ENGLISH
05 ޖުލައި 2025
"އޮޅު ހިޔާ"އާ ސަރުކާރުން ހަވާލުވިއިރު އޮތީ ބުޅާ ގެންގުޅެވޭ ހާލަތަކު ނޫން: ޑރ.މާރިޔާ
14 މޭ 2025
|
ދަނޑުވެރިކަމާއި ޖަނަވާރުގެ ދުޅަހެޔޮކަމާ ބެހޭ ވަޒީރު ޑރ.މަރިޔަމް މާރިޔާ، ފޮޓޯ: ރައްޔިތުންގެ މަޖިލިސް
މާލޭ ސަރަހައްދުގެ މަގުތަކުގައި ހުރި ބުޅާާ ބެލެހެއްޓުމަށް ގާއިމުކޮށްފައިވާ "އޮޅު ހިޔާ"އާ ސަރުކާރުން ހަވާލުވިއިރު އެތަނުގައި ބުޅާ ބަލަހައްޓައި ގެންގުޅުމަށް ގާއިމުވެފައި ހުންނަންޖެހޭ ވަސީލަތްތައް ގާއިމުވެފައި ނެތްކަމަށް އެނިމަލް ވެލްފެއާ މިނިސްޓަރ ޑރ.މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ބެލުމުގެ ދަށަށް އޮޅުހިޔާ ބަދަލުކުރަންޖެހުނު ސަބަބާމެދު ވާހަކަދައްކަވަމުން ޑރ.މާރިޔާ ވިދާޅުވީ އެތަން ހުޅުވުމަށްފަހުވެސް އެތަނަށް ބުޅާތަައް ގެންދިއުމުގެ މަސައްކަތް އެއިރު އެކަމާ ހަވާލުވެގެން ތިބި ފަރާތްތަކަށް ނުކުރެވުނު ކަމަށެވެ. މިނިސްޓަރު އިޝާރާތްކުރައްވާފައިވަނީ މާލޭ ސިޓީ ކައުންސިލަށެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި "އޮޅު ހިޔާ"އާ ސަރުކާރުން ހަވާލުވިއިރު އެތަން ހުރީ ބުޅާ އެތަނަށް ގެނެސް ބެލެހެއްޓޭ ހާލަތުގައި ނޫނެވެ. ނަމަވެސް މިނިސްޓްރީން ކުރި މަސައްކަަތްތަކުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށް، ފުރަތަމަ 16 ގަޑިއިރު ތެރޭ 15 ބުޅާ އެތަނަށް ގެންގޮސް އެ ބުޅާތައް ބަލަހައްޓަން ފަށާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އޮޅު ހިޔާ ފެސިލިޓީ ހެދުމަށް ސިޓީ ކައުންސިލާއެކު ފުރަތަމަ އެއްބަސްވީ 22 ފެބްރުއަރީ 2024 ގެ ކުރިން ހިދުމަތްތައް ފެށުމަށް ނަމަވެސް އެ މުއްދަތަށް އެކަން ނުކުރެވުމުން 31 މާޗަށް މުއްދަތު ފަސްކޮށްދިން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އިތުރަށް މިނިސްޓަރު ވިދާޅުވީ މުއްދަތުތައް ފަހަނައަޅައި ގޮސް އެތައްތަނެއް ލަސްވުމަށްފަހު ތަން ގާއިމުކޮށް ނިމުނުއިރު ތަނުގައި ގާއިމުކުރަންް އެއްބަސްވި ވަސީލަތްތައް ސިޓީ ކައުންސިލުން ގާއިމުކޮށްފައި ނެތް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އޮޅު ހިޔާއަށް ބުޅާތައް ގެންދިއުމުން ޒިންމާ އަދާކޮށް ނުނިމޭނެ ކަމަށެވެ. އެތަނަށް ގެންދެވޭ ބުޅާތައް އިސްލާމްދީނުގައި އިރުޝާދު ދީފައިވާ ގޮތުގެ މަތިން އޯގާތެރިކޮށް ބެލެހެއްޓުމަކީ ސަރުކާރުގެ އަމާޒުކަމަށާއި، އެކަމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަ ކަމަށް ޑރ.މާރިޔާ ވިދާޅުވިއެވެ.
ވަޒީރުވަނީ އެތަނަށް ހިނގާނެ ހަރަދުތަކުގެ ތަފުސީލުވެސް ހިއްސާކުރައްވާފައެވެ. އޮޅު ހިޔާއަށް ނޮން-ރިކަރަންޓް ހަރަދުތަކުގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ހަރަދުވާނެކަމަށާއި، ފެސިލިޓީގައި 2،000 ބުޅާ ބެލެހެއްޓުމަށް 700،000 ރުފިޔާ އަދި އަހަރަކު 10.8 މިލިއަން ރުފިޔާ ހަރަދުވާނެ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެތަަނުގައި ބަލަހައްޓާ ކޮންމެ ބުޅަލަކަށް މަހަކު 368 ރުފިޔާ ހަރަދުވާނެ ކަމަށާއި އަހަރަކު 5،416 ހަރަދުވާނެއެވެ.
މާލޭ ސަރަހައްދުގައި މަގުތަަކުގައި އުޅޭ ބުޅަލުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސިޓީ ކައުންސިލާ ހަވާލުކޮށްގެން ގާއިމުކުރި އޮޅު ހިޔާ ސަރުކާރުގެ ބެލުމުގެ ދަށަށް ގެނެސް މިހާރު އެތަނުގައި ބައެއް ބުޅާ ބަލަހައްޓަމުންދެއެވެ.