ENGLISH
05 ޖުލައި 2025
ޝަމްއާނުގެ މައްޗަށް ދައުވާކުރުމާމެދު ވަކި ގޮތެއް ނިންމަން ފޮނުވައިފި
13 މޭ 2025
|
ބިދޭސީ މީހެއްގެ އަތުން ފައިސާ އަތުލި މައްސަލައިގަ ހައްޔަރުކުރި މީހުން، ފޮޓޯ: ދިވެހި ފުލުހުން
މޯލްޑިވްސް އިމިގްރޭޝަނުގެ ކުރީގް އިމިގްރޭޝަން ކޮންޓްރޯލަރު އަހްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާކުރުމާމެދު ގޮތެއް ނިންމުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންެގެ ބައްދަލުވުމެއްގައި ފުލުހުންގެ ހިދުމަތުން ބުނެފައިވަނީ މި މައްސަލައިގެ މައުލޫމާތު ފުރަތަމަ ލިބުނީ މާޗު މަހުގެ 20 ވަނަ ދުވަހު ކަމަށާއި، އެ ދުވަހު އެ މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށެވެ. އެ މައްސަލާގައި ފަސް މީހަކު ހައްޔަރުކުރިކަމަށާއި، މައްސަލައާ ގުޅުންހުރި ގިނަ ބޔަކާ ސުވާލުކޮށް، ހައްޔަރުކުރެވުނު ފަރާތްތަކުގެ ފޯނުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި އެ މައްސަލައިގެ ތަހުގީގު ނިންމައި މި މަހުގެ 11 ވަނަ ދުވަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ދައުވާކުރުމާމެދު ގޮތެއް ނިންމުމަށް ފޮނުވާފައިވާކަމަަށްވެސް ފުލުހުންގެ ހިދުމަތުން ބުނެފައިވެއެވެ.
މި މައްސަލައިގެ ތަހުގީގަށް ލިބިފައިވާ ބައެއް ތަފުސީލުތައް ފުލުހުން ހާމަކުރިއެވެ. މާޗު މަހުގެ 12 ވަނަ ދުވަހު އިމިގްރޭޝަނުގެ ބައެއް މުވައްޒަފުން ފުރިހަމަކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަނުކޮށް މާފަންނުގައި ހުންނަ ގެއެއްގައި ދިރިއުޅޭ ބިދޭސީންތަކަކަށް އަމާޒުކޮށްގެން ރެއިޑެއް ހިންގިކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ފާހަގަަކުރި ގޮތާއި މި ރެއިޑު ހިންގި ތިން މުވައްޒަފުންނަކީ މިފަދަ ރެއިޑުތައް ހިންގުމަށް އެކުލަވާލާފައިވާ ޓާސްކް ފޯހުގައި ހިމެނޭ ތިން މުވައްޒަަފުން ނޫންކަން ފުލުހުން ހާމަކުރިއެވެ. އަދި އެ މުވައްޒަފުންނަކީ އެފަދަ އޮޕަރޭޝަނެއް އިސްވެ ހިންގުމުގެ ބާރު އޮތް ބައެއް ނޫންކަމަށްވެސް ބުނެފައިވެއެވެ.
އޮޕަރޭޝަން ހިންގީ ޝަމްއާނަށް އެނގިގެން ދުރާލާ ރާވައިގެން ކަމަށްވެސް ފުލުހުން ބުނިއެވެ. އަދި އޮޕަރޭޝަން ހިންގުމަށްފަހު ޝަމްއާނަށް އެންގުމުން ރިސްކް މެނޭޖުމެންޓުގެ މުވައްޒަފުން އެތަނަށް ފޮނުވައި ސީން ޕްރޮސެސްކުރުވީ ޝަމްއާނެވެ.
ފުލުހުން ބުނި ގޮތުގައި އެތަނުން ހައްޔަރުކުރި މުވައްޒަފެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ފެނުނެވެ. އެތަނުން ފައިސާއާއެކު ހައްޔަރުކުރި މުވައްޒަފު ބަންދުން ދޫކޮށްދިނުން އެދި އޭނާގެ ސްޕޮންސާގެ ފަރާތުންކަމަށް ބުނެ ސިޓީއެއް ހުށަހަޅާފަައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި ސިޓީ ލިބުނުތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެ ބިދޭސީމީހާ އަވަހަށް ދޫކުރުމަށް ޝަމްއާން ކަމާ ގުޅޭ ބަހާތަކަށް އެންގެވުމުން އޭނާ ދޫކޮށްލި ކަމުގައި ފުލުހުން ބުންޏެވެ. އެ ބިދޭސީމީހާއާ ހަވާލުވި މީހަަކީ މި މައްސަލާގައި އިމިގްރޭޝަަނުގެ މުވައްޒަފުން ހިންގި އޮޕަރޭޝަނުގައި ބައިވެރިވި އެކެއްގެ ތިމާގެ މީހެއްކަން ފުލުހުން ފާހަގަކުރިއެވެ.
ފުލުހުން ބުނި ގޮތުގައި ސްޕޮންސާގެ ނަމުގައި އިމިގްރޭޝަނަށް ހުށަހަޅާފައިވާ ސިޓީއަކީ ސައްހަަ ސިޓީއެއް ނޫންކަން ތަހުގީގަށް ދެނެގަނެވިފައިވާ ކަމަށެވެ.
ބިދޭސީމީހާ ދޫކޮށްލުމާއެކު އޭނާގެ އަތުން އަތުލައިގަތް ފައިސާ އޭނާ އަތަށް ހުނދު ކޮތަޅަކަށް ލައި ދީފައިވެއެވެ. އެ ކޮތަޅު ލީ އޭނާއާ ހަވާލުވި މީހާގެ ސައިކަލު މަޑިދަށަށެވެ. ފަހުން ކާރެއްގައި ގޮސް ބިދޭސީމީހާ ކާރަށް އަރުވައި އޭނާގެ އަތުން އެ ފައިސާ ކޮތަޅު އަތުލީ އިމިގްރޭޝަނުގެ މުވައްޒަފުންނެވެ.
އެ މުވައްޒަފުން ކާރުން ފާބައިގެން ގޮސް ސައިކަލު ނަގައިގެން އައިސް ފަހުން ކާރުން ފައިސާ ކޮތަޅު ނަގައިގެން އެ ފައިސާ ހިފައިގެން ދިޔައީ ޝަމްއާން ދިިރިއުޅުއްވި ގެއަށެވެ. އެގެއަށް ގޮސް ދަންވަރު 3:00 ހާއިރު ފައިސާ ކޮތަޅު ހިފައިގެން ޝަމްއާން ދިރިއުޅޭ އެޕާޓުމެންޓަށް އެ މުވައްޒަފުން ދިޔައެވެ.