ENGLISH

05 ޖުލައި 2025

Advertisement

އަތޮޅު ކައުންސިލްތައް އުވާލުމުގެ ވިސްނުންފުޅު ގެންގުޅުއްވާކަމަށް ރައީސް ވިދާޅުވެއްޖެ

15 މޭ 2025

|

ހަސަން އާމިރު

އަތޮޅު ކައުންސިލްތައް އުވާލުމުގެ ވިސްނުންފުޅު ގެންގުޅުއްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަަދު ވިދާޅުވެއްޖެ އެވެ.

"ރައްޔިތުންނާ އެކު" ޕޮޑްކާސްޓް ސިލްސިލާގެ ހަ ވަނަ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އަތޮޅު ކައުންސިލް ކިޔާފައި ވަކި ކައުންސިލެއް ބާއްވަން ނުފެންނަ ކަމަށް ގާނޫނު އަސާސީ އަށް ގެންނަ އިސްލާހުތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ. 

"މިހާރު މި އޮންނަނީ އަތޮޅު ހިންގަން ވަކި ކައުންސިލެއް އޮވެފައި، އަތޮޅު ކައުންސިލްގެ ރައީސަކު ހޮވާފައި ހުރިހާ ރަށެއްގެ ރަށު ކައުންސިލްގެ ރައީސުން އަތޮޅު ކައުންސިލް ހިންގަން އަންނަ ގޮތަށް. މީގަ ވާގޮތަކީ އަތޮޅުގެ ކަމެއްގައި މަޝްވަރާކުރަން ބައްދަލު ކުރިއަސް އެ ރަށެއްގެ ކަމެއް އެ ރަށުގެ ކައުންސިލަރަށް އިސްކުރެވެނީ. މުޅި އަތޮޅުގެ ކަމެއްގައި ވާހަަކަ ދެކެވޭ ވަރު މަދު. ގިނަ ފަހަރަށް ބައްދަލުވުންތައް ބޭއްވެނީ އޮންލައިންކޮށް، އެއްތަނަކަށް ނާދެވި،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ހުރިހާ ކަމެއް މިހެން ހުރުމާ އެކު ހުށަހަޅުއްވަން ގަސްދު ކުރައްވަނީ އަތޮޅު ކައުންސިލްތައް ނޯންނަ ގޮތަކަށް ކަމަށެވެ. 

ރައީސް އިތުރަށް ވިދާޅުވީ ކައުންސިލްތަކަށް ދޫކުރެވޭ ފައިސާ ޚަރަދުކުރެވެނީ ރައްޔިތުންގެ ލާބައާއި މަންފާއަށްކަން ކަށަވަރުކުރުމަށްޓަކައި ފިނޭންސް މިނިސްޓްރީގެ ދައުރެއް އޮންނަގޮތަށް، ފައިސާގެ ޚަރަދުތައް ބެލޭނެ ގޮތަށް ހައްދަވާނެ ކަމަށެވެ. ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ދޭ ފައިސާ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތުގައިތޯ ހޭދަކުރަނީތޯ ބެލޭނެ ނިޒާމެއް ގެންނަވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މިހާރު ވާ ގޮތަކީ ތަޖްރިބާ ދަތުރޭ ކިޔާފައި ބްލޮކް ގްރާންޓް ނަގައިގެން މުޅި ކައުންސިލް އެއްކޮށް މި ދަނީ ބެންކޮކަށާއި އެކި ތަންތަނަށް. ރައްޔިތުންނަށް އެކަމުން ކޮން ފައިދާއެއްތޯ ކުރަނީ. އެއީއެއް ނޫން ބްލޮކް ގްރާންޓް ބޭނުން ކުރަން އޮންނަ ގޮތަކީ. އަނެއް ބައި ކައުންސިލްތަކުން މިކުރާ ކަމަކީ ގާނޫނުން ކައުންސިލްތަކަށް މަތިކޮށްފައިވާ ޒިންމާ އަދާކުރަން ދޭ ފައިސާ ޚަރަދު ނުކޮށް، ދައުރު ނިމެންވާ އިރަށް ސޭވްކޮށްފައި ބަހައްޓަނީ. ހަގީގަތުގައި މި ކުރާ ކަމަކީ އަމިއްލަ އުފަލަށް ދަތުރު ވެސް ދަނީ ސޭވް ވެސް ކުރަނީ. މިކަހަލަ ބޭކާރު ކަންކަން ކުރަނީ. އެހެންވީމާ ކައުންސިލްތަކަށް ދޭ ފައިސާ ޚަރަދު ކުރަނީ ރައްޔިތުންނަށް ބޭނުންތެރި ގޮތުގައިތޯ ބެލުން ވެސް އެބައޮތް،" ރައީސް ވިދާޅުވިއެވެ.

ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މެމްބަރުން އިންތިޚާބު ކުރެވޭ މިންވަރަށްވެސް ބަދަލުތަކެއް ގެނައުމުގެ ވިސްނުންފުޅު، ރައީސުލްޖުމްހޫރިއްޔާ ވަނީ ޙިއްޞާކުރައްވާފައެވެ. އެގޮތުން 2000 އަށްވުރެ މަދު އާބާދީތަކަށް ތިން މެމްބަރުން އަދި 2000 އަށްވުރެ ބޮޑު އާބާދީތަކަށް ފަސް މެމްބަރުން އައްޔަން ކުރާ ގޮތަށް ބަދަލު ކުރަން ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކައުންސިލްގެތަކުގެ އަންހެން މެންބަރުންގެ އަދަދު 33 އިންސައްތައިން 40 އިންސައްތަ އަށް އިތުރު ކުރަން ނިންމަވާފައިވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު