ENGLISH

05 ޖުލައި 2025

Advertisement

އައްޑޫގައި ކާޅުގެ މައްސަލަ ހައްލުކުރަން ޕްލޭނެއް، މެރުމަކީ ހައްލެއް ނޫން

14 މޭ 2025

|

އުމްނާ އިސްމާޢީލް

މިނިސްޓްރ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ ޑރ. މަރިޔަމް މާރިޔާ

އައްޑޫ ސިޓީއަށް ދިމާވެފައިވާ "ކާޅުގެ މައްސަލަ" ހައްލުކުރުމަށްޓަކައި މެނޭޖްމެންޓް ޕްލޭނެއް އެކުލަވާލާނެ ކަމަށާއި، ދޫނި ސޫފާ ސޫފި މެރުމަކީ ހައްލެއް ނޫން ކަމަށް މިނިސްޓްރ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވީ އައްޑޫގައި ދިރިއުޅޭ ހިމާޔަތްކޮށްފައިވާ ދޫންޏެއް ކަމަށްވާ ދޮންދީނިތަކަށް ކާޅުގެ ސަބަބުން ނުރައްކާވަމުންދާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ނެވެ. މެމްބަރު އެ ސުވާލުުކުރެއްވީ، އަހާ ފޯރަމްގައި އެފަދަ ސުވާލަކަށް " ކާޅާއި ވާލާ މަރަން ބޭނުންނުވާ ކަމަށާއި އެ ތަކެއްޗާއެކު އުޅެން ދަސްކުރަންޖެހޭ ކަމަށް" މިނިސްޓަރ ވިދާޅުވުމުން، އެކަމާ ގުޅުވަ އެވެ.

"އަޅުގަނޑު އަހާ ޕްރޮގްރާމްގައި ބުނި ފަދައިން ކާޅާއި ވާލާ އެކީގައި އުޅެން އަޅުގަނޑުމެން ހަގީގަތުގައި ދަންނަން ޖެހޭ. އަޅުގަނޑު ތަކުރާރުކޮށް އެ ވާހަކަ ދަންނަވާލަން ބޭނުންވޭ ތިބޭފުޅުންނަށް." މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވި ގޮތުގައި ކާޅާއި ވާލުގެ އުނދަގޫވަނީ، އެތަކެތި ދިރިއުޅެމުންދިޔަ ތަންތަން ހަލާކުވެ ނެތިދިއުމުގެ ސަބަބުން ނެވެ. މިނިސްޓަރ ގަބޫލުކުރައްވާ ގޮތުގައި އެކަމުންވެސް ދޭހަވަނީ އެތަކެތި ދިރިއުޅޭ ތަންތަން ހިމާޔަތްކުރަން ޖެހޭ ކަންކަމަށެވެ.

އައްޑޫގެ މައްސަލައަށް އަލިއަޅުވާލައްވަމުން މިނިސްޓަރ ވިދާޅުވީ އައްޑޫގެ ދޮންދީނިތައް ހިމާޔަތްކުރުމަކީ ކަމާ ގުޅުންހުރި އިދާރާތަކާއި އެކު ވެސް މަޝްވަރާކުރެވިފައިވާ ކަމެއް ކަމަށެވެ. އަދި ވަރަށް އަވަހަށް ދޮންދީނިތައް ހިމާޔަތްކުރުމަށްޓަކައި މެނޭޖްމެންޓް ޕްލޭނެއް އެކުލަވާލައި، ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އެ މައްސަލަ ހައްލުކުރުމަށްޓަކައި ވެސް ކާޅު ފަދަ ދޫނި ސޫފާސޫފި މެރުމަކީ ހައްލެއް ނޫން ކަމަށެވެ.  އޭގެ ބަދަލުގައި އެތަކެއްޗާއި އެކު އުޅެން ދަސްކޮށް، އެތަކެއްޗަށްވެސް އުޅެން ދަސްކޮށްދޭންޖެހޭ ކަމަށެވެ.   

"މިގޮތުން މެނޭޖްމެންޓް ޕްލޭނެއް ހަދައި އިރާދަކުރެއްވިއްޔާ ވަރަށް ފުރުސަތެއްގައި މިކަމަށް ހައްލެއް ހޯދާނަން. އަޅުގަނޑުމެން ގަސްދުކުރަނީ ދޫނި ސޫފާދޫފި މަރައިގެން ކަންތައްތައް ހައްލުކުރާކަށް ނޫން. ނައްތާލައިގެން ހައްލުކުރާކަށް ނޫން. އެއާއެކީގައި އުޅެން، އެއަށް ވެސް އުޅެން ދަސްކޮށްދީގެން އުޅުން." މާރިޔާ ވިދާޅުވި އެވެ.  

"ދެން އަޅުގަނޑު މިހެން ދެންނެވީމަ ތިބޭފުޅުން ވިދާޅުވާނެ ކިހިނެއްތޯއޭ ދަސްކޮށްދޭނީ ދޫނި ސޫފާސޫއްޕަށް އުޅެން. އޭގައި ވެސް ވަރަށް ގިނަ އުކުޅުތަކެއް ހުރޭ. އެންމެ ފުރަތަމަ ކަމަކަށް އަޅުގަނޑުމެން ގަސް އިންދުން އިތުރުކުރުން. މިހާރުވެސް ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން އަޅުގަނޑުމެންގެ ދިވެހި މާހައުލުގައި ރާއްޖޭގެ މާހައުލުގައި ވަރަށް ގިނަ ދޫނިސޫފާސޫފި ނެތިގެން ގޮސްފި،" 

މީގެ ކުރިން ބައެއް ރަށްރަށުގައި ކާޅާއި ވާ ފަދަ ދިރޭ ތަކެތި މެރުމުގެ ސަބަބުން އެ ރަށްރަށުގެ ދިރޭ ތަކެތީގެ ސިންދަފާތުކަމަށް ނޭދެވޭ އަސަރުކޮށް، އެ ރަށްރަށުގެ ދިރުމުގެ ވެއްޓަށް ބޮޑެތި ނޭދެވޭ ބަދަލުތައް އައިސްފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު