ENGLISH
05 ޖުލައި 2025
އެންމެ ރަނގަޅު ގޮތަކަށް ވާނީ ދެ އިންތިޚާބު އެކުގައި ބޭއްވުން، ރައްޔިތުންގެ ޚިޔާލަށް ދާނަން: ރައީސް
15 މޭ 2025
|
ޕޮޑްކާސްޓްގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް
އެމަނިކުފާނު ގަބޫލުފުޅުކުރައްވާ ގޮތުގައި އެންމެ ރަނގަޅު ގޮތަކަށް ވާނީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުން ކަމަށާއި، އެހެންނަމަވެސް އެކަމުގައި ގޮތެއް ނިންމާނީ ރައްޔިތުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
"ރައްޔިތުންނާ އެކު" ޕޮޑްކާސްޓްގެ ހަ ވަނަ ޕްރޮގްރާމްގައި މިއަދު ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ އިންތިޚާބުތައް އެއްކޮށްލުމުން ޚަރަދު ވަރަށް ބޮޑުތަނުން ކުޑަވާނެ ކަމަށާއި، އެންމެ މުއްސަނދި އަދި އެންމެ ބޮޑެތި ޤައުމުތަކުގައި އޮންނަ ގޮތަށް ރާއްޖޭގައި ކަންކަން އޮންނަންޖެހޭ ކަމަށް އެމަނިކުފާނު ގަބޫލުފުޅުނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި މައިގަނޑު ގޮތެއްގައި އޮންނަނީ ކައުންސިލް އިންތިޚާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އަދި ރިޔާސީ އިންތިޚާބު ކަމަށެވެ.
"މީގެ ތެރެއިން ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިހާބާ ދޭތެރޭ ގާތްގަނޑަކަށް މި ހޭދަވަނީ ހައެއްކަ މަސް. ހޭދަވެގެން ދާއިރުގަ އަޅުގަނޑު ހިތުން ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތަކަށް ވާނީ ދެ އިންތިޚާބުވެސް އެކުގަ ބޭއްވިގެން ދިއުން. މީ އަޅުގަނޑުމެން ރައްޔިތުންގެ ޚިޔާލަށް ދާނެ ކަމެއް. ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއްވެސް ނަގަންޖެހޭ ކަމެއް. އަޅުގަނޑު ވަކި ގޮތަކަށް ނިންމައިގެން ނިންމޭނެ ކަމެއް ނޫން. ނުވެސް ނިންމާނަން ނިންމެން އޮތަސް. އަޅުގަނޑު ބޭނުންވަނީ ރައްޔިތުންގެ ކިބައިން އަހައިގެން ގޮތެއް ނިންމަން" - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސް ވިދާޅުވީ ޑިމޮކްރަސީގެ އުސޫލުތައް ތަންފީޒުކުރާއިރު ރައްޔިތުންގެ ބާރުވެރިކަމާއި، ޤާނޫނީ ވެރިކަން އަދި ދެފުށްފެންނަ ނިޒާމެއް އޮވެ ހުރިހާ ކަމެއް ފުރިހަމަވެގެން ދިއުމަކީ އެމަނިކުފާނުގެ ވިސްނުންފުޅު ކަމަށެވެ. އެހެންނަމަވެސް ގޮތް ނިންމަވާނީ ރައްޔިތުންގެ ބައިވެރިވުމާ އެކުގައި ކަމަށް ޕޮޑްކާސްޓްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
"މިކަން ރައްޔިތުން ނިންމާނީ. ދެ އިންތިޚާބު އެކުގަ ބޭއްވީމަ އަޅުގަނޑަށް ފެންނަނީ އެއީ މި ރާއްޖެއަށް އެންމެ އެކަށީގެންވާ ގޮތްކަމަށް. އެހެންވީމަ އެކަމުގަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމާ ގުޅޭގޮތުން އަޅުގަނޑުމެން މިހާރު މިވަނީ ވިސްނާފަ. އަދި އެކަމުގަ ގާނުނުތަކަށް ގެންނަން ޖެހޭ، ފެންނަ ނުފެންނަ ވޯޓާއި ރިފަރެންޑަމް އަށް ގެންނަންޖެހޭ ގާނޫނެއްވެސް ފާސްކުރަންޖެހޭ. ދެވަނަ ދައުރަކަށް ޖޫން މަހުގެ ތެރޭގައި މަޖިލިސް ހުޅުވިގެން ދިޔައީމަ އެކަމާ ބެހޭ ބިލެއް ހުށަހެޅުމުގެ މަސައްކަތްތަކެއް އެބަކުރެވޭ" - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސް ވިދާޅުވީ މައިގަނޑު ދެ އިންތިޚާބު އެއްކޮށްލުމުގެ އިތުރުން، ރިޔާސީ އިންތިޚާބު ބާއްވާއިރު ޕްރިފަރެންޝަލް ވޯޓިން ނިޒާމަށް އެމަނިކުފާނު ތާއިދުކުރައްވާ ކަމަށެވެ. އެއީ އެންމެ ގިނަ ރައްޔިތުންގެ ބައިވެރިވުން އޮތުމާއެކު ރައީސްކަމަށް ބޭފުޅަކު އައްޔަނުކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ނިޒާމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެ ހުރިހާ ކަމެއްގައި ވެސް ގޮތް ނިންމަވާނީ ރައްޔިތުންގެ ޚިޔާލާ އެކުގައި ކަމަށް ރައީސް ތަކުރާރުކޮށް ވިދާޅުވިއެވެ.