ENGLISH

05 ޖުލައި 2025

Advertisement

ތާރީޚުގެ ތެރެއިން: ފަސް އަހަރުން އެމްޑީޕީން ދިވެހި އިގުތިސާދު ހާވިޔާކޮށްލި ގޮތް

15 މޭ 2025

|

ޒައިނީދަޙުލާން

އެމްޑީޕީގެ ރައީސުން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދު

ގައުމެއްގެ މުސްތަގުބަލު ރަނގަޅަށް ބައްޓަންކުރުމަށްޓަކައި އެ ގައުމުގެ މާޒީ ރަނގަޅަށް ލިޔެވިފައި އޮތުމަކީ، އަދި ފުންކޮށް ދިރާސާކުރެވުމަކީ މުހިއްމު ކަމެކެވެ. ދުރު މާޒީ ތަފުސީލުކޮށް ލިޔެވިފައި އޮތުން މުހިއްމުވާ ފަދައިން ކައިރި މާޒީގައި ހިނގައިދިޔަ ކަންކަންވެސް ލިޔެވި ރައްކާކުރެވިފައި ހުރުމަކީ، މުސްތަގުބަލު ބައްޓަންކުރުމަށްޓަކައި ކުރަންޖެހޭ މުހިއްމު ކަންކަމެވެ. ފާއިތުވި ފަސް އަހަރު ދިވެހި ދައުލަތުގެ މާލިއްޔާއަށާއި އިގުތިސާދަށް އެމްޑީޕީ ސަރުކާރުން ދިން ގެއްލުންތައް އެއް ތަނެއްގައި ތަފުސީލުކޮށް ލިޔެވި ރައްކާކުރެވިފައި ހުރުމަކީ ބޭނުންތެރިކަމަކަށްވަނީ މިދެންނެވި ސަބަބުތަކަށްޓަކައެވެ. ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ވެރިކަމާ ހަވާލުވާ ބަޔަކު ނުކުރާންވީ ކަންކަން، ތަކުރާރުވިޔަނުދޭންވީ ކުށްތަކާއި، ޖާގަނުދޭންވީ ގޯސްތައް އެއް ތަނަކުން ފެންނާނެހެން ބެހެއްޓުމަށެވެ. 

ކޮވިޑުގެ ޒަރޫރަތާހުރެ ޗާޕުކުރަން ފެށި ގޮތަށް ހުއްޓައިނުލުން 

ކޮވިޑް-19 އާލަމީ ވަބާއަކީ ދުނިޔެއަށް ކުރިމަތިވި ބޮޑު އިގުތިސާދީ އަދި ސިއްހީ ނުރައްކަލެކެވެ. ރާއްޖެ ފަދަ ފަތުރުވެރިކަަމުގެ މައްޗަށް ބަރޯސާވެފައި އޮތް އިގުތިސާދަކަަށް އެއީ ތަހައްމަލުކުރެވޭ ވަރުގެ ބޮޑު މުސީބާތެއް ނޫނެވެ. ރާއްޖެއަށް ބޭރު ފައިސާއިން ލިބެމުންއައި އާމްދަނީ ލިބޭނެ ހުރިހާ ދޮރެއްހެން ބަންދުވެ އިގުތިސާދު ވަރަށް ބޮޑަށް މަޑުޖެހުނެވެ. އެއީ ދެބަސްވެވެން ނެތް ކަމެކެވެ. 

އެވަގުތު ރައްޔިތުންނަށް ދެމުންދާ ހިދުމަތްތައް މެދުނުކެނޑި ދެމުންދިއުމަށާއި، ސަރުކާރު ހިންގުމަށް އެވަގުތު ފައިސާ ޗާޕުކުރުން ނޫން އިތުރު ގޮތެއް ނެތްކަން އެންމެންވެސް ގަބޫލުކުރެއެވެ. މުވައްޒަފުން ވަޒީފާތަކުން ވަކިކޮށް މުސާރަތައް ދިނުން ހުއްޓައިލުމަކީ އޮތް ހިޔާރެއް ނޫނެވެ. އެހެންކަމުން 2020 ވަނަ އަހަރު ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ މާއްދާތަކަކަށް އަމަލުކުރުން އެއް އަހަރު ދުވަހުގެ މުއްދަތަށް ސަސްޕެންޑުކޮށްދިނުމަށް އެދުނެވެ. 

އެއިރު ސަސްޕެންޑުކުރީ ހަރަދަށް ޒިންމާވުމުގެ 32 ވަނަ މާއްދާގެ (ހ)، (ރ) އަދި (ބ)އެވެ. 

މި މާއްދާގެ (ހ)އަކީ މަރުކަޒީ ބޭންކުން ދަރަންޏަށް ފައިސާ ނެގުން ނުވަތަ ފައިސާ ޗާޕުކުރުމާ ގުޅޭ މާއްދާއެވެ. އެ މާއްދާގައި ބުނަނީ މަރުކަޒީ ބޭންކުން ނަގާ ފައިސާ 91 ދުވަސް ތެރޭގައި އަނބުރާ ދައްކައި ޚަލާޞްކުރަންޖެހޭނެ ކަމަށެވެ. އަދި އެގޮތަށް ނެގޭނީ ފާއިތުވި ތިން އަހަރު ސަރުކާރަށް ލިބިފައިވާ ޖުމްލަ އާމްދަނީގެ މައްޗަށް ބިނާކޮށް އަހަރަކަށް ޖެހޭވަރުގެ އެވެރެޖް އާމްދަނީ 1 އިންސައްތައަށްވުރެ އިތުރު ނުވާ މިންވަރެއް ކަމުގައެވެ.

އަދި (ރ)އަކީ ދައުލަތުން ދަރަނި ނެގުމާ ގުޅޭ މާއްދާއެވެ. އެ މާއްދާގައި ބުނެފައިވަނީ 2016 ވަނަ އަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން ދައުލަތަށް ދަރަނި ނަގަންވާނީ ތަރައްޤީގެ މަޝްރޫޢުތަކާއި އުފެއްދުންތެރިކަން އިތުރުކުރެވޭނެ ވަސީލަތްތައް ހޯދުމަށް އެކަނި ކަމަށާއި، ދަރަނި އަދާކުރުމަށް ދަރަންޏަށް ފައިސާ އެ މުއްދަތުގެ ފަހުން ނަގައިގެން ނުވާނެ ކަމަށެވެ.

އެ މާއްދާއިން އިސްތިސްނާކޮށް (ބ)ގައި ބުނެފައިވަނީ 14 ދުވަހުން އަނބުރާ ދައްކާ ގޮތަށް މަރުކަޒީ ބޭންކުން ލޯނު ސަރުކާރަށް ނެގިދާނެ ކަމަށެވެ. މި މާއްދާތަކަށް ދީފައިވާ އިސްތިސްނާ އިތުރުކުރުމުން ދުވަހުގެ ޚަރަދު ހަމަޖައްސާށާއި ލޯނުތައް ދެއްކުމަށް އިތުރު ދަރަނި ނެގުމާއެކު ފައިސާ އެމްއެމްއޭ މެދުވެރިކޮށް ޗާޕުކުރެވޭނެއެވެ.

މި މާއްދާތައް އެއް އަހަރަށް ސަސްޕެންޑުކުރުމާއެކު، ވަކި އިމެއް މިނެއް ނެތި ފައިސާ ޗާޕުކުރުމުގެ ފުރުސަތާއި ދަރަންޏަށް ބޭނުން އަދަދަކަށް ފައިސާ ނެގުމުގެ ފުރުސަަތު ލިބުނެވެ. 

ފުރަމަސް ސަސްޕެންޑުކުރި މުއްދަތުކަމަށްވާ އެއް އަހަރު ހަމަވުމާއެކު 2021 ވަނަ އަހަރު އަދި 2022 ވަނަ އަހަރުވެސް މުއްދަތު އިތުރުކޮށް، އިތުރަށް ފައިސާ ޗާޕުކުރިއެވެ. ނަތީޖާއަކަށްވީ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހާ ހަމައަށް ފައިސާ ޗާޕުކުރެވޭނެހެން ގާނޫނުން މަގުފަހިކުރުމެވެ. މި މުއްދަތުގައި ފައިސާ ޗާޕުކުރީ ހައްދެއް އިމެއް ބަލައިގެން ނޫނެވެ. 

ފައިސާ ޗާޕުކުރުން ގުޅިފައިވަނީ އިންފްލޭޝަނާއެވެ. އަދި ބޭރު ފައިސާގެ މައްޗަށް ބަރޯސާވާ އިގުތިސާދުތަކުގައި ފައިސާ ޗާޕުކުރުމުގެ އެންމެ ބޮޑު ނޭދެވޭ އަސަރެއްކުރަނީ ބޭރު ފައިސާގެ އަގަށެވެ. ގައުމެއްގެ އިގުތިސާދުގައި ދައުރުކުރާ ނުވަތަ ބާޒާރުގައި ލިބެންހުރި ބޭރު ފައިސާއަށްވުރެ މާބޮޑަށް އެ ގައުމެއްގެ ފައިސާ އިތުރުވެއެްޖެނަމަ ބޭރު ފައިސާގެ އަގު އެތައް ގުނައެއް މަތިވެއެވެ. 

އެމްޑީޕީގެ ސަރުކާރުގައި ފެނިގެންދިޔައީ އޭގެ ކުރީގެ 40 އަހަރާ ނުބައްދަލު މިންވަރަކަށް ފައިސާ ޗާޕުކުރި ތަނެވެ. ރައީސް ޑރ.މުޢިއްޒު ވެރިކަމުގެ ހުވައިކުރެއްވުމާ ހަމައަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފަސް އަހަރުގެ ދައުރުގައި އަށް ބިލިއަން ޑޮލަރު ޗާޕުކޮށްފައިވާކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ހިސާބުތަކުން ދައްކައެވެ. އޭގެ ކުރީގެ ދައުރުތަކުގައި ޗާޕުކުރި އަދަދަށް ބަލާއިރު، ރައީސް މައުމޫންގެ 30 އަހަރުގެ ދިގު ވެރިކަމުގައި 3.37 ބިލިއަން ރުފިޔާ, ރައީސް ނަޝީދުގެ ވެރިކަމުގައި 0.47 ބިލިއަން ރުފިޔާ, އަދި ރައީސް ވަހީދުގެ ވެރިކަމުގައި 2.44 ބިލިއަން ރުފިޔާއެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި އެއްވެސް ވަރަކަށް ފައިސާ ޗާޕުކޮށްފައި ނުވެއެވެ.

އިންފުލޭޝަން މަތިވެ، ޑޮލަރުގެ ތާށިކަން ބޮޑުވެ، ރިޒާވް ހީނަރުވެގެން މިއުޅެނީ ފައިސާ ޗާޕުކުރި ކުރީނުން ޑޮލަރުގެ އަގު އާސުމާނަށް އަރުވައިލުމުންނެވެ. މަނިޓަރީ ސިޔާސަތުގެ ތެރެއިން އެންމެ ބޮޑު ގޮންޖެހުމަކަށް މިހާރު އޮތީ ބޭރު ފައިސާގެ އެކްސްޗޭންޖު ރޭޓު ކޮންޓުރޯލުކޮށް ޕެރަލެލް މާކެޓު ނުވަތަ ކަޅު ބާޒާރުގައި ޑޮލަރު ގަންނަން ލިބޭ އަގަކީ ރަސްމީ އަގާ ގާތްކުރާ އަގަކަށް ހެދުމެވެ. މި ގޮންޖެހުން އުފަންކުރީ އިގުތިސާދީ މާހިރުންނާއި ތަޖުރިބާކާރުންގެ ލަފައަށް ބެލުމެއް ނެތި އެމްޑީޕީ ސަރުކާރުން ފައިސާ ޗާޕުކޮށް ދިވެހި ރުފިޔާ އިގުތިސާދަށް ނެރުމަށްފަހު، މޮޕްއަޕްކޮށް އަނބުރާ އެމްއެމްއޭއަށް އެ ފައިސާ ގެންދަން ބުނި މުހުލަތުގައި އެ ފައިސާ ނުގެންދިއުމުންނެވެ. 

ދަރަނި އިންތިހާއަށް މަތިކޮށްލުން 

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ އެންމެ މުހިއްމު އެއް ބޭނުމަކީ ދައުލަތުގެ ދަރަނި ދެމެހެއްޓެނެވި މިންގަނޑެއްގައި ހިފަހެއްޓުމެވެ. އެގޮތުން ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ވަކި ވަރަަކަށްވުރެ އިތުރަށް ދަރަނި ނުނެގޭނެ ގޮތަށް ގާނޫނުގައި މާއްދާއެއް ހިމަނާފައި އޮތެވެ. އަދި ދަރަންޏަށް ނަގާ ފައިސާއަކީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށާއި އުފެއްދުންތެރި ކަންކަމަށް ހަރަދުކުރުމަށް ނަގާ ފައިސާކަން ކަށަވަރުކުރުމަށްވެސް ގާނޫނުގައި ބަޔާންކޮށްފައި އޮވެއެވެ. މި އުސޫލުތަކަށް އަމަލުކުރުން އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް ރައްޔިތުންގެ މަޖިލީހުގެ އާބަސް ލިބިގެން ހުއްޓައިލި ގޮތަށް ތިން އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަވީ އެ އުސޫލުތައް އެއް ފަރާތްކޮށް ލޯނަކަށްފަހު ލޯނެއް ނެގުމުގައެވެ. 

ސަރުކާރުން ދަރަނި އުފައްދަމުންދިޔައީ ހަލުއި ދުވެލީގައެވެ. މާލީ ހިސާބުތަކަށް ބަލާއިރު ފާއިތުވި ފަސް އަހަރު ރާއްޖޭގެ ދަރަންޏަށް ކޮންމެ ދުވަހަކު 33 މިިލިއަން ރުފިޔާ އައީ އިތުރުވަމުންނެވެ. ހިސާބުތަކަށް ބަލާއިރު ރައީސް ސޯލިހުގެ ދައުރުގައި  ސަރުކާރުގެ ސީދާ ދަރަނީގެ ގޮތުގައި (ގަރަންޓީ ދީފައިވާ ދަރަނި ނުހިމަނައި) 58.6 ބިލިއަން ރުފިޔާ ނަގާފައިވެއެވެ. އެއިން 16.8 ބިލިއަން ރުފިޔާއަކީ ބޭރުގެ ދަރަންޏެވެ. އަދި 41.8 ބިލިއަން ރުފިޔާއަކީ އެތެރޭގެ ދަރަންޏެވެ.

އަދި އެ މުއްދަތުގައި ރައީސް ސޯލިހުގެ ސަރުކާރުންވަނީ ދައުލަތުގެ ގެރެންޓީ ދީގެން 2 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދަރަންޏަށް ނަގާފައެވެ. ފަސް އަހަރު ޖުމްލަ ނަގާފައިވާ ދަރަނީގެ އަދަދު 60.7 ބިލިއަން ރުފިޔާއަށް އަރައެވެ. އެއީ ނޮވެންބަރު 17 2018 ވަނަ ދުވަހުން 2023 ވަނަ އަހަރުގެ ނޮވެންބަރު 17 އަށް ހޭދަވި 1،826 ދުވަހަށް ބަލާނަމަ ދުވާލަކަށް 33 މިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާގެ ދަރަންޏެވެ.

މިހާ ގިނަ ދަރަނި ނެގި ސަބަބާމެދު މީހަކު ސުވާލުކުރާއިރަށް އެއިރުގެ ސަރުކާރުގެ ވެރިން އުޒުރަކަށް ދައްކަވަނީ ކޮވިޑެވެ. އެހެންކަމުން އުފެދޭ ސުވާލަކީ މި ދަރަންޏަކީ ކޮވިޑް-19އާ ގުޅިގެން ނަގާފައިވާ ދަރަނިތަކެއްތޯ އުފެދޭ ސުވާލެވެ. 

ސޯލިހުގެ ސަރުކާރުން 39 ލޯނެއް ނެގިއެވެ. އެ ލޯނުތަކުން އެކަނި ދައުލަތުގެ ދަރަންޏަށް 42.1 ބިލިއަން ރުފިޔާއަށް އަރައެވެ. 

އެ ލޯނުތަކުގެ ތެރެއިން ކޮވިޑް-19އާ ގުޅިގެން ނަގާފައިވާ ލޯނުތަކުގެ އަދަދަކީ 10 ލޯނެވެ. އެ ލޯނުތަކުން ނަގާފައިވާ ފައިސާގެ ޖުމްލަ އަދަދަކީ ޑޮލަރުންނަމަ 158.6 މިލިއަން ޑޮލަރެވެ. ދިވެހި ރުފިޔާއިންނަމަ، އެއީ 2.4 ބިލިއަން ރުފިޔާއެވެ. ކޮވިޑާ ގުޅުމެއް ނެތް ލޯނުތަކުގެ ޖުމްލަ އަދަދަކީ 29 ލޯނެވެ. ސަރުކާރުން ނެގި އެ ލޯނުތަކުގެ ފައިސާގެ އަދަދަކީ 2.5 ބިލިއަން އެމެރިކާ ޑޮލަރެވެ. އެއީ ދިވެހި ރުފިޔާއިންނަމަ 39.6 ބިލިއަން ރުފިޔާއެވެ.

ހުލާސާއަކީ ދައުލަތުގެ ދަރަންޏަށް އިތުރުވި 60 ބިލިއަނެއްހައި ރުފިޔާގެ ތެރެއިން ކޮވިޑާ ގުޅިގެން ނެގި ދަރަނީގެ އަދަދު ގާތްގަނޑަކަށް 3 ބިލިއަން ރުފިޔާއަށް ނާރާ ކަމެވެ. އެހެންކަމުން މިހާ ބޮޑަށް ގައުމު ދަރުވައިލާ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ރާއްޖޭގެ ދަރަނީ 124 އިންސައްތައަށް މަތިކޮށްލީ ކޮވިޑާ ގުޅިގެން ދަރަންޏަށް ފައިސާ ނަގަންޖެހިގެންކަމަށް ބުނާ ބުނުމަކީ ހިސާބުތަކުން އެއަށް ބާރުދޭ ހެއްކެއް ދަލީލެއް އޮތް ވާހަކައެއް ނޫނެވެ. 

ކްރެޑިޓް ރޭޓިން ދަށްވުން 

މި ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ ދަރަނި އިންތިހާއަށް އިތުރުވެ، ދިވެހި ރުފިޔާގެ އަގު ވެއްޓުނެވެ. އިތުރަށް ފާހަގަކުރެވުނު ކަމަކީ 2022 އަދި 2023 ވަަނަ އަހަރުވެސް ދައުލަތުގެ ބަޖެޓު ޑެފިސިޓު އެ އަހަރުގެ ބަޖެޓުތަކުގައި އަންދާޒާކުރި ވަރަށްވުރެ ވަރަށް ބޮޑަށް އިތުރުވަމުންދިޔަ ކަމެވެ. ނަތީޖާއަކަށްވީ ދަރަނި އަދާކުރުމުގެ ގާބިލުކަން ހުރި މިންވަރާމެދު ސުވާލުތައް އުފެދުމެވެ. 

އޭގެ އިތުރަށް ދައުލަތުގެ ރިޒާވްވެސް ދިޔައީ ދަށްވަމުންނެވެ. ބޭރު ފައިސާގެ ރަސްމީ ރިޒާވް ވަރަށް ބޮޑަށް ދަށްވަމުންދިޔައިރު، ދައުލަތުން ނެގި ދަރަނި އަދާކުރުމަށް އޭގެ ކުރީ ވެރިކަމުގައި އުފެއްދި ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުވެސް ގާތްގަނޑަކަަށް އޮތީ ހޮއިވެފައެވެ. އެ ފަންޑުގައި ހުރި 200 މިލިއަނެއްހައި ޑޮލަރު ކޮވިޑުގެ ތެރޭގައި ސަރުކާރުން މާރުކޮށް ދިވެހި ރުފިޔާއަށް ބަދަލުކުރީއެވެ. 

މިކަން ސަރުކާރުން ސިއްރުކޮށްފަައި އާއްމުކޮށް ފަޅާއެރީ އިންޓަނޭޝަަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އިން ނެރުނު ރިޕޯޓެއްގައި އެކަން ފާހަގަކޮށްފައި އޮވެގެން ބައެއް ނޫސްވެރިން އެވާހަކަ ރިޕޯޓުކުރުމުންނެވެ. މިއީވެސް ބޭރުގެ ދަރަނި އަދާކުރުމުގެ ގާބިލުކަމާމެދު ސުވާލު އުފެދެން މެދުވެރިވި ސަބަބެކެވެ. 

މިހުރިހާ ކަމެއް މިފަދައިން މެދުވެރިވުމުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ނުވަތަ ދަރަނި އަދާކުރުމުގެ ގާބިލުކަން ވަޒަންކޮށް ރޭޓިން ދޭ އެޖެންސީތައް ކަމަށްވާ މޫޑީސްއާއި ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރިއެވެ. އޭގެ ނަތީޖާއަކަށްވީ ފަސޭހަ ލުއި ގޮތެއްގައި މާލީ ބާޒާރުން ފައިނޭންސިން ނުވަތަ ދަރަންޏަށް ފައިސާ ހޯދުމުގެ ފުރުސަތު ހަނިވުމެވެ. ބޮންޑެއް/ ސުކޫކެއް ވިއްކައިގެން ފައިސާ ހޯދުމަކީ މިހާރު ވަރަށް ދަތި ކަމެކެވެ. 

ޙާލަތު ދަނީ ބަދަލުވަމުން، އަމާޒު އިންވެސްޓުމެންޓުތަކަށް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމާއެކު ފައިސާ ޗާޕުކުރުން ހުއްޓަވައިލެއްވިއެވެ. އަދި އިނޮވޭޓިވް އީޖާދީ މޮޑެލްތައް ބޭނުންކުރައްވައިގެން ރާއްޖެއަށް އިންވެސްޓަރުން ގެންނެވުމަށް އެމަނިކުފާނުގެ ސަރުކާރުން ގެންދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. ބޮޑު އިންޓަރެސްޓުގައި ދަރަންޏަށް ފައިސާ ނެގުމަކީ އިންވެސްޓަރުން ޝައުގުވެރިވާނެ ގާނޫނީ ބަދަލުތައް ގެނެސް، އިންވެސްޓުމެންޓަށް ފަހި މާހައުލެއް އުފައްދައިގެން އިގުތިސާދަށް ދިރުން ގެނައުމަށްވުރެ އުދަގޫ ކަމެކެވެ. ވަގުތު ހޭދަވާނެ ގިނަ ދިރާސާތަކެއް ކުރަންޖެހޭނެ ބުރަ ކަމެކެވެ. 

މިދެންނެވި ފަދަ މާހައުލެއް ގާއިމުކުރުމަށް މިހާރުގެ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި: 

  • ޒަމާނީ އިންވެސްޓުމެންޓު ގާނޫނެއް ވުޖޫދަށް ގެނައުން 
  • މޯލްޑިވްސް ޑިވެލޮޕްމެންޓު ބޭންކު ގާއިމުކޮށް ތަރައްގީގެ މަޝްރޫއުތަކަށް އިންވެސްޓުކުރަން ބޭންކު މެދުވެރިކޮށް ފައިސާ ހޯދޭނެ މަގުފަހިކުރުން 
  • އަމަލުނުކޮށް އެއްލާލާފައި އޮތް ސްޕެޝަލް އިކޮނޮމިކް ޒޯންގެ ގާނޫނު އަލުން އެކްޓިވޭޓުކޮށް އެ ގާނޫނަށް އަމަލުކުރަން ފެށުން 
  • ރިޒާވްގެ ހާލަތު ރަނގަޅުވާނެ ގޮތަށް ބޭރު ފައިސާ ރަސްމީ މާލީ ނިޒާމަށް މާރުކޮށް އެމްއެމްއޭއަށް ޑޮލަރު ލިބޭނެ އިންތިޒާމެއް ހަމަޖެއްސުން 
  • އިންވެސްޓަރުން ޝައުގުވެރިވާނެ އައު ކޮންސެޕްޓުތަކާއި އިގުތިސާދީ ހަރަކާތްތައް ތައާރަފުކޮށް އިންވެސްޓަރުންނާ ހަމައަށް ގެންދިއުން، މިސާލު: ބަންކަރިން، މާލީ ސެންޓަރު، އިގުތިސާދީ ހަރަކަތްތަކަށް ހާއްސަ ޒޯނުތައް 

މިނޫނަސް ސަރުކާރުން އަންނަނީ އިންވެސްޓަރުން މެދުވެރިކޮށް އިގުތިސާދީ އައު ހަރަކާތްތައް ފެށުމަށް ގިނަގުނަ މަސައްކަތްކުރަމުންނެވެ. ބަންކަރިން އޮތީ ފެށިފައެވެ. ދެން އޮތީ އެ މަސައްކަތް އިތުރަށް ފުޅާކުރުމެވެ. މަސައްކަތް ފެށިތާ ހައެއްކަ މަހުން 7 މިލިއަނަށްވުރެ ގިނަ ޑޮލަރު ލިބިއްޖެއެވެ. އަދި އިތުރަށް މެރިޓައިމް ހިދުމަތްތައް ތަރައްގީކުރެވޭ މިންވަރަކުން އެ ދާއިރާއިން ލިބޭ އާމްދަނީ އިތުރުވާނެއެވެ. 

މާލީ މަރުކަޒެއްގެ މަސައްކަތް ކުރުމަށް ބަޔަކާއެކު އެއްބަސްވުމެއް ގާއިމުކުރެވިއްޖެއެވެ. އުންމީދަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ މަރުކަޒުގެ އަމަލީ މަސައްކަތް ފެށުމެވެ. މާލީ ހިދުމަތްތަކާއި އޮފް-ޝޯ ބޭންކިން ފަދަ ހިދުމަތްތައް އެ މަރުކަޒުގައި ގާއިމުކުރެވި އެކަށީގެންވާ އާމްދަނީއެއް ލިބުމަކީ ގައުމީ ފެންވަރުގައި ދިވެހި ރައްޔިތުންގެ އުންމީދެވެ. 

އޭގެ އިތުރަށް މާލީ ހާލަތަށް ބަލާއިރު މިއަދު ޔޫޒަބަލް ރިޒާވްގައި 171 މިލިއަން ޑޮލަރު އަދި ރަސްމީ ރިޒާވް އެސެޓުގައި ގޮތުގައި 800 އެތައް މިލިއަން ޑޮލަރެއް އެބަހުއްޓެވެ. ދިވެހ ބޭންކުތަކުގައި އެމްއެމްއޭއިން އިންވެސްޓުކޮށްފައި ހުރި ބޭރު ފައިސާއާއެކު ރިޒާވް އެސެޓުތަކުގެ ޖުމްލަ ބިލިއަނަކާ ގާތްކުރެއެވެ. އަދި ބަޖެޓު ހިންގަމުން އަންނަނީ ގާތްގަނޑަކަށް ދޮޅު ބިލިއަން ރުފިޔާގެ އަރަންޏެއްގައެވެ. ދަރަނި އަދާކުރަން ކުރި ހޭދަ އުނިކޮށް ހިސާބުކޮށްފިނަމަ އަރަނި ދެ ބިލިއަނާ ގާތްކުރާނެއެވެ. 

ރައީސް ޑރ.މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ އިގުތިސާދު އަދި މާލީ ހާލަތު އޮތީ އަނދަވަޅެއްގެ ތުންފަތް މަތީގައެއް ނޫނެވެ. އޮތީ އަނދަވަޅަށް ވެއްޓިފައެވެ. ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑުވެފައި އޮތްއިރު ދައުލަތާއި ދައުލަތުގެ ކުންފުނިތަކުން އާއްމުންނަށް ނުދީ ހުރި އެތައް ބިލިއަން ރުފިޔާއެއް ހުއްޓެވެ. އެ ދަތިތަކުގެ ތެރެއިން ކުރިއަށް ދެވޭނެ ރާސްތާއެއް ރައީސް ހޯއްދަވައިފިއެވެ. ދެން އޮތީ ގައުމާއިގެން އެ ރާސްތާއިން ދަތުރުކޮށް ތަނަވަސްކަމަށް ވާސިލުވުމެވެ. 

ކިޔުންތެރިންގެ ހިޔާލު