ENGLISH
05 ޖުލައި 2025
އޭޕްރީލް 18 ވަނަ ދުވަހު މާލޭގެ އިމާރާތަކުން ގުދަނެއްގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލްގެ ބަންދަށް 20 ދުވަސް އިތުރުކުރަން ކޯޓުން އަމުރުކޮށްފި އެވެ.
އެކާވީސް އަހަރުގެ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ރައުދާ ފުލުހުން ސުވާލުކޮށް، މަސްތުވާތަކެއްޗަށް ޓެސްޓު ކުރި ނަމަވެސް ފުރަތަމަ އޭނާ ހައްޔަރެއް ނުކުރެއެވެ.
އެހެންނަމަވެސް އެ ހާދިސާ ހިނގިތާ ފަސް ދުވަސް ފަހުން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ، ރައުދު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވިކަން ހާމަކޮށްފައެވެ.
އަދި މައްސަލާގައި ތުހުމަތުތައް ކުރެވޭ ރައުދު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން އޭޕްރީލް މަހުގެ 24 ވަނަ ދުވަހު އެވެ.
މި މައްސަލައިގައި ފުލުހުން ފުރަތަމަ ބުނީ، ޔުމްނު ވެއްޓުމުގައި ރައުދު ނޫނީ އެެހެން މީހެއްގެ ބައިވެރިވުން ވެސް ނެތް ކަމަށެވެ.
ނަމަވެސް ޔުމްނުގެ އާއިލާއިން މިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައުދުގެ އިތުރުން ހަތަރު މީހުން އެ ގޭގައި ތިބި ކަމަށް ޔުމްނުއާ ހަވާލާދީ ބުނެފައިވެ އެވެ.
ފުލުހުން އަދިވެސް ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.