ENGLISH
05 ޖުލައި 2025
ހަގީގީ މާނައިގައި ރައްޔިތުން ބާރުވެރިކުރެވޭނީ އިންތިޚާބީ ބޭފުޅުން ވަކިކުރުމުގެ ފުރުސަތު ރައްޔިތުންނަށް ދެވިގެން: ރައީސް
15 މޭ 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް
ހަގީގީ މާނާގައި ރައްޔިތުން ބާރުވެރިކުރެވިގެންދާނީ އިންތިޚާބީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން އެ މަގާމުތަކުން ދުރުކުރުމުގެ ބާރުވެސް، ރައްޔިތުންނަށް ދެވިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
"ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ ހަ ވަނަ އެޕިސޯޑްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުން އިންޚާބުކުރާ މަގާމަކަށް މެންބަރަކު އިންތިޚާބު ވުމަށްފަހު އެ މީހަކު ކޮންމެ ގޮތަކަށް ކަންތައްތައް ކުރިނަމަވެސް ރައްޔިތުންނަށް އެ މީހެއްގެ ގައިގައި އަތްލުމުގެ ބާރު ނޯންނަ ކަމަށެވެ. އެމީހަކު ބޭއިންސާފުން ކަންތައް ކުރި ނަމަވެސް އެކަމާ މެދު ރައްޔިތުންނަށް ކުރެވޭނެ ކަމެއް ނޯންނަ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"ރައްޔިތުން ހަގީގީ މާނައިގަ ބާރުވެރިކުރުވަންށޭ އަޅުގަނޑު ބޭނުންވަނީ. އިންތިޚާބު ވުމަށްފަހު ދެން އޭނަ ގައިގަ އަތްލެވޭނެ ގޮތެއް ނޯވޭ. ރައްޔިތުންނަށް އަތްލެވޭނެ ގޮތެއް. ގޯސް ކަމެއް ކޮށްގެން. ކައުންސިލަރެއް ކަމުގައި ވިޔަސް، މަޖިލިސް މެންބަރެއް ކަމުގައި ވިޔަސް އަދި އެއްވެސް މަގާމަކަށް ރައްޔިތުން އިންތިޚާބުކޮށްފަ ހުންނަ މީހަކު، އެ މީހަކު ރައްޔިތުންނަށް ވަކި ކުރެވޭނެ ގޮތެއް ނެތް، އަދިއެއް." - ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
އެހެންކަމުން ހަގީގީ މާނައިގައި ރައްޔިތުން ބާރުވެރިކުރުމަށްޓަކައި އެމަނިކުފާނުގެ ވިސްނުންފުޅަކީ އިންތިޚާބީ މަގާމެއްގައި ހުންނަ މީހަކު ހޮވުމަށްޓަކައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ދެބައިކުޅަ އެއްބަޔަކަށް ވުރެ ގިނަ މީހުން ބޭނުންނަމަ އެމީހަކު އެ މަގާމުން ވަކި ކުރުމުގެ ބާރު ރައްޔިތުންނަށް ދިނުން ކަމަށެވެ.
"އަޅުގަނޑު މި ހުށަހަޅަނީ ރިކޯލް ވޯޓު ނުވަތަ ރައްޔިތުން ގާތަށް އަނބުރާ ދާން ސުވާލު ކުރުމުގެ ފުރުސަތު، ރައްޔިތުން އޭނަ ވަކިކުރަން ބޭނުންވަންޏާ ވަކިކުރުމުގެ ފުރުސަތު ލިބޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅަން. މާނައަކީ މިސާލަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ނުވަތަ ކައުންސިލް މެންބަރަކު ވަކި ކުރަން ރައްޔިތުން ބޭނުން ވަނީ. އަދި އެ ނޫން މަގާމެއްގައި ހުރި މީހެއް ކަމުގައި ވިޔަސް ރައްޔިތުން އެ މީހަކު ވަކި ކުރަން ބޭނުން ވަންޏާ އެއީ އަޅުގަނޑުވެސް ހިމެނޭ ގޮތަށް އެ މީހަކު އިންތިޚާބު ކުރުމަށްޓަކައި ވޯޓުލުމުގެ ހައްގު އޮތް މީހުން، އެ މީހަކު ހޮވުމުގެ ހައްގު އޮތް މީހުންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން ބޭނުންވަންޏާ އޭނަގެ މަގާމުން އޭނަ ދުރުކުރުން. " - ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސް ވިދާޅުވީ އެ ފުރުސަތު ލިބެން ޖެހޭ ކަމަށެވެ. އެހެން ނޫންނަމަ ހަގީގީ މާނައިގައި ރައްޔިތުން ބާރުވެރި ނުކުރެވޭނެ ކަމަށް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވިއެވެ.