ENGLISH
05 ޖުލައި 2025
ގަވާޢިދާ ޚިލާފަށް ބިދޭސީން އެތެރެކުރާ ބޮޑު ނެޓްވޯކެއް، ބިދޭސީ އެޖެންޓް ހައްޔަރުކޮށް ދައުވާ ކުރަނީ
13 މޭ 2025
|
ޝަހާދަތު ހުސެއިން
ޤާނޫނާއި ޤަވާއިދާ ޚިލާފަށް ބިދޭސީން ރާއްޖެ އެތެރެކޮށް ޖިނާއީ ކުށްކޮށްގެން ފައިސާ ހޯދާ މަނީލޯންޑަރިންގެ ޢަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށް އޭނާގެ މައްޗަށް ދަޢުވާ ކޮށްދޭން އެދި ޕީޖީ އޮފީހަށް މައްސަލަ ފޮނުވައިފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި މި މައްސަލައާ ގުޅުންހުރި ތަފްސީލު ވަނީ ހާމަކޮށްފަ އެވެ. ފުލުހުން ބުނީ މި މައްސަލަ އަކީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ތަހުޤީޤު ކުރަން ފެށި މައްސަލައެއް ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ޝަހާދަތު ހުސެއިން އެވެ. އޭނާގެ ފޮޓޯ ވެސް ފުލުހުން ވަނީ އާންމުކޮށްފަ އެވެ. އެ މީހާ މިހާރު ހުރީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް ފުލުހުންގެ ބަންދުގަ އެވެ. އަދި މި މައްސަލައިގެ ތަހުޤީޤަށް ގިނަ ބަޔަކާއި ސުވާލުކޮށް އެ މީހާގެ މޯބައިލްފޯނާއި އިލެކްޓްރިކް ޑިވައިސްތައް ހިފަހައްޓާ އެ ތަކެތީން ހެއްކާއި ޤަރީރާ ހޯދާފައިވާ ކަމަށެވެ.
އަދި ޝަހާދަތު ހުސެއިންއާ ގުޅޭ ބައިގެ ތަޙުޤީޤު ނިންމާ ދައުވާކޮށްދޭން އެދި މައްސަލަ ފޮނުވާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ބުނީ ޝަހާދަތު ހުސެއިން 2014 ވަނަ އަހަރުން ފެށިގެން ހަތަރު ވޯކް ޕާމިޓެއްގައި ރާއްޖޭގައި އުޅެފައިވާ ކަމަށެވެ. އަދި 2019 ވަނަ އަހަރު މާލެ އައިސް ބެންކު އޮފް މޯލްޑިވްސްގައި ހަތަރު އެކައުންޓެއް ހުޅުވާފައިވާ ކަމަށެވެ. އެއީ ދިވެހި ރުފިޔާގެ ތިން އެކައުންޓާއި ޑޮލަރު އެކައުންޓެކެވެ.
ޝަހާދަތު އެންމެ ފަހުން ރާއްޖެ އައީ އޮފީސް ބޯއީ އަކަށް ނަމަވެސް އޭނާއަށް 3,000 ޑޮލަރުގެ މުސާރައެއް ދެމުން ގޮސްފައިވާ ކަމަށެވެ. އަދި އޭނާ ދިރިއުޅުނީ 18,000 ރުފިޔާއަށްދޭ ދެ ކޮޓަރީގެ އެޕާޓްމަންޓެއް ގައި ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ފޯނާއި ލެޕްޓޮޕް ބެލުމުން އެކި ކުންފުނިތަކުގެ ސްޓޭމްޕާއި ދިވެހީންގެ އައިޑީކާޑު ކޮޕީއާ އެހެނިހެން ގިނަ އަދަދެއްގެ ލިޔުންތައް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
"މިތަކެތި ފެނިފައިވުމުން ތަހުޤީޤަށް ހާމަވާ ކަމަކީ ޝަހާދަތު ޙުސައިން އަކީ ވަރަށް ފުޅާ ދާއިރާއެއްގައި ބިދޭސީން ރާއްޖެ އެތެރެކޮށް އޭގެން މާލީ މަންފާ ހޯދާ ފަރާތެއްްކަން,"
ފުލުހުން ބުނި ގޮތުގައި މިކަން ޝަހާދަތު ޙުސައިން ކުރަމުން ގެންދިޔައީ ދިވެހީންގެ ގިނަ ބަޔަކާއި ކަރެކްޝަންގެ ބައެއް މުވައްޒިފުންގެ ބައިވެރިވުން ވެސް އޮވެގެންނެވެ. އަދި އެ މީހުން ގެންދިޔައަީ ކުންފުނިތަކުގެ ކޯޓާ ނަގާ ބިދޭސީން އެތެރެކޮށް އެ މީހުން މާލެތެރެއަށް ދޫކޮށްލަމުން ކަމަށް ވެސް ބުނެފައިވެ އެވެ.
އަދި ސައްހަ ނޫން ވޯކްޕާމިޓް ހަދާ ބަންގްލަދޭޝްގައި ތިބޭ މީހުންނަށް ފޮނުވުމަށް ފަހު ރާއްޖެ އަންނަން ބޭނުންނަމަ އޭނާ ބުނާ އެކައުންޓަކަށް ފައިސާ ޖަމާކުރަން އަންގަމުންދިޔަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
"ޝަހާދަތު ހުސައިން މި މަަސައްކަތް ކުރަމުން މިގެންދަނީ ދިވެހީންގެ ގިނަ ބަޔަކާއި މީގެ އިތުރުން މޯލްޑިވްސް އިމިގްރޭޝަންގައި މަސައްކަތް ކުރާ ބަޔަކާއި ގުޅިގެން ކަން ޝަހާދަތު ހުސައިންގެ ފޯނުން ފެނިފައިވާ ޗެޓް ލޮގްތަކާއި ޑޮކިއުމަންޓްތަކުން އެނގޭ,"
ފުލުހުން ބުނީ މި މައްސަލާގައި ޝާމިލްވާ ދިވެހީނާއި ގުޅުން ހުރި މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނީ 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ޝަހާދަތުގެ އެކައުންޓްތަކަށް 8 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާވެ ދައުރުކޮށްފައިވާ ކަމަށެވެ. އަދި އެކި ފަހަރު މަތީން ބިދޭސީންގެ ވިސާ ފީ ދެއްކުމަށް މިިލިއަނަކަށް ވުރެ ގިނަ ރުފިޔާ ޝަހާދުގެ ނަމުގައި އޮތް އެކައުންޓަކުން ދައްކާފައިވާ ކަމަށެވެ.