ENGLISH

05 ޖުލައި 2025

Advertisement

އާއިލީ ގުޅުންތައް: ކިހާ މަތިވެރި ނިޢުމަތެއްތޯ!

15 މޭ 2025

|

ޝަރާ އަބްދުﷲ

ރައީސުލްޖުމްހުރިއްޔާ މުހައްމަދު މުޢިއްޒުގެ އާއިލާއާ އެކު. ..ފޮޓޯ: ރައީސް އޮފީސް

މިއަދަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އާއިލާތަކުގެ ދުވަހެވެ. ކޮންމެ އަހަރެއްގެ މެއި މަހުގެ 15 ވަނަ ދުވަސް އާއިލާތަކުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަން އދ. އިން ނިންމާ، 1994 އަހަރުން ފެށިގެން އާއިލާ ދުވަހުގެ ގޮތުގައި މެއި 15 އަންނަނީ ފާހަގަކުރަމުންނެވެ.

މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ އާއިލާގެ ލޯތްބާ އަޅާލުމުގެ މުހިންމުކަން ބުނެދީ، އެ ގުޅުން ދެމެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށެވެ. ކޮންމެ މީހެއްގެ ވެސް ލޯބިވާ އާއިލާއެއް އޮންނާނެކަން ހަމަ ޔަޤީނެވެ.  

މައިންބަފައިންނާއި އަނބިދަރިންނާއި އާއިލާއަށްވުރެ އަގުބޮޑު ގުޅުމެއް އަދި ނިޢުމަތެއް ނެތެވެ. އާއިލާއާ އެކު ކުރިއަށްދާ މީހަކަށް ދިމާވާ ކޮންމެ ކަމަކާ، ކުރިމަތިލާނީ އެންމެން އެކުއެކީގައި އެކަތިގަނޑެއްގެ ގޮތުގައެވެ.

މިފަދަ މުހިންމު ދުވަހެއް ފާހަގަކުރާއިރު، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހެއްގެ އަމިއްލަ ނަފްސު ވަޒަންކޮށްލުން މުހިންމެވެ. އަނބިދަރިންނާއި މައިންބަފައިންނާ އޮތް ގުޅުމާއި، ތިމާގެ ފަރާތުން އެމީހުންނަށް ލިބޭ އަޅަލުމާއި ލޯބީގެ މައްޗަށް އަމިއްލަ ނަފުސް ވަޒަންކޮށްލަންޖެހެއެވެ. އަދި އާއިލީ ގުޅުންތައް ވަރުގަދަކޮށް އެކަކު އަނެކަކާއެކު ގިނައިން ވަގުތު ހޭދަކުރުމަކީ ކޮންމެ މީހަކުވެސް ކުރަންޖެހޭނެ ކަމެކެވެ.

އާއިލީ ގުޅުންތައް ދަމަހައްޓާ ބަދަހިކުރުމަށް ކުރެވިދާނެ ކަންކަމުގެތެރޭގައި، ކޮންމެ ދުވަހަކުވެސް ވަކި ވަގުތެއް އާއިލާއަށް ހުސްކުރުމާއި، ދަރިންގެ ކިޔެވުމާއި ތަރުބިއްޔަތު ކުރުމުގައި މަންމައާއި ބައްޕައާއި އަދި މާމަ، ކާފަގެ ޙިއްސާ އިތުރުކުރުން ވަރަށް މުހިންމެވެ. އަދި އެއް ސުފުރާއެއްގައި، އެކުގައި ކެއުމާއި، ޚާއްސަ ދުވަސްތައް އެކުގައި ފާހަގަކުރުމާއި ހަފްތާ ބަންދުގައި އަނބި ދަރިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ.

ދިވެހިރާއްޖެއަކީ ދުނިޔޭގެ އެންމެ ވަރި ގިނަ އެއް ޤައުމެވެ. ވަރި ގިނަ ވާން މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ އަނބިދަރިންނަށް ދޭން ޖެހޭ ވަރަށް ވަގުތު ނުދެވުމެވެ. މިކަމުގެ ސަބަބުން ދިވެހި އެތައް ޒުވާނުންނެއް ތިބެނީ ކައިވެނި ކުރަން ފަސްޖެހިފައެވެ. އާއިލާއެއް ބިނާ ކުރަން ކިތަންމެ ބޭނުން ވިޔަސް ނުކެރިފައެވެ.

ރާއްޖެއަކީ، ޤައުމުގެ އިޖްތިމާޢީ ތަރައްޤީގައި ޢާއިލާތަކުގެ މުހިންމު ދައުރެއް އޮންނަކަން އަބަދުވެސް ޤަބޫލުކުރާ ޤައުމެކެވެ. އެގޮތުން ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީގެ ޕްލޭންތަކުގައި ސިޔާސަތުތައް ހިމެނުމުގައި ޢާއިލާތަކަށް އަމާޒުކޮށް މުހިންމު ފިޔަވަޅުތަކެއް އަޅާފައިވެއެވެ. މީގެ ތެރޭގައި އާސަންދަ ޞިއްޙީ ޚިދުމަތުގެ ނިޒާމް ތަޢާރަފްކުރުމާއި، ޗައިލްޑް އެންޑް ސޯޝަލް ޕްރޮޓެކްޝަން ސާރވިސްގެ ޚިދުމަތް ފުޅާކުރުމާއި، އެކަނިވެރި މައިންނާއި ބަފައިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި މުސާރަ ލިބޭ ވިހެއުމުގެ ޗުއްޓީ، މައިންނަށް 6 މަހަށް އަދި ބައްޕައިންނަށް 1 މަހަށް އިތުރުކުރުން ފަދަ ކަންކަމަކީ، މުޖުތަމަޢުގެ އެންމެ އަސާސީ ބިންގާ ކަމުގައިވާ އާއިލާތައް ހަރުދަނާކޮށް، ޢާއިލާތަކުގެ ތެރެއިން މުޖުތަމަޢަށް ނިކުންނަ ކުދިންނަކީ ދުޅަހެޔޮ، ތަޢުލީމީ ގޮތުން ކުރިއަރާފައިވާ، އުފެއްދުންތެރި ރައްޔިތެއްކަން ކަށަވަރުކުރުމާއެކު ޢާއިލާތައް ބާރުވެރިކުރުމަށް ޤާއިމްކުރެވިފައިވާ މުހިންމު ސިޔާސަތުތަކެކެވެ. މީގެ އިތުރުން، މި ދައުރުގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންނަށް ޚާއްޞަ ހޮސްޕިޓަލެއް ތަރައްޤީކޮށް، ހިންގަން ފެށުމަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު