ENGLISH

05 ޖުލައި 2025

Advertisement

ދަރަނި އަދާކުރަން 2.4 ބިލިއަން ރުފިޔާ ހަރަދުވިއިރު، ޔޫޒަބަލް ރިޒާވްގައި 171.3 މިލިއަން ޑޮލަރު

14 މޭ 2025

|

ޝިފްޒާން އަޙްމަދު

މެލޭޝިޔާގައި އޮތް އިންވެސްޓު މޯލްޑިވްސް ފޯރަމުގައި ރައީސް ވާހަކަދައްކަވަނީ، ފޮޓޯ: ރައީސް އޮފީސް

ފާއިތުވި އޭޕްރީލު މަހުގެ ނިޔަލަށް ދައުލަތުގެ ދަަރަނި އަދާކުރުމަށް 2.4 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، އެ މަހުގެ ނިޔަލަށް ދައުލތުގެ ބޭރު ފައިސާގެ ރިޒާވްގެ ތެރެއިން ބޭނުންކުރެވޭ ގޮތަށް ހުރި ރިޒާވްގައި 171.3 މިލިއަން ޑޮލަރު އެބަހުރިކަން ފިނޭންސް މިނިސްޓްރީގެ ހިސާބުތަކާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އާއްމުކޮށްފައިވާ ހިސާބުތަކުން ދައްކައިފިއެވެ. 

އެމްއެމްއޭއިން އާއްމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު އޭޕްރީލު މަހުގެ ނިޔަލަށް ދައުލަތުގެ ރަސްމީ ރިޒާވް އެސެޓުގެ ގޮތުގައި 856.3 މިލިއަން ޑޮލަރު ހުއްޓެވެ. އަދި އޭގެ އިތުރަށް ރަސްމީ ރިޒާވް އެސެޓުގެ ގޮތުގައި ނުގުނާ ރާއްޖޭގެ ބޭންކުތަކުގައި އެމްއެމްއޭއިން އިންވެސްޓުކޮށްފައި ހުރި އެސެޓުގެ ގޮތުގައި 143 މިލިއަން ޑޮލަރު ހުއްޓެވެ. އެހެންކަމުން ޖުމްލަކޮށް ރިޒާވް އެސެޓުގެ ގޮތުގައި 999 މިލިއަން ޑޮލަރު ހުރިކަން އެ ހިސާބުތަކުން ދައްކައެވެ. އެއީ ބޭންކުތަކުގައި އިންވެސްޓުކޮށްފައި ހުރި އަދަރ ފޮރިން ކަރަންސީ އެސެޓަކީވެސް އެމްއެމްއޭއަށް ރިޒާވްއިން ބޭނުންކުރަންޖެހޭ ހާލަތުގައި ބޭނުންކުރެވޭ ގޮތަށް ހުރި ފައިސާއަށް ވާތީއެވެ. 

ރިޒާވްގެ ހާލަތު ވަރަށް ބޮޑަަށް ރަނގަޅުވެފައިވާއިރު ކުރު މުއްދަަތުގައި ރިޒާވްއިން ކުރަންޖެހޭ ހޭދައިގެ ގޮތުގައި މަރުކަޒީ ބޭންކުގެ ހިސާބުތަކުން ދައްކާ 828 މިލިއަން ޑޮލަރު ޖުމްލަ ރިޒާވް އަދަދުން އުނިކުރުމުން ބޭނުން ހިފޭ ބޭރު ފައިސާގެ އެސެޓުގެ ގޮތުގައި މަރުކަޒީ ބޭންކުގައި 171.3 މިލިއަން ޑޮލަރު ހުރިކަން ދައްކައެވެ. 

ރިޒާވްގެ ހާލަތު ރަނގަޅުވެ މަރުކަޒީ ބޭންކުގެ ބޭނުންތަކަށް ބޭނުންކުރެވޭ ގޮތަށް ހުރި ބޭރު ފައިސާގެ އެސެޓުތަކުގެ އަދަދު 171.3 މިލިއަން ޑޮލަރަށް އިތުރުވީ މައިގަނޑު ދެ ސަބަބަކާ ހުރެއެވެ. އެއީ: 

ހ- އިންޑިޔާގެ ރިޒާވް ބޭންކާއެކު އެމްއެމްއޭއިން ގާއިމުކުރި ކަރަންސީ ސްވޮޕުގެ ތެރެއިން ލިބުނު 400 މިލިއަން ޑޮލަރުގެ ސަބަަބުން. ރާއްޖޭގެ ބޭންކުތަކުގައި އިންވެސްޓުކޮށްފައި ހުރި ބޭރު ފައިސާގެ އެސެޓުތަކަކީ މި ފައިސާގެ ތެރެއިން ބޭންކުތަކުގައި އިންވެސްޓުކުރި ފައިސާ. 

ށ- ބޭރު ފައިސާއާ ބެހޭ ގަވާއިދާއި ގާނޫނުގެ ދަށުން ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުން ބޭންކުތަކަށް ފައިސާ މާރުކުރަމުންދިއުން. ނަތީޖާއެއްގެ ގޮތުން އޭޕްރީލު މަހުގެ ނިޔަލަށް 214 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފައިވާކަމަށް މި މަހުގެ 3ވަނަ ދުވަހު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވޭ. ބޭންކުތަކަށް މާރުކުރާ ޑޮލަރުގެ 60 އިންސައްތަ ބޭންކުތަކުން ވިއްކާނީ އެމްއެމްއޭއަށް. 

ބޭރު ފައިސާގެ ރިޒާވްގެ ހާލަތު ރަނގަޅުވެފައިވާއިރު މި އަހަރުގެ މިހާތަނަށް ދަރަނި އަދާކުރުމަށް ސަރުކާރުން ކުރި ހަރަދު ފާއިތުވި އަހަރާ އަޅާބަލާއިރު 165.3 އިންސައްތަ އިތުރުވެފައިވެއެވެ. އެގޮތުން ފާއިތުވި އަހަރުގެ އޭޕްރީލު މަހުގެ ނިޔަލަށް ދަރަނި އަދާކުރުމަށް ސަރުކާރުން ހަރަދުކުރީ 931.9 މިލިއަން ރުފިޔާއެވެ. މި އަހަރުގެ އެ މުއްދަތުގައި 2.4 ބިލިއަން ރުފިޔާ ދަރަނި އަދާކުރުމަށް ހަރަދުކޮށްފައިވެއެވެ. 

މި އަހަރަކީ ދަރަނި އަދާކުރުމުގެ ހަރަދު ވަރަށް ބޮޑު އަހަރެކެވެ. މި އަހަރު 500 މިލިއަނެއްހައި ޑޮލަރު ނުވަތަ 7.7 ބިލިއަން ރުފިޔާ ހަރަދުކުރަންޖެހެއެވެ. މި އަދަދުގެ ތެރެއިން ކުރީ ސަރުކާރުން 2022 ވަނަ އަހަރު އަމިއްލަ ފަރާތަކުން ދަރަންޏަށް ނެގި 100 މިލިއަން ޑޮލަރާއި އެ ލޯނުގެ އިންޓަރެސްޓަށްވާ ފައިސާ މި ސަރުކާރުންވަނީ އަދާކޮށްފައެވެ. 

ސަރުކާރުންވަނީ ދަރަނި އަދާކުރަންޖެހޭ މުއްދަތުގައި އެއްވެސް ދަަތިކަމެއް ނެތި ދަރަނި އަދާކުރަމުންދާނެ ކަމުގެ ޔަގީންކަން ބޭރުގެ މާލީ އިދާރާތަކަަށް ދީފައެވެ. އަދި ސަރުކާރުގެ މާލީ ސިޔާސަތުތަކާއެކު، ދައުލަތުގެ ބަޖެޓުގެ ޑެފިސިޓު ނައްތައިލެވި އަހަރުގެ މިހާތަނަށް ބަޖެޓު ހިންގަމުން އަންނަނީ އަރަނީގައެވެ. 

މި ސިޔާސަތުތަކުގެ ސަބަބުން ބޭރުގެ ދަރަނި އަދާނުކުރެވި ރާއްޖެ ބަނގުރޫޓުވެދާނެކަމަށް ބައެއް މާލީ އިދާރާތަކުން ދައްކަމުން އައި ވާހަކަތައް އަނބުރާ ގެންގޮސް މާލީ ދަތިތަކާއެކުވެސް ދިވެހި އިގުތިސާދު އެކަށީގެންވާ ދުވެއްޔެއްގައި ކުރިއަރާނެ ކަމަށް އެ އިދާރާތަކުން މިހާރު ބުނެއެވެ. 

ކިޔުންތެރިންގެ ހިޔާލު