ENGLISH
05 ޖުލައި 2025
ޔުމްނުގެ މައްސަލަ ތަހުގީގުކުރަން އެކުލަވާލި ރިޔާސީ ކޮމިޝަންގެ ގަވާއިދު އާންމުކޮށްފި
15 މޭ 2025
|
އޭޕްރިލް މަހުގެ 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމަތިން ވެއްޓުނު 21 އަހަރުގެ ޒުވާން އަންހެން މީހާގެ މައްސަލަ ތަހުގީގުކުރުމަށް އުފެއްދި އިންކުއަރީ ކޮމިޝަންގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ބަޔާންކޮށް، އެ ކޮމިޝަންގެ ހިންގާ ގަވައިދު އާއްމުކޮށްފި އެވެ.
ރިޔާސީ ކޮމިޝަނުގެ ގަވާއިދުގައި ވާގޮތުން އެ ކޮމިޝަންގެ މެމްބަރުންގެ އަދަދަކީ ފަހެއް ކަމަށާއި ކޮމިޝަނުގެ މަސްއޫލިއްޔަތަކީ ޔުމްނު ވެއްޓުނު މައްސަލާގައި މިނިވަން، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއްކޮށް އެ ހާދިސާގެ ހަގީގަތް ހޯދުމެވެ.
މީގެއިތުރުން، ހަފްތާއަކު މަދުވެގެން ފަސް ބައްދަލުވުން ކޮމިޝަނުން ބާއްވަން ޖެހެ އެވެ. އަދި އެއްވެސް މެމްބަރަކު ބައްދަލުވުމަށް ހާޒިރުވާން އުޒުރުވެރިވާ ނަމަ އެކަން އެއް ގަޑިއިރު ކުރިން އަންގަންޖެހެ އެވެ.
އަދި ކަނޑައެޅިގެން އެނގެން އޮތް އުޒުރެއް ނެތީސް ކޮމިޝަނުގެ ބައްދަލުވުމަކަށް ހާޒިރުނުވުމަކީ ހިންގާ ގަވާއިދުގައި ބުނެފައިވާ ގޮތުން ސުލޫކީ މައްސަލައެކެވެ.
ރިޔާސީ ކޮމިޝަންއަށް ލިބިފައިވާ ބާރުތައް:
- ކޮމިޝަންގެ ތަހުގީގަށް ދައުލަތުގެ އެންމެހާ މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ އެހީތެރިކަން ހޯދުން
- ރާއްޖެއިން ބޭރުގެ ކަމާ ބެހޭ ފަރާތްތައް ގެނައުމާއި ރާއްޖެއިން ބޭރު ހަބީރުންގެ އެހީތެރިކަން ހޯދުން
- ޖިނާއީ އިޖުރާތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ، ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ބާރު ބޭނުންކުރުން
- ހައްޔަރު އަމުރާއި ޖިނާއީ ތަހުގީގުތަކާ ގުޅޭ އެންމެހާ އަމުރުތަކަށް ކޯޓުތަކުގައި އެދުން
- ހާޒިރުކުރަން ޖެހޭ ކޮންމެ ފަރާތެއް ކޮމިޝަނަށް ހާޒިރުކޮށްގެން ސުވާލުކުރުމާއި މައްސަލައާ ގުޅިގެން ބޭނުންވާ ކޮންމެ ލިޔުމެއް ނުވަތަ އެ ނޫންވެސް ހެކި ހޯދުމާއި އެކިއެކި ފަރާތްތަކުގައި ހުންނަ އެފަދަ ތަކެތި ހުށަހެޅުމަށް އެންގުން
- މި މައްސަލައާ ގުޅިގެން އެހެން އިދާރާއަކުން ތަހުގީގެއްކޮށްފައިވާ ނަމަ، އެ ތަހުގީގަކުން ނުވަތަ އެ ނޫންވެސް ގޮތަކުން ހޯދާފައިވާ ހޯދުންތަކާއި އެ ފަރާތެއްގެ ބެލުމުގެ ދަށުގައި ހުރި ލިޔުންތަކާއި ހެއްކާއި ގަރީނާ އަދި އެ ނޫން ވެސް މައުލޫމާތު ހޯދުން
ގަވާއިދުގައި ކޮމިޝަންގެ މަސައްކަތްތައް ނިމޭނެ ތާރީޚެއް ނެތް ނަމަވެސް، ކޮމިޝަންގެ މަސައްކަތްތައް ނިމުމުން ކޮމިޝަން އުވޭނެ ކަމަށް ބުނެފައިވެއެވެ.