ENGLISH
15 މޭ 2025
ފާއިތުވި 15 އަހަރު އެއްކޮށްލިޔަސް ރައީސް ޑރ.މުޢިއްޒު ކުރެއްވި ވަރަށް މަސައްކަތްކުރެއްވި ވެރިއެއް ނެތް: ސަޢީދު
14 މޭ 2025
|
އިގުތިސާދީ ތަރައްގީއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު، ފޮޓޯ: ނިއުސްލެބް
ފާއިތުވި 15 ވަރަަކަށް އަހަރު ރާއްޖޭގައި ވެރިކަންކުރެއްވި ހުރިހާ ރައީސުން ކުރެއްވި މަސައްކަތްޕުޅު އެއްކޮށްލުމަށްފަހު ރައީސް ޑރ.މުޙައްމަދު މުޢިއްޒު ފާއިތުވި ދޮޅު އަހަރެއްހައި ދުވަހު ކުރެއްވި މަސައްކަތާ އަޅާބަލައިފިނަމަ އެމަނިކުފާނާ އެއްވަރަށް މަސައްކަތްކުރެއްވި އެހެން ވެރިޔަކު ނެތްކަމަށް އިގުތިސާދީ ތަރައްގީއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސަރުކާރު ހިންގާ ޕީއެންސީން އެ ޕާޓީގެ ހަރުގޭގައި މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ އިދިކޮޅު އެމްޑީޕީން ރައީސް މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެންވެސް އެންމެ ބޮޑަށް އުންމީދުކުރި އެއްކަމަކީ ރާއްޖެ ދަރުވާލައި ބަނގުރޫޓުކޮށްލުން ކަމަށެވެ.
ސައީދު ވިދާޅުވީ އެމްޑީޕީގެ ބޭފުޅުން މަގުމަތީގައާއި ޓީވީތަކާއި ޕޯޑިއަމްތަކާއި މަޖިލީހުގައި ވިދާޅުވަމުންދިޔައީ ދާދި އަވަހަށް ދިވެހިރާއްޖެ ބަނގުރޫޓުވެދާނެ ކަމަށް ކަމުގައެވެ. އަދި ބައިނަލްއަގުވާމީ މާލީ އިދާރާތަކަށާއި އެކުވެރި ގައުމުތަކަށް ރާއްޖޭގެ މާލީ ހާލަތު ވަރަށް ގޯސްކަން ވިސްނައިދީ ރާއްޖެ ބަނގުރޫޓުވެދާނެކަމުގެ ބިރު އެފަރާތްތަކަށްވެސް އެމްޑީޕީން ދައްކަމުން އައި ކަމަށެވެ.
"އެހެންނަމަވެސް މިރޭވެސް ތަކުރާރުކޮށްލާނަން، މާތްﷲގެ ރަޙުމަތްފުޅާއެކު ޕީއެންސީގެ ލީޑަރު ޕީއެންސީގެ ވެރިކަމުގައި، މި ޕާޓީގެ ލީޑަރު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހައިސިއްޔަތުގައި ހޯއްދެވި އެންމެ ބޮޑު ކާމިޔާބަކީ އެންމެ ފާހަގަކޮށްލެވޭ ކާމިޔާބަކީ ދިވެހިރާއްޖެ ނުދަރާ ސަލާމަތްކުރެއްވުން،" ރައީސް ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖެ އޮތް ހާލަތަށް ބަލާއިރު ރައީސަކަށް ހޯއްދެވޭނެ އެންމެ ބޮޑު ކާމިޔާބަކީ ނުދަރައި ސަލާމަތްވުންކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވިއެވެ.
މި ސަރުކާރަކީ އޭނާ މަސައްކަތްކުރައްވާ ދެވަނަ ސަރުކާރުކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ ފާއިތުވި 15 ވަރަކަށް އަހަރު އެއްކޮށްލިޔަސް ފާއިތުވި ދޮޅު އަހަރު ތެރޭގައި ވަޒީރުންނާއެކު ކެބިނެޓުގައި އެކަނި ރައީސް ކުރެއްވި މަސައްކަތަށް ބެލިނަމަވެސް ރައީސް ޑރ.މުޢިއްޒު ކުރެއްވި މަސައްކަތްޕުޅާ އެއްވަރަަށް އެހެން ރައީސަކު މަސައްކަތްކުރައްވާފައިނުވާ ކަމަށެވެ.
ރައީސް ވެރިކަމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ރައީސްގެ ހުރިހާ ވައުދުފުޅުތައް ލިޔުއްވައި ނެރުއްވިކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ އެވައުދުފުޅުތައް ފުއްދުމުގެ މަސައްކަތަކީ ހުރިހާ ވުޒާރާއެއްގެ މަސައްކަތްތައްކަމުގައި ކަނޑައަޅުއްވާ އެ މަސައްކަތްތައް ކުރުމަށް ރައީސް އޮފީހާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ މަސައްކަތްތައް ކުރާނެ ގޮތާއި ނިންމާނެ މުއްދަތުތަކާއި މުހުލަތުތައް ކަނޑައެޅިގެން ނިމިފައި އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.
ސައީދު އިތުރަށް ވިދާޅުވީ ރާއްޖެއަށް ކުރިމަތިވެފައި ހުރި ބޮޑެތި މައްސަލަތައް ބައްލަވައި އެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ތަން ރައްޔިތުންނަށް ފެންނާނެ ކަމަށެވެ. އެގޮތުން ބިދޭސީންގެ މައްސަލައާއި ދުންފަތުގެ ވަބާގެ މައްސަލައާއި ވޭޕުގެ މައްސަލަ ފަދަ ކަންކަން ހައްލުކުރެއްވުމަށް ރައީސް އެޅުއްވި ފިޔަވަޅުތަކާއި، އެއާ އެމްބިއުލާންސްގެ ހިދުމަތް ފަދަ ހިދުމަތްތައް ފަށާފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.