ENGLISH
05 ޖުލައި 2025
އެމްޑީޕީއަކީ ވެރިކަން ލިބުމުން އެއްވެސް އިރަކު ރާއްޖޭގެ އިގުތިސޯދީ ހާލަތަށް ބެލި ޕާޓީއެއް ނޫން: ފަލާހު
13 މޭ 2025
|
އިނގުރައިދޫ ދާއިރާގެ މެންބަރު، އިބްރާހީމް ފަލާޙް-- ފޮޓޯ: ރައްޔިތުންގެ މަޖިލީސް
އެމްޑީޕީން އަބަދުވެސް ވެރިކަމަށް އައިސް، ތަޢާރަފުކޮށްފަ ހުރީ ޚަރަދު ބޮޑު ސިޔާސަތުތަކެއް ކަމަށާއި އެއީ އެއްވެސް އިރެއްގަ މި ރާއްޖޭގެ އިގުތިސޯދީ ހާލަތަށް ބަލައިގެން، މި ގައުމަށް ލިބޭ އާމްދަނީއަށް ބަލައިގެން ސިޔާސަތުތަކަށް، ގާނޫނުތަކަށް، ގަވާއިދުތަކަށް އެއްވެސް ބަދަލެއް ގެނެސްފައޮތް ޕާޓީއެއް ނޫންކަމަށް، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ވާހަކަދައްކަވަމުން ފަލާޙް ވިދާޅުވީ އެމްޑީޕީން އަބަދުވެސް ވިއްކާފައިވަނީ ޚަރަދުބޮޑު ސިޔާސަތުތަކެއް ކަމަށެވެ. އެގޮތުން ދިވެހިރާއްޖޭގެ އިދާރާތައް ލާމަރިކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ބަލާއިރު، 18 ވަނަ މަޖިލީހުގައި އާބާދީ ދަށް ދާއިރާތަކުގައި ތިން ކައުންސިލަރުން ތިބޭގޮތަށް ފާސްކޮށް، އެގޮތް ރައްޔިތުންނަށް ކަމުގޮސްފައި ވަނިކޮށް 19 ވަނަ މަޖިލީހުގައި އަނެއްކާވެސް ކިތަންމެ މަދު އާބާދީއެއް އޮންނަ ރަށްތަކަށްވެސް ހަތް ކައުންސިލަރުން، ދިހަ ކައުންސިލަރުން ލާން ނިންމިކަމަށެވެ.
"އެހެންނަމަވެސް އަނެއްކަވެސް 19 ވަނަ ރައްޔިތުންގެ މަޖިލީހުގަ އެމްޑީޕީއަށް ވެރިކަންލިބި، މަޖިލީހުގެ މެޖޯރިޓީ ލިބުންތަނުން އެބޭފުޅުން އެއެއްޗެހި ބަދަލުކޮށް، ދިވެހިރާއްޖޭގަ އަނެއްކަވެސް، 300 މީހުން އުޅުނަސް، 100 މީހުން އުޅުނަސް، 200 މީހުން އުޅުނަސް އެރަށަކަށް ފަސް ކައުންސިލަރުން ލާ، އޭގެ މައްޗަށް 7 ކައުންސިލަރުން ލާ، 10 ކައުންސިލަރުން ލާ، މިކަހަލަ ސިޔާސަތުތަކެއް މިބޭފުޅުން ހާމަކުރެއްވި. ބަދަލުކުރެއްވި. އެހެންވީމަ ހަގީގަތަކީ އެމްޑީޕީވެސް މި އިސްލާހަށް ތާއީދުކުރާނެ." ފަލާޙް ވިދާޅުވިއެވެ.
ފަލާޙް ވިދާޅުވީ މިހާރު ހުށަހަޅާފައި އޮތް އިސްލާހާމެދު ރައްޔިތުން ދެކޭގޮތް ބަލައިފިނަމަ، 100 ރައްޔިތުން ތެރެއިން 99 ރައްޔިތުން މި އިސްލާހަށް ތާއީދުކުރާނެ ކަމަށެވެ. އަދި އެއްހާހުން ދަށް، ނުވަތަ ފަނަރަސްތޭކައިން ދަށް، ނުވަތަ ދެހާހުން ދަށް އާބާދީތަކަށް ތިން ކައުންސިލަރުންނަށްވުރެ އިތުރަށް ބޭނުން ނުވާނެކަމަށް ފަލާޙް ވިދާޅުވިއެވެ. އެހެނީ ރަށުގެ ރަށުއޮފީސް ހިންގަނީ ކައުންސިލަރުންނެއް ނޫންކަމަށާއި އިދާރީ ގޮތުން މަސައްކަތްކުރާނެ އެތައް މުވައްޒަފުންނެއް ތިބޭނެކަމަށް ފަލާޙް ވިދާޅުވިއެވެ.
އެމްޑީޕީން ރާއްޖޭގެ އިގުތިސޯދަށް ގެއްލުންވާނެ އެތައް ކަމެއް ކޮށްފައި ވީނަމަވެސް މި ސަރުކާރުން މަޖިލީހަށް ހުށަހަޅުއްވާފައި ހުރި އިސްލާހުތަކާއި ގާނޫނުތަކަކީ މިގައުމަށް ވަރަށް ފައިދާހުރި، މަންފާހުރި، ލާބަހުރި އިސްލާހުތަކަކާއި ޤާނޫނުތަކެއްކަން ފާހަގަކުރައްވާ ފަލާޙް ވިދާޅުވީ ރާއްޖެއަށް އިގުތިސޯދީ ގޮތުން ވިޔަސް، އެނޫން ގޮތަކަށް ވިޔަސް ގެއްލުންހުރި އިސްލާހެއް، ނުވަތަ ޤާނޫނެއްވެސް މި ސަރުކާރުން ހުށަހަޅާފަ އޮތްތަނެއް އެމްޑީޕީއަކަށް ނުދެއްކޭނެ ކަމަށެވެ.
"އެމްޑީޕީއަކަށް ޔަގީނަށްވެސް ރައްޔިތުންނަކަށް ދައްކައެއް ނުދެވޭނެ އަޅުގަނޑުމެން މިހާތަނަށް ހުށައެޅި އެއްވެސް ޤާނޫނެއް، ނުވަތަ އެއްވެސް ޤާނޫނަކަށް ގެނައި އިސްލާހެއް އެއީ ރާއްޖެއަށް ގެއްލުންހުރި، ނުވަތަ ރާއްޖެއަށް އޭގެ ސަބަބުން އިގުތިސޯދީގޮތުން ވިޔަސް އަދި އެނޫންވެސް ގޮތަކުން ގެއްލުމެއްހުރި ގާނޫނެއް ނުވަތަ އިސްލާހެއް ކަމަކަށް ބުނެ ނުދެވޭނެ." ފަލާޙް ވިދާޅުވިއެވެ.
ފަލާޙް ތަކުރާރުކޮށްވެސް ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި އެމްޑީޕީން ކޮންމެ ގޮތަކަށް ވާހަކަދެއްކި ނަމަވެސް އެ ޕާޓީންވެސް މި އިސްލާހަށް ތާއީދުކުރާނެ ކަމަށެވެ.