ENGLISH

05 ޖުލައި 2025

Advertisement

އުނިސިފަތަކުގެ ވާހަކަ ނުދައްކައި ދެމަފިރިން ހަނދާންކުރަންވީ އަނެކާވީ ޤުރުބާނީ: އިސް ޤާޟީ މާހިރު

15 މޭ 2025

|

ޢަލީ ޝަހީމް

ޒަވާޖީ ހަޔާތުގެ ދިގު ދަތުރުގައި އަނެކާގެ ކިބައިން ފެނުނު އުނި ސިފަތައް ހަނދާން އާކުރުމުގެ ބަދަލުގައި ހަނދާންކުރަންޖެހޭ ކަމަކީ ދިރިއުޅުމުގައި އަނެކާވީ ޤުރުބާނީ ކަމަށް ފެމިލީ ކޯޓުގެ އިސްޤާޟީ  އިބްރާހީމް މާހިރު ވިދާޅުވެއްޖެއެވެ. 

ބައިނަލްއަޤްވާމީގޮތުން މިއަދު ފާހަގަކުރާ ޢާއިލާތަކުގެ ދުވަހާ ގުޅުވައިގެން ފެމިލީ ކޯޓުގެ އިސް ޤާޟީ މާހިރު މިއަދު ދެއްވި މެސެޖުގައި ވަނީ، ފެމިލީ ކޯޓަށް ހުށަހެޅޭ ވަރީގެ މައްސަލަތަކަށް ރިޢާޔަތްކުރައްވައި ރާއްޖޭގެ ޙާލަތު ތަފްސީލުކޮށްދެއްވައިފައެވެ. 

މެސެޖު ފެއްޓެވުމުގެ ގޮތުން އިސް ޤާޟީ ދެއްކެވީ ފެމިލީ ކޯޓަށް ހުށަހެޅުނު ވަރީގެ މައްސަލައެއްގައި ކަންހިނގިގޮތުގެ މިސާލެކެވެ. އެގޮތުން ވަރީގެ މައްސަލައެއްގައި ޝަރީޢަތަށް ހާޒިރުވި ދެމަފިރިއަކު ކޯޓުގައި ހޭދަކުރި ވަގުތުކޮޅަށްފަހު، މައްސަލަ ކުރިއަށް ނުގެންގޮސް ދައުވާ ފޯމު ބާތިލުކޮށްދިނުމަށް އެދުނުކަމަށް އިސް ޤާޟީ ވިދާޅުވިއެވެ. 

"...އެމީހުން ކިޔައިދިން ގޮތުގައި، ދެމަފިރިންގެ ދެމެދު މައްސަލަ ޖެހި ކޯޓަށް މައްސަލަ ހުށަހެޅުމާ ހަމައަށް އައިއިރު ވެސް ޙަޤީޤީ މައްސަލަތަކާ ގުޅޭގޮތުން ވާހަކަ ނުދެކެވެއެވެ. ކޯޓުގައި ހޭދަވި ވަގުތު ވީ އެމީހުންނަށް އަގުހުރި ވަގުތުކޮޅަކަށެވެ. ކޯޓުގައި ދެމީހުން ވާހަކަ ދެއްކީ މަޑުމައިތިރިކަމާ އެކުގައެވެ. ގަދަބަސްބުނެ، އަނެކާ ދައްކާ ވާހަކަ ހުއްޓުވާކަށް ނޫޅެއެވެ. އެކަކު އަނެކަކު ކުށްވެރިނުކޮށް މައްސަލަތަކާ މެދު ފުންކޮށް ވިސްނާލުމުގައި ވަގުތުކޮޅެއް ހޭދަވުމުގެ ނަތީޖާއަކަށްވީ، އަދިވެސް އުފާވެރި ދިރިއުޅުމެއް އެކުގައި އުޅެވިދާނެކަމަށް ދެމީހުންނަށް ވެސް ޤަބޫލުކުރެވުމެވެ." އިސް ޤާޟީގެ މެސެޖުގައި ވިދާޅުވެފައިވެއެވެ. 

އިސް ޤާޟީ މާހިރި ވިދާޅުވީ އެންމެ ބޮޑު މައްސަލައަކީ ކޯޓާ ހިސާބަށް ދާއިރު ވެސް މުހިއްމު ކަންކަމާ މަޝްވަރާ ކުރެވިފައި ނުހުންނަ ކަމެވެ. އެގޮތުން ވަރިވުމަށްފަހު ދިރިއުޅުން ކުރިއަށްގެންދާނެ ގޮތްތަކާއިމެދުވެސް ޚިޔާލުބަދަލު ނުކުރެވި ހުންނަކަމަށް އިސް ޤާޟީ ފާހަގަކުރެއްވިއެވެ. 

ވަރިވުމުގެ ކުރިން އަސާސީ ކަންކަމާ މެދު މަޝްވަރާ ކުރެވޭނަމަ، ކައިވެނިމަތީގައި ދެމިތިބެންޖެހޭ އެތައް ސަބަބެއް ފެންނާނެކަމަށް އިސް ޤާޟީ ވިދާޅުވިއެވެ. އެކަން އެގޮތަށް ވުމުގައި ސޯޝަލް މީޑިއާގައި އުދާސްތައް ބޭރުނުކޮށް، ދެމީހުން އެކަކު އަނެކަކުގެ ވާހަކަ އަޑުއަހަންޖެހޭ ކަމަށް ވެސް އިސް ޤާޟީ ފާހަގަކުރެއްވިއެވެ. 

ވަރީގެ ނިސްބަތް ރާއްޖޭގައި މަތިވެފައިވާއިރު، ދިގު މުއްދަތުވެފައިވާ ކައިވެނިތައް ރޫޅޭ އަދަދު ގިނަވަމުންދާކަމަށް އިސް ޤާޟީ ވިދާޅުވިއެވެ. ދެމަފިރިން އެކުގައި އުޅުމަށް ގިނަ ވަގުތު ލިބޭ އުމުރުގައި ކައިވެނިތައް ރޫޅެން މެދުވެރިވުމަކީ ސަމާލުކަން ދޭންޖެހޭ ކަމެއްކަމަށް އިސް ޤާޟީ ފާހަގަކުރެއްވިއެވެ.  

""ޒަވާޖީ ޙަޔާތުގެ ދިގު ދަތުރުގައި އަނެކާގެ ކިބައިން ފެނުނު އުނި ސިފަތައް ހަނދާން އާކުރުމުގެ ބަދަލުގައި މި ޢުމުރުގައި ހަނދާންކުރަންޖެހޭ ކަމަކީ ރަނގަޅު ކަންކަމެވެ. ދިރިއުޅުމުގައި އަނެކާވީ ޤުރުބާނީއެވެ" " - ފެމިލީ ކޯޓުގެ އިސްޤާޟީ އިބްރާހީމް މާހިރު

އިސް ޤާޟީ ވިދާޅުވީ ޢާއިލީ މައްސަލަތަކުގައި ޢަދުލުވެރިކަން ޤާއިމުކުރުމުގެ އިތުރުން ކޯޓުން ބާރު އަޅަނީ ޢާއިލީ ދިިރިއުޅުން އުފާވެރިކުރުވާށެވެ. އެހެންނަމަވެސް ކައިވެނިމަތީ ދެމިތިބެގެން އެމަގު ފެންނަން ނެތްނަމަ ދެމަފިރިން ޞުލްހަވެރިކަމާއެކު "ކާމިޔާބު ވަރި" އަކުން ވަރިވުމަކީ މައްސަލައެއް ކަމަށް ކޯޓުން ނުދެކޭ ކަމަށް އިސް ޤާޟީ އިބްރާހީމް މާހިރު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު