ENGLISH
15 މޭ 2025
ރައީސް ގެންދަވަނީ ދިވެހިންގެ ހަރުމުދާ ނުވިއްކާ ދަރަނިތައް ދައްކާ އިޤްތިސާދީ މިނިވަންކަން ކަށަވަރުކޮށް ދެއްވަމުން: މެންބަރު އައިބީ
15 މޭ 2025
|
މިރޭގެ ޖަލްސާގައި މެންބަރު އިބްރާހިމް ދީދީ ވާހަކަ ދައްކަވަނީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ދިވެހިންގެ ހަރުމުދާ ނުވިއްކާ ދަރަނިތައް ދައްކާ އިޤްތިސާދީ މިނިވަންކަން ކަށަވަރުކޮށް ދެއްވަމުން ކަމަށް ރައްޔިތުން މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވެއްޖެ އެވެ.
ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާގައި މިރޭ ވާހަކަ ދައްކަވަމުން މެންބަރު އައިބީ ވިދާޅުވީ ރައީސް މުޢިއްޒުގެ ޒަޢާމަތް ފެށުނުއިރު ޤަައުމު އޮތީ އިޤްތިސާދީ މިނިވަން ކަމާއި ސިޔާދަތީ މިނިވަންކަން ގެއްލޭ ހިސާބަށް ގޮސްފައި ކަމަށެވެ.
އެހެން ކަމުން އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވީ ރާއްޖޭގައި ބޭރުގެ އެއްވެސް ނުފޫޒެއް ނުބޭއްވުމާއި ދިވެހި ޤައުމަކީ އިޤްތިސާދީ ގޮތުން މިނިވަން ޤައުމަކަށް ހެއްދެވުމަށެވެ.
“ރައީސް ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް އެމަނިކުފާނު ގެންދަވަނީ މި ދެ ގޮތުން ވެސް ދިވެހީންގެ މިރާއްޖޭގެ މިނިވަންކަން ކަށަވަރު ކޮށްދެއްވަމުން،”
އައިބީ ވިދާޅުވީ ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ދިވެހި ޤައުމުގެ އޮތީ 126 ބިލިއަނުން ދަރާ ކަމަށެވެ. ރާއްޖެ، ދޯންޏެއްގެ މިސާލުގައި ގެންނަވާ އައިބީ ވިދާޅުވީ ކަނޑުމަތީ އޮންނަން ޖެހޭ ދޯނި އޮތީ 126 މީޓަރު ކަނޑު އަޑީގައި ކަމަށެވެ.
ނަމަވެސް ޙިކުމަތްތެރިކަމާއެކު ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އަަޅުއްވާ ރައީސް މުޢިއްޒު ގެންދަވަނީ އަހަރުން އަަހަރަށް ދަރަނި އަދާކުރައްވާ އިޤްތިސާދު ވެސް ވަރުގަދަ ކުރައްވަމުން ކަމަށް ވެސް ވިދާޅުވި އެވެ.
ދެތީން ލެޕްޓޮޕާއި ފަޅުރަށަކުން ޤައުމު ހިންގާނެ ކަމަށް ވަޢުދުވީ މީހުން ވެެރިކަމުން ފައިބައިގެން ދިޔައީ ރައްޔިތުންގެ ބޮލުގައި އެތައް ބިލިއަން ރުފިޔާގެ ދަރަނި އަޅުވާފައި ކަމަށާ އަދި އެވަރުން ނުވެގެން ޤައުމުގެ ހަރުމުދަލަށް ދަންދެން ވިއްކުމަށް ފަހު ކަމަށް ވިދާޅުވި އެވެ.
ނަމަވެސް އެ ހުރިހާ ދަރަންޏެެއް ރައީސް މުޢިއްޒު ގެންދަވަނީ ހަރުމުދާ ނުވިއްކާ ދައްކަވަމުން ކަމަށް ވިދާޅުވި އެވެ.
އަންނަ އަހަރަކީ ދަރަނީގެ ގޮތުގައި ވަރަށް ބޮޑު އަދަދެއް ދައްކަން ޖެހޭ އަހަރެއްކަން ފާހަގަ ކުރައްވާ އައިބީ ވިދާޅުވީ ރައީސް ގެންދަވަނީ އެކަމަށް ވެސް ތައްޔާރުވަމުން ކަމަށެވެ.
އައިބީ ވަނީ ރައީސް މުއިއްޒުގެ މި ޒަޢާމަތުގަައި ރާއްޖެ އަކީ ހުރިހާ ގޮތަކުން މިނިވަން މުސްތަޤިއްލު ޤައުމަކަށް ހައްދަވާނެ ކަމަށް ވިދާޅުވެފަ އެވެ.