ENGLISH

15 މޭ 2025

Advertisement

މަތިވެރީގައި އެއާޕޯޓެއް ތަރައްގީކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފި

14 މޭ 2025

|

ޝިފްޒާން އަޙްމަދު

އއ.މަތިވެރި

އއ.މަތިވެރީގައި ދާހިލީ އުދުހުންތަކަށް ހާއްސަ އެއާޕޯޓެއް ތަރައްގީކުރާނެ ފަރާތެއް ހޯދުމަށް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރަސްޓްރަކްޗާއިން އިއުލާނުކޮށްފިއެވެ. 

އެ މިނިސްޓްރީން ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިއުކުރި އިއުލާނެއްގައި ބުނެފައިވަނީ އެ މަޝްރޫއު ކުރިއަށްގެންދިއުމުގެ މާލީ އަދި ފަންނީ ގާބިލުކަން ސާބިތުކޮށްދެވޭ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓު (ޝައުގުވެރިކަން ފާޅުކުރާކަން އަންގާ ލިޔުން) ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވިފައިވާ ކަމަށެވެ. 

މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ އެކެއް އޭޕްރީލް 2025 ގައި ނެރުއްވި ރިޔާސީ ގަރާރުގެ ދަށުން ކްރޮސް ސަބްސިޑީގެ އުސޫލުން ހިންގުމަށް ކަނޑައަޅާފައިވާ ގައުމީ ބޮޑު މަޝްރޫއެއްގެ ގޮތުގައި ނިންމަވާފަައިވާ މަޝްރޫއެއްކަން މިނިސްޓްރީން ފާހަގަކުރިއެވެ. 

ކްރޮސް ސަބްސިޑީ މޮޑެލްގެ ދަށުން މަޝްރޫއު ހިންގުމަށް ކުރިމަތިލާ ފަރަތްތަކަށް އެއާޕޯޓު ބިނާކޮށް ހިންގުމަށް ހިނގާ ހަރަދު ހަމަޖެއްސޭނެ ވިޔަފާރިތައް ހިމަނައިގެން ޕްރޮޕޯޒަލް ހުށަހެޅޭނެއެވެ. ނުވަތަ ކޮންޓްރެކްޓާ ފައިނޭންސިން ނުވަތަ ޕަޕްލިކް ޕްރައިވެޓް ޕާޓްނާޝިޕު މޮޑެލްއަށް ނުވަތަ ލޯނު ހޯދައިގެން މަޝްރޫއު ހިންގާ މޮޑެލްއަށްވެސް އެ މަޝްރޫއު ހިންގުމަށް ހުށަހެޅުމުގެ ފުރުސަަތު އޮންނާނެއެވެ. 

މިނިސްޓްރީގެ ވެބްސައިޓުގައި ޓާމްސް އޮފް ރިފަރެންސް ނުވަތަ މަޝްރޫއަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކާއި، މަޝްރޫއުގެ ތަފުސީލުތައް މިހާރު ޝާއިއުކޮށްފައިވެއެވެ. 

މިނިސްޓްރީގެ އެޑްރެހަށް ނުވަތަ މިނިސްޓްރީގެ އީމެއިލަށް މަޝްރޫއަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާ ލިޔުން ފޮނުވޭނެއެވެ. އަދި ޝައުގުވެރިކަން ފާޅުކޮށް ލިޔުން ހުށަހެޅުމުގެ އެންމެ ފަހުގެ މުހުލަތަކީ ޖޫން މަހުގެ 15 ވަނައަށްވާ އާދީއްތަ ދުވަހެވެ. 

ކިޔުންތެރިންގެ ހިޔާލު