ENGLISH
05 ޖުލައި 2025
ފިލްޒާގެ ރައުޔައަށް ހުސައިން ރިޒާގެ ހޫނު ރައްދެއް؛ "ބަލަންޖެހޭ ކަންކަމަށް ނުބެލުމުން ފިތުނަ އުފެދޭ"
14 މޭ 2025
|
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ފަނޑިޔާރު ޑރ.އަޒްމިރަލްދާ ޒާހިރު ވަކިކުރުމުގެ މައްސަލާގައި ޖުޑީޝަލް ސާވިސަސް ކޮމިޝަަނުން އިޖުރާއާތުތައް ފުރިހަމަކޮށްފައިނުވާކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ދެއްވި ރައުޔައަށް ޖޭއެސްސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ ދިރާސާކޮށް ޖުޑީޝަރީ ކޮމިޓީން އެކުލަވައިލި ރިޕޯޓާމެދު މަޖިލީހުގެ ތަޅުމުގައި ބަހުސްކުރައްވަމުން ރިޒާ ވިދާޅުވީ ކައުންސެލް ޖެނެރަލްގެ ލަފާފުޅުންވެސް ވަކީލެއްގެ ހައްގު ދިނުން ހިމެނޭހެން ފަނޑިޔާރުންނަށް ފޯރުކޮށްދޭންޖެހޭ އެންމެހައި ހައްގުތައް ފޯރުކޮށްދީފައިވާކަން ހާމަވާ ކަމަށެވެ. އަދި މައްސަލަ ތަހުގީގުކުރުމުގައި އިޖުރާއީ އައިބެއްވެސް ނެތްކަން ހާމަވާކަމަށް ރިޒާ ވިދާޅުވިއެވެ.
އަދި ފިލްޒާގެ ރައުޔާގައި އިޖުރާއީ މައްސަލައެއްގެ ގޮތުގައި ފާހަގަކުރެއްވި ހަމައެކަނި ކަމަކީ ފަނޑިޔާރެއްގެ މައްސަލައެއް ބެލުމަށް ނިންމަންވާނީ ކޮމިޓީއަކުންކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާއިރު މި މައްސަލަ ބަލަން ނިންމާފައިވަނީ އެފަދަ ކޮމިޓީއެއްގެ ދައުރެއް ނެތިކަމަށް ފާހަގަކުރައްވާ ނުކުތާ ކަމުގައި ހުސައިން ވިދާޅުވިއެވެ.
އެ ނުކުތާއަށް ރައްދުދެއްވަމުން ހުސައިން ވިދާޅުވީ އެއީ ގާނޫނީ ގޮތުން ރަނގަޅު މާނަކުރެއްވުމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަަށެވެ. އެގޮތުން ޖޭއެސްސީގެ ގާނޫނުގައި ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ބަލައިގަތުމާމެދު މައްސަލަ ބަލާ ކޮމިޓީއަށް ހުށަހަޅަންޖެހޭއިރު ޖޭއެސްސީއަށް މައްސަލައެއް ބަލައިނުގަތުމުގެ ބާރު ލިބިދުނުމާއެކު، ކޮމިޓީން ނިންމާ ނިންމުންތައް ބަދަލުކުރުމުގެ ބާރު ކޮމިޝަނަށް ލިބިދީފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ގާނޫނުގައި ބަޔާންކުރާ ހަތަރު މާއްދާއެއް އެކުއެކީ ކިޔުމުން ކޮމިޝަނަށް މައްސަލައެއް ބެލުމަށާއި ނުބެލުމަށް ނިންމުމުގެ ބާރު މުޅި ކޮމިޝަނަށް ލިބިފައިވާކަން ސާފުވާކަމަށް ހުސައިން ވިދާޅުވިއެވެ. އަދި ކޮމިޝަނުން ފަނޑިޔާރު މަހާޒާއި ފަނޑިޔާރު އަޒްމިރަލްދާ ވަކިކުރުމުގެ މައްސަލަ ބަލައިގަތީ ކޮމިޝަނަށް ލިބިފައިވާ އިޚުތިޔާރުގެ ތެރެއިން ކަމަށްްވެސް އޭނާ ވިދާޅުވިއެވެ.
އަދި ބަހުސްގެ ބޭނުމަށް އިޖުރާއާތާ ޚިލާފުވިކަމަށް ބެލި ނަމަވެސް އެ މައްސަލަ ބަލައިގަތުމަށް ޖޭއެސްސީން ނިންމާފައިވަނީ ގާނޫނުގައި ބަޔާންކުރާ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ތިން މެންބަރުންވެސް ހިމެނޭ ގޮތަށް ކޮމިޝަނުގެ 10 މެންބަރުންގެ ބައިވެރިވުމާއެކުކަން ހުސައިން ފާހަގަކުރެއްވިއެވެ.
"ކޮންމެ އިޖުރާއީ އައިބަކަށް އޭގެ ސަބަބުން ޝަކުވާ ރައްދުވާ ފަރާތުގެ ހައްގަކަށް އުނިކަން އަތުވެދާނެ އައިބެއް ނޫންކަން އަޅުގަނޑުމެންނަށް އެނގިދޭ، ހަގީގަތުގައި މިފަދަ ނިންމުމެއް ނިންމާއިރު ކައުންސެލް ޖެނެރަލް ޖެހޭނެ ހުރިހާ ޒާވިޔާތަކުން ބަލަން، އަޅުގަނޑުމެންނަށް އެނގެން އެބައޮތް އިސްތިއުނާފީ ކޯޓުތަކުގެ ނިންމުންތަކަށް އަމަލުކުރަންޖެހޭކަން.،" ހުސައިން ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކާ ހަވާލާދެއްވައި ހުސައިން ވިދާޅުވީ އިޖުރާއީ ގޯހެއް އޮތަސް ހައްގަކަށް އުނިކަމެއް ނުލިބޭނަމަ އެ އުނިކަމުގެ ސަބަބުން މައްސަލައިގެ މައުޟޫއަށް އަދި ނިޔާއަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ.
ޖޭއެސްސީން އަމަލުކުރި ގޮތްތަކަށް އިޝާރާތްކުރައްވަމުން ކުރިމިނަލް ކޯޓުގެ ކުރީގެ ފަނޑިޔާރު އަހްމަދު ހައިލަމްގެ މައްސަލަ ބަލަން ނިންމީވެސް ކުޑަ ކޮމިޓީއަކުން ނޫންކަމަށާއި އެ ނިންމުން ނިންމީ ސީދާ ކޮމިޝަނުން ކަމަށް ހުސައިން ވިދާޅުވިއެވެ. އޭގެ އިތުރަށް ކުރިން ކުޑަ ކޮމިޓީއިން މައްސަލައެއް ނުބަލަން ނިންމުމުން ކޮމިޓީ ބަދަލުކޮށް ތުހުމަތުވެސް ބަދަލުކޮށް މައްސަލަ ޖޭއެސްސީން ބަލައިގަނެފައިވާ ކަމަށެވެ.
އެގޮތުން ހައިކޯޓުގެ ކުރީގެ ފަނޑިޔާރުންކަމަށްވާ ފަނޑިޔާރު ހަމީދާއި، ފަނޑިޔާރު ރައޫފްގެ މައްސަލާގައި ޖޭއެސްސީން އިޖުރާއާތު ފުރިހަމަނުކޮށް އޮތްކަމަށް ޖުޑީޝަަރީ ކޮމިޓީން ނިންމުމުންވެސް އެ ދެ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ހަމީދު ވަކިކުރަން އެއިރު މަޖިލީހުގައި އަޣުލަބިއްޔަތު އޮތް އެމްޑީޕީން ތުރީލައިން ވިޕެއް ނެރެގެން މަޖިލީހުގެ ތަޅުމުން އޭނާ ވަކިކުރަން ނިންމި ކަމަށް ހުސައިން ވިދާޅުވިއެވެ.