު ލިބިވަޑައިގެންނެވުމުނ މެޖޯރިޓީ ޕީއެންސީން ވަނީ ވަޒީރުގެ ދިފާއުގައި ވާހަކަދައްކަވާފަ އެވެ.
އެގޮތުން، މެޖޯރިޓީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ދެއްކެވި ވާހަފުޅުގައި، މައްސަލަ ހުށަހެޅުއްވިއިރު މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީގެ އަޑުގައި "އާދަޔާ ޚިލާފު ތުރުތުރެއް" ހުރިކަން ފާހަގަކުރައްވާ، އެއީ މެމްބަރު އިތުރުފުޅު ހައްދަވަމުން ގެންދިއުމުންވީ ގޮތަކަށް ވެދާނެ ކަމަށް ވިދާޅުވި އެވެ.
އެއާއެކު މައިނޯރިޓީ ލީޑަރު އިބްރާހީމް ނާޒިލް ނިޒާމީ ނުކުތާއެއް ނަންގަވައި، އިދިކޮޅު މެމްބަރުންނަށް ނިސްބަތްކޮށް ސަރުކާރު މެމްބަރުން "އަވަގުރާނަ" ގޮވަމުންދާ ކަމަށް ވިދާޅުވި އެވެ. ނާޒިލްގެ މައިކު ކަނޑާލުމުން އިތުރަށް އަޑުގަދަ ކުރައްވަން ފެއްޓެވި އެވެ. ވަކި ހިސާބަކުން މައިނޯރިޓީގެ އެހެން މެމްބަރުންނާއެކު ރިޔާސަތުގެ ކުރިމަތީގައި އަޑުގަދަކުރައްވަމުން ގެންދެވި އެވެ. އެވަގުތު ރިޔާސަތުން ގެންދެވީ މެމްބަރުންނަށް ނަސޭހަތްތެރިވެވަޑައިގަންނަވަމުން ނެވެ.
ނާޒިލް ނެންގެވީ ނިޒާމީ ނުކުތާއެއް ނޫން ކަމަށް ނިންމަވައި ފަލާހަށް އޭނާގެ ވާހަކަ ކުރިއަށްގެންދިއުމުގެ ފުރުސަތު ރިޔާސަތުން ދެއްވުމުން އަނެއްކާވެސް ނާޒިލް އަޑުގަދަކުރައްވަން ފެއްޓެވި އެވެ. އޭގެ ރައްދުގައި ރިޔާސަތުން ވިދާޅުވީ ނާޒިލް، ނިޒާމީ ނުކުތާ ނަންގަވަމުން ހެއްދެވީ އިތުރުފުޅެއް ހައްދަވައިގެން ކަމަށެވެ.
އެއާއެކު ދެން ފެނިގެންދިޔައީ ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް ނިޒާމީ ނުކުތާއެއް ނެންގެވި މަންޒަރެވެ. އޭރުވެސް ތަޅުމުގައި މެމްބަރުން ނުރުހުން ފާޅުކުރައްވާ އަޑު، ލައިވް ސްޓްރީމުން އިވެ އެވެ. އަމީންގެ ވާހަކަފުޅުގައި ފާހަގަކުރެއްވީ މައްސަލަ ހުށަހެޅުއްވި މެމްބަރަށް ނިސްބަތްކޮށް އިހުތިރާމްކުޑަކޮށް އެއްވެސް މެމްބަރަކު ވާހަކަ ދެއްކެވުން ބަލައިނުގަނެވޭ ކަމަށާއި ރިޔާސަތުން އެފަދަ ކަންކަން ހުއްޓުވަން ޖެހޭނެ ކަމެވެ.
ޖަވާބުގައި ރިޔާސަތުން، މެމްބަރުންގެ މެދުގައި އެކަކު އަނެކަކަށް މާލާމަތްކޮށް ފުރައްސާރަނުކުރުމަށް ނަސޭހަތްތެރިވެވަޑައިގެން އަމީންގެ ނިޒާމީ ނުކުތާ ބަލައިގަންނަ ކަމަށް އިއުލާނުކުރެއްވި އެވެ.
ފަލާހު އަށް ލިބިވަޑައިގެންނެވި ތިން ވަނަ ފުރުސަތުގައި އޭނާ ދެއްކެވީ އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮތް 19 ވަނަ މަޖިލީހުން އިތުބާރު ނެތްކަމުގެ މައްސަލަތައް ވައްދައި، އަމަލުކުރި ގޮތުގެ ވާހަކައެކެވެ.
"މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވައްދައިގެން ތަޅުވަމުން ތަޅުވަމުން ގޮސް އެންމެ ފަހުން އެމަނިކުފާނަށް ވަކިކުރައްވާނެކަން ޔަގީންވީމަ އެމަނިކުފާނު އަމިއްލައަށް އިސްތިއުފާ ދެއްވީ. ދެން ބައްލަވާ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް އެބޭފުޅުންގެ އެހާބޮޑު މެޖޯރިޓީއެއް އޮތް މަޖިލީހަށް ހުށަހަޅައިގެން ތަޅުވަމުން ތަޅުވަމުން ގޮސް ވަކިކުރައްވާނެކަން ޔަގީންވީމާ އީވާ އަމިއްލަފުޅަށް އިސްތިއުފާދެއްވީ،" ފަލާހު ވިދާޅުވި އެވެ.
މި މައްސަލައާ ގުޅިގެން ވާހަކަދައްކަވަމުން މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ވިދާޅުވީ ގައުމުގައި ނުރައްކާތެރި ހާދިސާއެއް ހިނގައިގެން އުޅޭއިރު، އެކަމުގެ ސައްހަ ނޫން މައުލޫމާތު ބޭނުންކޮށްގެން އެމްޑީޕީން އޭގެ ނާޖާއިޒު ފައިދާ ނަގަން އުޅޭ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
"އެކަމަކު ހުށަހަޅައިގެން އުޅޭ މައްސަލައާ މޯލްޑިވްސް ޕޮލިސް ސާވިސްއިން ތަހުގީގު ކުރަމުންދިޔައިރުގައި މައުލޫމާތު ދިނުމުގައި ލަސްތަކެއް ހުރުމާއި ނުވަތަ ރަނގަޅު އިންފޮމޭޝަން ނުދެވި ހުރުމުގެ ޒިންމާއެއް އޮތިއްޔާ އެއީ މިނިސްޓަރު އަމީންގެ ޒިންމާގެ ތެރޭގައި ހިމެނޭ ކަމެއް ނޫން،" ތޯރިގް ވިދާޅުވި އެވެ.
މި ވާހަކަތަކަށް ބާރުލިބޭ ގޮތަށް ވާހަކަދައްކަވަމުން ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ދީދީ ވެސް ވިދާޅުވީ އަމީންގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން ހުށަހެޅީ ރައްޔިތުންނަށް ކަމުގެ ހަގީގަތް އޮޅުވާލުމުގެ ބޭނުމުގައި ކަމަށެވެ. މެމްބަރު މި މައްސަލަ ސިފަކުރެއްވީ ވެސް "ސަރުކާރު ހުއްޓުވަންވެގެން ސަރުކާރަށް ޖެއްސުމަށް ފުރައްސާރަކުރުމަށްޓަކައި" ހުށަހެޅި މައްސަލައެއްގެ ގޮތުގަ އެވެ.