ENGLISH
05 ޖުލައި 2025
ތާރީޚުގެ ތެރެއިން؛ ޖޭއެސްސީ ބޭނުންކޮށްގެން ފަނޑިޔާރުގެއަށް އެމްޑީޕީން އަތް ބޭނި ގޮތް
14 މޭ 2025
|
ރައީސް ސޯލިހާއި ފާއިތުވި ފަސް އަހަރު ޖޭއެސްސީގައި ތިއްބެވި ބައެއް މެންބަރުން
ފާއިތުވި ފަސް އަހަރުގެ ދައުރަކީ ފަނޑިޔާރުންނަށް އެންމެ ބޮޑަށް ބިރުވެރިކަން ކުރިމަތިވި ދައުރު ކަމުގައި ބެލެވިދާނެއެވެ. ފަނޑިޔާރުންގެ މިނިވަންކަން ގެއްލުވައިލާ ފަނޑިޔާރުން ކޯޓުތަކުގައި ނިންމަވާ ނިންމެވުންތަކާ ގުޅިގެން ސުލޫކީ މައްސަލަތައް ހުށަހަޅައި ޖުޑީޝަރީ ސާވިސް ކޮމިޝަނުން އެ މައްސަލަތައް ބަލައި ފަނޑިޔާރުންނަށް ބިރުދައްކައި ނުފޫޒު ފޯރުވާފައިވެއެވެ.
އެންމެ ފުރަތަމަ މިސާލެއްގެ ގޮތުގައި ފާހަގަކުރަންޖެހޭ ކަމަކީ ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުކަމުގައި ސުޕްރީމް ކޯޓަށް އެއިރުގެ ޖޭއެސްސީން ހެދި ގޮތެވެ. އެއިރު ސުޕްރީމް ކޯޓުގައި ތިއްބެވި ހުރިހާ ފަނޑިޔާރުންނާމެދު ސުލޫކީ މައްސަލަތަކެއް ޖޭއެސްސީން ބަލަން ފެށިއެވެ. ނަމަވެސް ބަލަމުންއައި މައްސަލަތަކަކީ ސުޕްރީމް ކޯޓުން އެކި ދުވަސްވަރު ނިންމާފައިވާ މައްސަލަތަކެވެ.
އެގޮތުން 2008 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ދެމެދު ސުޕްރީމް ކޯޓުން ނިންމާފައިވާ ގިނަ މައްސަލަަތަކެއް ސުޕްރީމް ކޯޓުން ނިންމީ ގާނޫނުއަސާސީއާ ހިލާފަށް ކަމުގައި އެއިރު ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމާފައިވެއެވެ. ޖުޑީޝަލް ސާވިސް ކޮމިޝަނަކީ ފަނޑިޔާރުން އައްޔަންކުރުމާއި ވަކިކުރުމާއި، ފަނޑިޔާރުންނާ ގުޅޭ ސުލޫކީ މައްސަލަތައް ބެލުމުގެ އިހުތިސާސް ލިބިފައިވާ އިދާރާއެވެ. ނަމަވެސް ކޯޓުތަކުން ނިންމާ ނިންމުންތަކުގެ ސައްހަކަމާމެދު ގޮތެއް ނިންމުމުގެ އެއްވެސް ބާރެއް އެ ކޯޓަށް ލިބިފައިނުވެއެވެ.
އެހެންނަމަވެސް ޖޭއެސްސީން ސުޕްރީމް ކޯޓުގެ ނިންމުންތައް ގާނޫނުއަސާސީއާ ހިލާފުކަމަށް ނިންމައި ރައްޔިތުންގެ މަޖިލީހަށް ފޮނުވި ރިޕޯޓުތަކެއްގެ މައްޗަށް ބިނާކޮށް އެމްޑީޕީގެ ބޮޑު އަޣުލަބިއްޔަތު އޮތް މަޖިލީހުން އެ މައްސަލަތަކުގައި ސުޕްރީމް ކޯޓުން ގާނޫނުއަސާސީއާ ހިލާފުވެފައިވާކަމަށް ފާސްކުރިވެސްމެއެވެ. އެއީ ރައްޔިތުންގެ މަޖިލީހަށް ގާނޫނުއަސާސީން ލިބިދޭ ބާރެއް ނޫނެވެ. ގަޟާއީ ނިންމުންތަކުގެ ސައްހަކަން ކަށަވަރުކުރުމަށް އޮންނަނީ އިސްތިއުނާފު މަރުހަލާތަކެވެ. އެ މަރުހަލާތަކުން ނިމުމުން އެ ނިންމުންތައް ނިހާއީ ނިންމުންތަކަށް ބަދަލުވެއެވެ.
ގަޟާއީ ނިންމުމެއް ނިހާއީ ނިންމުމަކަށް ބަދަލުވުމަށްފަހު އެފަދަ ނިންމުމެއް މުރާޖައާކުރުމަށް ގާނޫނުގައި އޮންނަ ހަނި ދާއިރާގެ ތެރެއިން އެންމެ މަތީ މަރުހަލާގެ ކޯޓުކަމަށްވާ ސުޕްރީމް ކޯޓުން އެ މައްސަލައެއް މުރާޖައާކޮށް އެ ނިންމުމެއް ބަދަލުނުކުރާހައި ހިނދަކު އެ ނިންމުމެއް ދެމި އޮންނާނެއެވެ.
މިދެންނެވި މައްސަލަތައް ޖޭއެސްސީން ބަލަންފެށީވެސް ސުޕްރީމް ކޯޓުން އެފަދަ މައްސަލަތައް ނުބެލޭނެކަމަށް އަމުރުކޮށްފައިވަނިކޮށް އެންމެ މަތީ ކޯޓުގެ އަމުރު ބޮލާލައި ޖެހުމަށްފަހުއެވެ. އެ މައްސަލަތަކުގެ ތެރެއިން އެއިރުގެ އުއްތަމަފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީއާއި ފަނޑިޔާރު އާދަމް މުހައްމަދު އަދި ފަނޑިޔާރު އަބްދުލްޣަނީ ވަކިކުރުމަށް މަޖިލީހުން ފާސްކުރިއެވެ. ފަނޑިޔާރު އަރީފު އަމިއްލަފުޅަށް ރިޓަޔާކުރައްވައި މަގާމު ދޫކޮށްލެއްވީއެވެ.
އޭގެ އިތުރަށް ހައިކޯޓުގެ ދެފަނޑިޔާރަކު ވަކި ގޮތަކަށް މައްސަލައެއް ނިންމެވުމުގެ މުގާބިލުގައި ފައިސާތަކެއް ނެންގެވިކަމަށް ތުހުމަތުކޮށް އެ ދެބޭފުޅުންނާ ދެކޮޅަށް ޖޭއެސްސީން މައްސަލައެއް ބަލަން ފެށުމަށްފަހު، އެ މައްސަލައިގެ ތުހުމަތުވެސް މުޅިން ބަދަލުކުރައްވައި ދެ ފަނޑިޔާރުންނަށް ޖަވާބުދާރީވެވަޑައިގަތުމުގެ ފުރުސަތުވެސް ނުދެއްވައި ދެ ފަނޑިޔާރުން ވަކިކުރަން ޖޭއެސްސީން ނިންމިއެވެ.
އެ މައްސަލާގައި އިޖުރާއީ އައިބުތައް ހުރިކަމާއި އެ އައިބަކީ ފަނޑިޔާރުންނަށް ގާނޫނުން ލިބިދޭ ހައްގަށް އުނިކަން ލިބޭ ފަދަ އައިބެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމާފައިވަނިކޮށް އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ގެނެސް ފަނޑިޔާރު ހަމީދު މަގާމުން ވަކިކުރުމަށް އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް މަޖިލީހުުން ފާސްކުރިއެވެ.
މިގޮތަށް ފަނޑިޔާރުންގެ މަައްސަލަތައް ބަލައި ފަނޑިޔާރުންނަށް މަޖުބޫރުކުރުވައިގެން ގިނަ އަދަދެއްގެ ފަނޑިޔާރުން ފާއިތުވި ފަސް އަހަރު މަގާމުން އިސްތިއުފާދެއްވާފައިވެއެވެ. ޖޭއެސްސީން ދުއްތުރާކުރަން ފެށުމުން 26 ފަނޑިޔާރަކު އިސްތިއުފާދެއްވިއިރު ޖޭއެސްސީން ސުލޫކީ މައްސަލަތައް ބެލުމަށްފަހު ޖުމްލަ ހަތް ފަނޑިޔާރުން މަގާމުން ވަކިކޮށްފައިވެއެވެ.
ޖުމްލަ 33 ފަނޑިޔާރުން އެ މުއްދަތުގައި ވަޒީފާއިން ވަކިވެފައިވެއެވެ. އެ ބޭފުޅުން ވަކިވެވަޑައިގަތުމުން ފަނޑިޔާރުން އައްޔަންކުރުމުގައިވެސް ފާއިތުވި ދައުރުގައި ޖޭއެސްސީން އަމަލުކޮށްފައިވަނީ އުސޫލުތަކާ ހިލާފަށެވެ. އެގޮތުން އިންޓަވިއުން އެންމެ މަތިން މާކްސް ލިބިވަޑައިގަތް ބޭފުޅުންގެ ބަދަލުގައި އެހެން ބޭފުޅުން އައްޔަންކުރިކަން ރެކޯޑުތަކުން ފެނެއެވެ.
މިފަހަރު ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކިކޮށްފައިވަނީ ވަކީލަކު ލިބިދިނުމުގެ ހައްގު ފަދަ ހުރިހާ ހައްގެއް ފޯރުކޮށްދީ ތުހުމަތުތަކަށް ޖަވާބުދާރީވެވަޑައިގަތުމުގެ ފުރުސަތު އެ ބޭފުޅުންނަަށް ޖޭއެސްސީން ފޯރުކޮށްދިނުމަށްފަހުއެވެ. އަމަލުކުރާ އުސޫލުތަކަށް ބަލާއިރު ސުލޫކީ މައްސަލައެއް ސާބިތުވާކަމަށް ޖޭއެސްސީން ނިންމައި މަޖިލީހަށް ފޮނުވުމުން، މަޖިލީހުގެ ކޮމިޓީން ބަލާނީ އެ މައްސަލަ ނިންމުމުގައި، މައްސަލައިގެ ނިޔާއަށް އަސަރުކުރާނެ އިޖުރާއީ އައިބެއް އޮތްތޯއެވެ. އެފަދަަ އައިބެއް ނެތްނަމަ، ޖޭއެސްސީން ނިންމި ގޮތަށް ފަނޑިޔާރު ވަކިކުރުމާމެދު މަޖިލީހުގެ ތަޅުމުން ގޮތެެއް ނިންމާނެއެވެ.
ހަގީގަތަކީ މިހާރު މިއޮތް ސުޕްރީމް ކޯޓު އެމްޑީޕީން ވުޖޫދުކުރީ ކުރިން އެ ކޯޓުގައި ތިއްބެވި ފަނޑިޔާރުން އުސޫލުތަކާއި ތަބީއީ އަދުލުގެ ހަމަތަކާ މުޅިން ހިލާފަށް ބޭރުކޮށްގެންނެވެ. އެ ފަނޑިޔާރުން ބޭރުކުރުމަށް ޖޭއެސްސީންވަނީ ސުލޫކީ މައްސަލަތަކުގެ ދާއިރާގައި ނުހިމެނޭ މައްސަލަތަކެއް ސުލޫކީ މައްސަލައިގެ ގޮތުގައި ބަލާފައެވެ. ޖޭއެސްސީން ފާއިތުވި ފަސް އަހަރު ތެރޭ ފަނޑިޔާރުން ވަކިކުރުމަށް ނިންމުމުގައި އެތައް ފަހަރަކު ބޮޑެތި އިޖުރާއީ ގޯސްތައް ހެދިއެވެ. އެއިން އެއްވެސް ކަމެއް އެއިރުގެ ރައްޔިތުންގެ މަޖިލީހުން ބަލާފައިނުވެއެވެ.