ENGLISH
05 ޖުލައި 2025
މި ސަރުކާރުން ޒުވާނުންގެ އަޑުއަހާނެކަން ރައީސްވަނީ ދައްކަވާދެއްވާފަ: ރިފާއު
14 މޭ 2025
|
އަބްދުﷲ ރިފާއު
މި ސަރުކާރުން ޒުވާނުންގެ އަޑުއަހާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ސާބިތުކޮށްދެއްވާފައިވާކަމަށް މާފަންނު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) ވިދާޅުވެއްޖެއެވެ.
މިރޭ ޕީއެންސީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރިފާއު ވިދާޅުވީ ރައީސް ޑރ.މުޢިއްޒަކީ ޒުވާނުންނަށް އިސްކަންދެއްވާ ވެރިއެއްކަމަށާއި، އެމަނިކުފާނަށް ފާއިތުވި ރިޔާސީ އިންތިހާބުގައި ލިބިވަޑައިގެންނެވި ބޮޑު ކާމިޔާބުގެ އެންމެ ބޮޑު ހިއްސާދާރުންނަކީ ޒުވާނުން ކަމަށެވެ.
އަދި ރިފާއު ޒުވާނުންނަށް ގޮވައިލެއްވީ ޒުވާނުންނަށްޓަކައި މިސަރުކާރުން ފަހިކޮށްދީފައިވާ ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަށެވެ. އެގޮތުން ޒުވާނުންގެ އެޕްރެންޓެންޝިޕް ޕްރޮގުރާމުގެ ތެރެއިން މިހާތަނަށް 300 އަށްވުރެ ގިނަ ކުދިން ތަމްރީނުތައް ފުރިހަމަކޮށް ވަޒީފާގެ ބާޒާރަށް ނުކުމެ ވަޒީފާތަކަށް ވަދެފައިވާކަން ރިފާއު ފާހަގަކުރެއްވިއެވެ.
އަދި ރައީސް އިއުލާނުކުރައްވާފައިވާ ޑިޖިޓަލައިޒޭޝަން މަސައްކަތަކީވެސް ރާއްޖޭގެ ޒުވާން އާބާދީއަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމުގެ އަޒުމުގައި އެމަނިކުފާނު އިސްނަންގަވައިގެން ފައްޓަވާފައިވާ މަސައްކަތެއްކަން ފާހަގަކުރައްވަމުން ރިފާއު ވިދާޅުވެފައިވަނީ މި މަސައްކަތުގެ ނަތީޖާއަކަށްވާނީ ކޮންމެ ކަމެއްވެސް އަތުގައި އޮންނަ ފޯނުން ކޮށްލެވުން ކަމަށެވެ.
"އަޅުގަނޑުމެން ރާއްޖެއަކީ ހާއްސަކޮށް ޒުވާނުންނަށް ބަލައިފިނަމަ އެންމެ ފަހުގެ ފޯނު ކޮންމެ ބޭފުޅެއްގެ އަތުގައި އޮންނަނީ. އެހެންކަމުން އެ ފޯނުން ހަގީގީ މާނާގައި ވިޔަފާރިއާއި މުއާމަލާތްތަކާއި ސަރުކާރުގެ މަސައްކަތްތައް ކުރެވޭނެ ގޮތްތަކެއް ހޯދައިދިނީމަ އަސްލު އޭގެ ލުއިތައް ލިބޭނީ،" ރިފާއު ވިދާޅުވިއެވެ.
ރިފާއު އިތުރަށް ވިދާޅުވީ މިހާރު ޓިކްޓޮކް ފަދަ މަންސަތަކުން ފައިސާ ހޯދުމަކީ ޒުވާނުންނަށް އޮތް މަގެއް ކަމަށެވެ. އަދި އެމަގުން ޒުވާނުންނަށް އެ ފުރުސަތު ފަހިކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަން ފާހަގަކުރައްވަމުން ރިފާއު ވިދާޅުވީ އެ މަސައްކަތުގެ ސަބަބުން ޓިކްޓޮކުގައި އުޅޭ ޒުވާނުންނަށް ލިބޭ ލައިކްތަކާއި ވީއުސް ފައިސާއަށް ބަދަލުވެގެންދާނެ ކަމަށެވެ.
ދާދި ފަހުން ޓެމޫއިން ވިޔަފާރިކުރެވޭނެ މަގު ސަރުކާރުން ފަހިކޮށްދިންކަމަށާއި، އެކަމުގެ ސަަބަބުން ޒުވާނުންނަށް އެކި ވިޔަފާރިތައް ފަށައި ކުރިއަށްދާނެ ފުރުސަތުތައް ފަހިވާނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ޒުވާނުން ވިސްނަަންވީ އެއް ރުފިޔާއިން ދެ ރުފިޔާ ހެދޭނެ ގޮތް އަބަދުވެސް. ހުރިހާ މީޑިއަމްތަކުން، ތިޔަ ބޭފުޅުން ތިޔަ އުޅުއްވާ ސޯޝަލް މީޑިޔާއިންވެސް އިންތިހާއަށް ފައިސާ ހޯދޭނެ ގޮތް އެބައޮތް. އެތަމްރީނުތައް ހޯދުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީއާއި ޔޫތު މިނިސްޓްރީން ހުޅުވާލާފައި އޮންނާނެ،" ރިފާއު ވިދާޅުވިއެވެ.
މާލޭގައި ދާދިފަހުން ޒުވާނުން ކުރަމުން އައި މުޒާހަރާތަަކަށް އިޝާރާތްކުރައްވައި ރިފާއު ވިދާޅުވީ އެ މުޒާހަރާގެ ޒުވާނުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި އެ ކަންބޮޑުވުންތަކަށް ރައީސް ހައްލުތައް ހޯދައިދެއްވުމުން ޒުވާނުން ކުރަމުން އައި މުޒާހަރާތަކުގެ ތެރެއަށް އިދިކޮޅު އެމްޑީޕީ ވަދެ މުޒާހަރާވެސް ހަލާކުކޮށްލިކަމަށެވެ.
މިހާރުވެސް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އިނގިރޭވިލާތުގައި ކުރައްވަމުންދާ މަސައްކަތަކީ ރާއްޖޭގެ ފަތުރުވެރިކަން ހަލާކުކޮށްލުމުގެ މަސައްކަތްކަމަށް ތުހުމަތުކުރައްވަމުން ރިފާއު ވިދާޅުވީ އެފަދައިން ރާއްޖޭގެ ފަތުރުވެރިކަން ހަލާކުކޮށްލަން ފުރުސަަތު ނުދެއްވާނެ ކަމަށެވެ.