ENGLISH
05 ޖުލައި 2025
"އޮޅު ހިޔާ"އަށް ހިނގާ ހަރަދުގެ ރަނގަޅު ގޮތް މިނިސްޓަރު ވިދާޅުވެދެއްވައިފި
14 މޭ 2025
|
ދަނޑުވެރިކަމާއި ޖަނަވާރާ ބެހޭ ވަޒީރު ޑރ.މަރިޔަމް މާރިޔާ
"އޮޅު ހިޔާ"އަށް ހިނގާ ހަރަދުތަކުގެ ތަފުސީލު ވިދާޅުވެދެއްވަމުން މިއަދުގެ މަޖިލީހުގައި އެރި އޮޅުމެއް ދަނޑުވެރިކަމާއި ޖަނަވާރާ ބެހޭ ވަޒީރު ޑރ.މަރިޔަމް މާރިޔާ ސާފުކޮށްދެއްވައިފިއެވެ.
މިއަދު މަޖިލީހުގެ ޖަލްސާގައި "އޮޅު ހިޔާ"އަށް ހިނގާ ހަރަދުތަކާ ގުޅޭ ގޮތުން މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ނުބައި އަދަދެއް ވިދާޅުވެވިފައިވާކަން ހާމަކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓުގައި ނުބައި އަދަދެއް ވިދާޅުވެވުނީތީ މިނިސްޓަރުވަނީ މައާފަށް އެދިވަޑައިގެންފައެވެ.
"ނޮން ރިކަރެންޓް ހަރަދުގެ ގޮތުގައި [ފެސިލިޓީއަށް] 1.2 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ދަންނަވައިލަން އަދި ފެސިލިޓީގައި 2000 ބުޅަލަށް މަހަކު ހަތްލައްކަ ރުފިޔާ ހަރަދުވާނެ. އަދި ކޮންމެ ތިން މަހަކުން 3.4 މިލިއަން ރުފިޔާ ހަރަދުވާނެ. އަހަރަކު 10.8 މިލިއަން ރުފިޔާ ހަރަދުވާނެ، ފެސިލިޓީގެ ޖުމުލަ ބަޖެޓުން ބުޅަލަކަށް މަހަކު 368 ރުފިޔާ ހަރަދުވާނެ. އަދި ފެސިލިޓީގެ ޖުމުލަ ބަޖެޓުން ބުޅަކަށް އަހަރަކު 5416 ރުފިޔާ ހަރަދުވާނެ،" މިއަދުގެ މަޖިލީހުގެ ޖަލްސާގަައި މެންބަރެއްގެ ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރަށް މިފަދައިން ވިދާޅުވެވިފައިވާތީ އެކްސްގައި ކުރެއްވި ޕޯސްޓުގައި މިނިސްޓަރު ވިދާޅުވީ އޮޅު ހިޔާ ފެސިލިޓީއަށް 1.2 ބިލިއަން ރުފިޔާ ނޮން ރިކަރެންޓު ހަރަދުގެ ގޮތުގައި ހޭދަވާނެ ކަމުގައި ވިދާޅުވެވުނީ އޮޅުމަކުން ކަމަށެވެ. އަދި ރަނގަޅު ގޮތަކީ އޮޅުހިޔާއަށް 1.2 މިލިއަން ރުފިޔާ ހަރަދުވުން ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްޒަތްތެރި މެންބަރަކު ކުރެއްވި ސުވާލުގެ ޖަވާބުގައި ނަން ރިކަރެންޓު ހަރަދުގެ ގޮތުގައި ހަރަދުވާނީ 1.2 ބިލިއަން ރުފިޔާ ކަމަށް އަޅުގަނޑަށް ދެންނެވުނީ އޮޅުމަކުން، ރަނގަޅު ގޮތަކީ ނަން ރިކަރެންޓް ހަރަދުގެ ގޮތުގައި ހަރަދުވާނީ 1.2 މިލިއަން ރުފިޔާ،" މިނިސްޓަރު ރަނގަޅުކޮށް ސާފުކޮށްދެއްވަމުން ވިދާޅުވިއެވެ.
މާރިޔާގެ ވާހަކަފުޅުގައި ފާހަގަކުރައްވާފިއިވަނީ ސަރުކާރުން އޮޅުހިޔާ ފެސިލިޓީއާ ހަވާލުވިއިރު އެތަން ހުރީ ބުޅާ ގެނެސް ބެލެހެއްޓޭ ހާލަތެއްގައި ނޫން ކަމެވެ. އަދި މިހާރު އެތަނުގައި ބުޅާ ބެލެހެއްޓޭ ހާލަތަށް ގެނެސް 2،000 އެއްހައި ބުޅާ އެތަނުގައި ބެލެހެއްޓުމަށް މަސައްކަތްކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.