ENGLISH

05 ޖުލައި 2025

Advertisement

މިއީ ބުޅާ ބަލަހައްޓާ ވުޒާރައެއް އެކަންޏެއް ނޫން، މަސައްކަތުގެ ދާއިރާ ބޮޑުވެފައި ޒިންމާތައް ގިނަ

14 މޭ 2025

|

ޝިފްޒާން އަޙްމަދު

މިއަދު ރާއްޖޭގެ ނޫސްތަކުން ފާހަަގަކުރެވުނު އެއް ސުރުޚީއަކީ މިނިސްްޓްރީ އޮފް އެގްރިކަލްޗާ އެންޑް އަނިމަލް ވެލްފެއާގައި މަސައްކަތްކުރާ ސިޔާސީ މުވައްޒަފުންގެ އަދަދާއި އެމިނިސްޓްރީގެ ބެލުމުގެ ދަށުން މިހާރު ހިންގަމުންދާ "އޮޅު ހިޔާ"ގައި މިހާރު ތިބި ބުޅަލުގެ އަދަދު އެއް ސުރުޚީއެއްގައި އެކުއެކީ ގެނެސްފައިވާ ޚަބަރުތަކެވެ. ހަމަބުއްދިން ނުވަތަ "ކޮަމަން ސެންސް"ގެ ނަޒަރަކުން ބަލާއިރު މި ސުރުޚީތަކުގެ ބޭނުމަކީ ސިޔާސީ މުވައްޒަފުން ތިބި އަދަދާއި އެ ވުޒާރާގެ މަސައްކަތް ނުބައްދަލުކަން ދައްކުވައިދިނުމެވެ. އެ މަގުސަދު ހާސިލުކުރުމަށް ދޭހަކޮށްދޭން ބޭނުންވަނީ އެ މިނިސްޓްރީގެ މައިގަނޑު މަސައްކަތަކީ ނުވަތަ އެ މިނިސްޓްރީން ކުރަމުންދާ ހަމައެކަނި މަސައްކަތަކީ "އޮޅު ހިޔާ" ކަމުގައެވެ. 

ނަމަވެސް ހަގީގަތަށް ބަލާއިރު މި މިނިސްޓްރީއަކީ ވަރަށް ބޮޑެތި ޒިންމާތަކެއް މަތިކުރެވިފައިވާ ފަންނީ ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ އަދި ކުރަމުން އަންނަ މިނިސްޓްރީއެކެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ގައުމީ ތަސައްވުރުގެ މުހިއްމު އުންސުރެއް ކަމުގައިވާ ކާބޯތަކެތީގެ ރައްކާތެރިކަމާއި ދެމެހެއްޓެނެވިކަން ކަށަވަރުކުރުމުގެ ބޮޑު މަސްއޫލިއްޔަތު އަދި އެ އަމާޒަށް ދަތުރުކުރުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވައިލާ ތަންފީޒުކުރުމުގެ ބުރަ މަސައްކަތް މަތިވެފައި އޮތީ މި މިނިސްޓްރީއާއެވެ. 

އެ މިނިސްޓްރީގެ މެންޑޭޓުގައި 40 މަސައްކަތެއް ހިމެނެއެވެ. އެއިން ބައެއް ކަންކަމަކީ ވަރަށް ފަންނީ ކަންކަމެވެ. ވަގުތާއި ހަކަތަ ހޭދަކޮށްގެން ނޫނީ ނަތީޖާ ނުނެރެވޭކަހަލަ މަސައްކަތްތަކެވެ. މުވައްޒަަފުންވެސް އަދި މާލީ ވަސީލަތްތައްވެސް އެކަންކަމަށް ބޭނުންވާ ޒާތުގެ ކަންކަމެވެ. އެއިން ބައެއް ކަންކަން ދަންނަވައިލާނަމެވެ. 

- ރާއްޖޭގެ ދަނޑުވެރިކަން ތަރައްގީކުރުމާއެކު އެ ސިނާއަތުގެ ދެމެހެއްޓެނެވިކަން ކަށަވަރުކުރުމާއެކު، ދެމެހެއްޓެނެވި ގޮތެއްގައި އާއްމުކޮށް ބޭނުންކުރާ ކާބޯތަކެތި ލިބޭނެކަން ކަށަވަރުކުރުމަށް ބޭނުންވާ ސިޔާސަތުތައް އެކަށައަޅައި ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން އެ ސިޔާސަތުތައް ތަންފީޒުވާކަން ކަށަވަރުކުރުން. 

- ދަނޑުވެރިކަމާއި ކެއިންބުއިމަށް ބޭނުންވާ ޖަނވާރު ގެންގުޅުމާއި ޖަނަވާރު އާލާކޮށް ބެލެހެއްޓުމާ ގުޅުންހުރި ހަރުދަނާ ގައުމީ އަމާޒުތަކެއް ކަނޑައަޅައި އެ އަމާޒުތަކަށް ވާސިލުވުމަށް ބޭނުންވާ މާލީ ވަސީލަތްތައް ފުރިހަމަކުރެވޭކަން ކަށަވަރުކުރުމާއި މި ދާއިރާތާއް ތަރައްގީކުރުމަށް ބޭނުންވާ މާސްޓާ ޕްލޭންތަކާއި އެކްޝަން ޕްލޭންތައް ކަމާ ގުޅުންހުރި އިދާރާތަކުގެ ޝާމިލުވުމާއެކު އެކުލަވައިލުން. 

- މަތީގައި ބަޔާންކުރެވުނު އެކި ދާއިރާތަކުގެ ކުރިއެރުމަށް ބޭނުންވާ ގާނޫނުތައް ފަރުމާކުރުމުގައި ކަމާ ގުޅުންހުރި އިދާރާތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، އެ ދާއިރާއާ ގުޅުންހުރި ގާނޫނުތަކުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް އެކުލަވައިލުމާއި، މިނިސްޓްރީގެ މަސައްކަތުގެ ދާއިރާގައި ހިމެނޭ އެކި ދާއިރާތައް ރެގިއުލޭޓުކުރުމަށް ބޭނުންވާ އޮނިގަނޑުތައް ފަރުމާކުރުން. 

- އަދި ފަޅުރަށްތައް އެކި ފަރާތްތަކަށް ކުއްޔަށް ދޫކުރުމާއި، އެ ދޫކުރާ ބޭނުމާ އެއްގޮތަށް ފަޅުރަށްތަކުގައި މަސައްކަތް ހިނގަމުންދާކަން ކަށަވަރުކުރުން. 

- ދަނޑުވެރިކަމާއި ޖަނަަވާރު ގެންގުޅެ އެތަކެތި އާލާކުރުމާ ގުޅުންހުރި މިންގަަނޑުތައް އެކަށައަޅައި އެ މިންގަނޑުތަކަށް އަމަލުކުރަމުންދާކަން ކަށަވަރުކުރުމާއި، އެ ދާއިރާތަކުގެ އިގުތިސާދީ އިޖުތިމާއީ ހާލަތު އިތުރަށް ރަނގަޅުވާނެ މަޝްރޫއުތައް ފަރުމާކޮށް ތަަންފީޒުކުރުން. 

- މި ދާއިރާތަކާ ގުޅުންހުރި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް އެކުލަވައިލާ ތަންފީޒުކުރުމާއި، އެ ދާއިރާތައް ކުރިއަރުވަން ބޭނުންވާ ފަންނީ، މާލީ އެހީތެރިކަމާއި ވަސީލަތްތަކާއި ހިދުމަތްތައް އެ ދާއިރާގެ މަސައްކަތްތެރިންނަށް ފަސޭހައިން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުން. 

- ރާއްޖޭގައި އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތައް ދިވެހިރާއްޖޭގެ އާބާދީގެ ބޭނުންތަކާ މުނާސަބު މިންވަރަކަށް އިތުރުކުރުމާއި، ރާއްޖޭގެ އުފެއްދުންތައް ޕްރޮމޯޓުކޮށް އެ އުފެއްދުންތަަކަށް ރާއްޖޭގެ އެކި ސަރަހައްދުތަކުން ބާޒާރު ހޯދައިދީ ދަނޑުވެރިކަން ފުޅާކުރުން. 

- މި ދާއިރާތަކާ ގުޅޭ ދިރާސާތައް ހެދުމާއި ދިރާސާކުރުމަށް ހިތްވަރުދިނުމާއި، އެންމެ މުހިއްމު އަސާސީ ކާބޯތަކެތީގެ އަގު އެކަށީގެންވާ މިންވަރެއްގައި ހިފަހެއްޓުމަށް ކަމާ ގުޅޭ އިދާރާތަކާއެކު މަސައްކަތްކުރުމާއި ޖަނަވާރު އެތެރެކޮށް ބޭރުކުރަން ދޫކުރަންޖެހޭ ހުއްދަތައް ދޫކުރުން. 

މަތީގައި ބަޔާންކުރެވިފައިވާ ކަންކަމަކީ އެ މިނިސްޓްރީގެ މަސައްކަތްތަކުގެ ތެރެއިން ބައެއް ކަންކަމެވެ. އަދިވެސް މުހިއްމު އެތައް މަސައްކަތެއް މިނިސްޓްރީން ކުރަމުންދެއެވެ. އޭގެ ތެރޭގައި ޖަނަވާރުގެ ދުޅަހެޔޮކަމަށް ބޭނުންވާ ބޭހާއި ވެކްސިން ފަދަ ތަކެއްޗާއި ހިދުމަތްތައް ހުސްނުވެ ރާއްޖެއިން ލިބެމުންދާކަން ކަށަވަަރުކުރުންވެސް ހިމެނެއެވެ. އަދި ޖަނަވާރުގެ ފަރާތުން ފެތުރޭ ބަލިތައް ދެނެގަނެ އިންސާނުންނާއި އެހެނިހެން ޖަނަވާރު އެބަލިތަކުން ސަލާމަތްކުރުމަށް ފިޔަވަޅުއެޅުމަކީވެސް މިނިސްޓްރީގެ ޒިންމާއެކެވެ. 

މިނިސްޓްރީއަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ ސިޔާސީ މުވައްޒަފުންނަކީ މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ 40 މަސައްކަތް ކުރުމަށް، އަދި އެ މަސައްކަތްތައް އެމަނިކުފާނު ކަނޑައަޅުއްވާފައިވާ އަމާޒުތަކާ އެއްގޮތަށް ކުރަމުންދާކަން ކަށަވަރުކުރަން އައްޔަންކުރައްވާފައިވާ ބޭފުޅުންނެވެ. 

ހަގީގަތަކީ މި މިނިސްޓްރީއަކީ ބޮޑު މެންޑޭޓެއް އޮތް އެހާމެ މުހިއްމު މަސައްކަތްތަކެއް ކުރާ ވުޒާރާއެކެވެ. އެ ވުޒާރާގެ މަސައްކަތްތައް "އޮޅު ހިޔާ" ބެލެހެއްޓުމާއި ހިންގުމަށް އެކަނި ހަނިކުރުމަކީ ބޮޑު ބޭއިންސާފެކެވެ. އެއަށްވުރެ ބޮޑު އޮޅުވައިލުމެކެވެ. މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ އުދަގޫ އެހާމެ ފަންނީ އަދި ކަވި މަސައްކަތްތައް ކުރުމަށް އެކަށީގެންވާ މުސާރައިގަ އެ މަސައްކަތްކުރުމުގެ ގާބިލުކަން ލިބިފައިވާ ޓީމެއް އެ މިނިސްޓްރީގައި އޮންނަންޖެހޭކަމީ ދެބަސްނުވެވޭނެ ހަަގީގަތެކެވެ. 

ކިޔުންތެރިންގެ ހިޔާލު