ENGLISH
15 މޭ 2025
ރައީސާމެދު ދޮގުތައް ފެތުރިޔަސް ވޯޓުން ރައްޔިތުން ދައްކުވައިދެނީ ރައީސަށް އޮތް އިތުބާރު: އަބްދުއްސައްތާރު
14 މޭ 2025
|
މެންބަރު އަބްދުއްސައްތާރު މުހައްމަދު، ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާމެދު އިދިކޮޅު ފަރާތްތަކުން ކިތަންމެ ގިނަ ދޮގުތަކެއް ފެތުރިޔަސް ވޯޓަކާ ޖެހުމުން ރައްޔިތުން އިންތިޚާބުތަކުން ދައްކައިދެމުންދަނީ ރައީސަށާއި އެމަނިކުފާނުގެ ޓީމަށް އޮތް އިތުބާރާއި ތާއީދުކަމަށް ހޮޅުދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އަބްދުއްސައްތާރު މުހައްމަދު ވިދާޅުވެއްޖެއެވެ.
ވެރިކަންކުރާ ޕީއެންސީގެ ހަރުގޭގައި މިރޭ ކުރިއަށްދާ ޖަލްސާގައި ވާހަަކަދައްކަވަމުން އަބްދުއްސައްތާރު ވިދާޅުވީ އެމްޑީޕީން ވެރިކަން ދޫކޮށްލީ ރާއްޖޭގެ އިގުތިސާދު ވަރަށް ނިކަމެތި ފައްތަރަކަށް ވައްޓާލައި ވެރިކަން ދޫކޮށްލިތާ ހައެއްކަ މަސްތެރޭ ވެރިކަން ވައްޓާލެވޭ ގޮތަށް ކަންކަން ފަރުމާކޮށްފައި ކަމަށެވެ.
އަބްދުއްސައްތާރު ވިދާޅުވި ގޮތުގައި އެމްޑީޕީން ވެރިކަން ދޫކޮށްލިއިރު ސަރުކާރު ބަދަލުކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިންވެސް ގިނަ ތައްޔާރީތަކެއްވެފައިވާ ކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރުމުގެ އިޖުރާއާތުތައް ވަރަށް ބޮޑަށް ކުރުގަޅުވާލާފައި އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.
"މިމީހުންގެ ހުވަފެނަކީ އަބަދުވެސް ވެރިކަން ވެރިކަން ވެރިކަން. އެހެންނަމަވެސް އިންތިޚާބަކާ ކުރިމަތިލައިފިއްޔާ އަބަދުވެސް އޮންނަނީ ރައްޔިތުން ނުކުމެ ވެލިކާންދީފަ، ވެލިކާންދީފަ.،" އަބްދުއްސައްތާރު ވިދާޅުވިއެވެ.
"ރައީސް ޑރ.މުޢިއްޒާމެދުގައި ކިތަންމެ ގިނަ ދޮގުތަކެއް ހެދިދާނެ. އެހެންނަމަވެސް ރައްޔިތުންގެ ކުރިމަށްޗަށް ވޯޓު ކަރުދާސްކޮޅެއް ދިއްކޮށްލުމާއެކު ރައްޔިތުން ބުނަނީ ކީކޭތޯ؟ ޑރ.މުޢިއްޒު ބަރާބަރޭ ހެޔޮ ފާހަގައޭ ޖަހާނީ ޕީއެންސީގެ ކެންޑިޑޭޓެއް ކަމަށްވަންޏާ،"
ރާއްޖޭގެ ސިޔާސީ މަސްރަހުގެ ތާރީޚަށް އަލިއަޅުވައިލައްވަމުން އަބްދުއްސައްތާރު ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިހާތަނަށް ފެނުނީ އެކަކު އަނެކަކަށް އިހުތިރާމުނުކުރުމާއި ހިތުހުރި ކޮންމެ ވާހަކައެއް ދެއްކުމާއި ރަނގަޅު އަހުލާގީ މިންގަނޑުތައް ނުހިފަހެއްޓުން ކަމަށެވެ. ނަމަވެސް ރައީސް ޑރ.މުޢިއްޒުވަނީ ރައްޔިތުން ދެކެ ލޯބިވާ ވެރިންގެ ކިބައިގައި ހުންނަަންޖެހޭ އަގުކުރުންތައް ދައްކަވައިދެއްވަމުން ގެންދަވާ ކަމަށެވެ.
އަދި ރައީސަކީ ރައްޔިތުން ބޭނުންވާ ގޮތްތައް ކައިރިން ބައްލަވައި ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުއްވައިގެން މަސައްކަތްކުރައްވާ ވެރިއެއްކަން ފާހަގަކުރައްވަމުން އަބްދުއްސައްތާރު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ބަދަލަކަށް ވޯޓު ދިނުމުގެ ވިސްނުން ގެންގުޅެގެންނުވާނެ ކަމަށެވެ.
އެމްޑީޕީ ސަރުކާރުން ކަންކަން ކުރަމުން އައި ގޮތަށް އަލިއަޅުވައިލައްވަމުން އަބްދުއްސައްތާރު ވިދާޅުވީ އެ ޕާޓީގެ ވެރިކަމުގައި މަސައްކަތްތައް ފަށާފައި ހުރީ އެއްވެސް ރޭވުންތެރިކަމެއް ނެތި ކަމަށެވެ. އަދި އެއީ މިހާރު ގައުމަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ދަތިކަން އަދި ޖެހިފައި އޮތް ދަންތުރަކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
ރައީސްގެ އަމާޒަކީ އެހުރިހާ މަސައްކަތެއް ހަލުއިކޮށް ކުރިއަށްގެންދަވައި ނިންމެވުންކަން ފާހަގަކުރައްވަމުން އަބްދުއްސައްތާރު ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ކުރިމަތިވެފައި ހުރި މާލީ އަދި އިގުތިސާދީ ދަތިތައް ގިރާކުރައްވައި މިހާރު ކަންކަން ރަނގަޅު މިސްރާބަށް ކަންކަން އަނބުރާލައްވާފައިވާ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައީސް ޑރ.މުޢިއްޒު ފަދަ ވިޝަނަރީ ލީޑަރަކަށް ނޫނީ މިފަދަ ހާލަތެއްގައި އޮތް ގައުމެއް ނުހިންގޭނެ. ހިންގުމަށްޓަކައި ބޭނުންވަނީ މިފަދަ ލީޑަރެއް ޝަޚުޞިއްޔަތެއް، މިފަދަ މަޑުމައިތިރިކަމާއެކު ރައްޔިތުންނާ މުހާތަަބުކުރައްވާނެ ލީޑަރެއް،" އޭނާ ވިދާޅުވިއެވެ.
މެންބަރު އިތުރަށް ވިދާޅުވީ ރައްޔިތުންގެ ހިތުގެ ފުންމިނުން ރައީސަށް އޮތް ލޯބި ކުރިއަށް އޮތް އިންތިހާބުތަކުގައި ސާފުކޮށް ދައްކަވައިދެއްވާނެ ކަމަށެވެ.