ENGLISH
05 ޖުލައި 2025
ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ 32 އިންސައްތަ އިތުރުވެއްޖެ
14 މޭ 2025
|
މީރާއިން އަންނަނީ އާމްދަނީ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން، ފޮޓޯ: މީރާ
މި އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހު ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ ގާތްގަނޑަކަށް 32 އިންސައްތަ އިތުރުވެފައިވާކަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މީރާއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ ޖަނަވަރި އެއްވަނަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް ޑޮލަރުން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 551،120،640 (ފަސްސަތޭކަ ފަންސާސްއެއް މިލިއަން އެއްލައްކަ ވިހިހާސް ހަސަތޭކަ ސާޅީސް) ޑޮލަރެވެ. ނިމުނު އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 417،125،203 (ހަތަރުސަތޭކަ ސަތާރަ މިލިއަން އެއްލައްކަ ފަންސަވީސްހާސް ދުއިސައްތަ ތިން) ޑޮލަރެވެ.
އެހެންކަމުން ނިމުނު އަހަރުގެ އެ މުއްދަތުގައި ޑޮލަރުން ލިބުނު އާމްދަނީއަށްވުރެ މި އަހަރު ޑޮލަރުން ލިބުނު އާމްދަނީ 32.2 އިންސައްތަ އިތުރުވެފައިވެއެވެ.
ޓެކުހުގެ ގޮތުގައި އަދި ޓެކުސް ނޫން ގޮތްގޮތުން ލިބުނު ޑޮލަރުގެ އާމްދަނީ ފާއިތުވި އަހަރަަށްވުރެ މި އަހަރު އިތުރުވެފައިވާކަން މީރާގެ ހިސާބުތަކުން ދައްކައެވެ. އެގޮތުން މި އަހަރު ޓެކުހުގެ ގޮތުގައި ޑޮލަރުން ލިބިފައިވަނީ 439،154،411 (ހަތަރުސަތޭކަ ތިރީސްނުވަ މިލިއަން އެއްލައްކަ ފަންސާސް ހަތަރުހާސް ހަތަރުސަތޭކަ އެގާރަ) ޑޮލަރެވެ. ފާއިތުވި އަހަރުގެ އެ މުއްދަތުގައި ޓެކުހުގެ ގޮތުގައި ޑޮލަރުން ލިބުނު އާމްދަނީއަކީ 351،707،084 (ތިންސަތޭކަ ފަންސާސް އެއް މިލިއަން ހަތްލައްކަ ހަތްހާސް އަށްޑިހަ ހަތަރު) ޑޮލަރެވެ.
އަދި ޓެކުސް ނޫން ގޮތްގޮތުން ނިމުނު އަހަރު ޑޮލަރުން ލިބުނު އާމްދަނީއަކީ 65،418،119 (ފަސްދޮޅަސް ފަސް މިލިއަން ހަތަރުލައްކަ އަށާރަހާސް ސަތޭކަ ނަވާރ) ޑޮލަރެވެ. މިއަހަރު ޓެކުސް ނޫން ގޮތްގޮތުން ޑޮލަރުގެ އާމްދަނީގެ ގޮތުގައި 111،966،229 (ސަތޭކަ އެގާރަ މިލިއަން ނުވަލައްކަ ފަސްދޮޅަސް ހަހާސް ދުއިސައްތަ ނަވާވީސް) ޑޮލަރެވެ.
އެހެންކަމުން ޓެކުހުގެ ގޮތުގައި ޑޮލަރުން ދައުލަތަށް ލިބުނު އާމްދަނީވަނީ ނިމުނު އަހަރާ އަޅާބަލާއިރު 25 އިންސައްތަ އިތުރުވެފައެވެ. އަދި ޓެކުސް ނޫން ގޮތްގޮތުން ޑޮލަރުން ލިބުނު އާމްދަނީ ފާއިތުވި އަހަރަށްވުރެ މި އަހަރު 71.1 އިންސައްތަ އިތުރުވެފައިވެއެވެ.
ސަރުކާރުން އަންނަނީ ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ގިނަ މަސައްކަަތްތަކެއް ކުރަމުންނެވެ. އެގޮތުން ކުރިން އެކި ގޮތްގޮތުން ދައުލަތަށް ލިބެންޖެހި ނުލިބި ހުރި އާމްދަނީ ހޯދުމަށް ހާއްސަ މަސައްކަތްތަކެއް މީރާއާއި ފިނޭންސް މިނިސްޓްރީ ގުޅިގެން ކުރަމުންދެއެވެ.
މީރާއިން ބުނެފައިވާ ގޮތުގައި މި މަސައްކަތްތަކުގެ ސަބަބުން ޓެކުސް ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އަދާކުރާ މިންވަރު އިތުރުވެއްޖެއެވެ.