ENGLISH
05 ޖުލައި 2025
ޒަަމާނީ ފެންވަރުގެ ނާސަރީއެއް ގާއިމުކުރުމަށް އެޗްޑީސީއާއި އެންވަޔަރަމެންޓް މިނިސްޓްރީގެ މެދުގައި ސޮއިކޮށްފި
14 މޭ 2025
|
ނާސަރީއެއް ގާއިމުކުރުމަށް އެންވަރަމެންޓް މިނިސްޓްރީއާއި އެޗްޑީސީގެ މެދުގައި އެމްއޯޔޫ ސޮއިކުރުން، ފޮޓޯ: އެޗްޑީސީ
ރައީސުލްޖުުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިއުލާނުކުރައްވާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއުގެ ޕްރޮގުރާމު ހިންގުމަށް ޒަމާނީ ފެންވަރުގެ ނާސަރީއެއް ހުޅުމާލޭގައި ގާއިމުކުރުމަށް އެންވަޔަރަމެންޓް މިނިސްޓްރީން ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)އާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
އެޗްޑީސީއާއެކު އެންވަޔަރަމެންޓް މިނިސްޓްރީން މިއަދު ސޮއިކުރި އެމްއޯޔޫގެ ދަށުން ނާސަރީ އެޅުމަށް ބިމެއް ކަނޑައަޅައި އެތަނުގައި ނާސަރީ ގާއިމުކޮށް ހިންގާނީ އެޗްޑީސީންނެވެ. އަދި އެ މަޝްރޫއު ހިންގާނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ.
މި އެމްއޯޔޫގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ތޯރިގު އިބްރާހީމެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ މުހައްމަދު މައުރޫފު ޖަމީލެވެ.
މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި އެއްބަސްވުމުގެ ދަށުން އެޗްޑީސީން 55،000 އަކަފޫޓުގެ ބިމެއްގަައި ނާސަރީއެއް ފަރުމާކޮށް ބިނާކުރާނެއެވެ. އެ ނާޒަރީ ޑިޒައިންކުރުމުގެ މަސައްކަތް މިހާރުވަނީ ނިމިފައެވެ.
އެ ނާސަރީގައި ލެބޯޓަރީއަކާއި ތަމްރީނުދޭ ކޮޓަރިތަކާއި އޮފީސް ބައެއްގެ އިތުރަށް ގްރީންހައުސްއެއްވެސް ހުންނާނެ ކަމުގައި މިނިސްޓްރީން ބުނެފައިވެއެވެ. މި ނާސަރީއަކީ ރައީސްގެ ފަސް މިލިއަން ގަސް ޕްރޮގުރާމަށް ބޭނުންވާ ގަސް އުފެއްދުމަށް، އަދި އެ ޕްރޮގުރާމު ނިމުމަށްފަހުވެސް ބޭނުންވާ ގަސް އުފެއްދުމަށް ފަރުމާކޮށްފައިވާ ނާސަރީއެކެވެ.
ރައީސް ފެއްޓެވި ޕްރޮގުރާމުގެ ދަށުން ގަސް އިންދުމަށް އަހުދުވެފައިވާ އެކި ފަރާތްތަކުން ޖުމްލަ 6.6 މިލިއަން ގަސް އިންދުމަށް އަހުދުވެފައިވެއެވެ. އަދި މި އަހަރު ތިމާވެށީގެ ދުވަހުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށްގެންދިއުމަށް މަސައްކަތްކުރަމުންދާކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.