ENGLISH

05 ޖުލައި 2025

Advertisement

ދައުރު ނިމެން ދޮޅު އަހަރު ނެތް ނަމަ، ބައި އިލެކްޝަން ނުބާއްވަން ހުށަހެޅި ބިލު ކޮމިޓީއަށް

13 މޭ 2025

|

ޝާމަ ޝުޢައިބު

ރައީސް އއ. ބޮޑުފޮޅުދޫ ކައުންސިލާއި ބައްދަލު ކުރައްވަނީ - ފޮޓޯ: ފައިލް ފޮޓޯ

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ދައުރު ނިމެން ދޮޅު އަހަރު ނެތް ނަމަ، ހުސްވާ މަގާމުތަކަށް އައްޔަނުކުރަން ބައި އިލެކްޝަން ބާއްވަން ނުޖެހޭ ގޮތަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގަނެފިއެވެ. 

ސަރުކާރުގެ ފަރާތުން، ހޯރަފުށި ދާއިރާގެ މެންބަރު ޢަލީ މޫސާ ހުށަހެޅުއްވި އެ ބިލު ހުށަހެޅީ، ކައުންސިލްތަކުގެ އުމުރުގެ ތެރޭގައި މެމްބަރުންގެ ގޮނޑި ހުސްވާ ހާލަތްތައް އިތުރުވަމުންދިއުމުގެ ސަބަބުން ތަކުރާރުކޮށް ގިނަ އަދަދަކަށް ބައި އިލެކްޝަން ބާއްވަން ޖެހޭތީ އެކަމަށް ކުރަންޖެހޭ ހަރަދުތައް ވެސް އިތުރުވަމުންދިއުމާ ގުޅިގެން ބައި އިލެކްޝަންތައް ގިނަގިނައިން ބާއްވަން ނުޖެހޭ ގޮތް ހެދުމަށެވެ.

މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި ބިލު މަޖިލީހަށް ބަލައިގަނެފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ބިލު ބަލައިގަތުމަށް ނުފެންނަ ކަމަށް ނުވަ މެންބަރަކު ވޯޓު ދެއްވިއެވެ.

އެ އިސްލާހުގައި ހުށަހަޅާފައިވަނީ ކައުންސިލެއްގެ ނުވަތަ ޑަބްލިއުޑީސީއެއްގެ މެމްބަރެއްގެ މަގާމު ހުސްވިއިރު، އެ ކައުންސިލެއް ނުވަތަ ކޮމިޓީއެއްގެ އުމުރުގެ ބާކީ އޮތީ 548 ދުވަސް، ނުވަތަ ދޮޅު އަހަރަށް ވުރެ ކުރު މުއްދަތެއް ނަމަ ހުސްވި މަގާމަށް މެމްބަރަކު އިންތިހާބުކޮށްގެން ނުވާނެ ކަމަށެވެ.

މިހާރު ގާނޫނު އޮންނަ ގޮތުން ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ދައުރު ނިމެން އަހަރަކަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ އިންތިހާބު ކުރަން ލާޒިމެއް ނޫނެވެ. އެކަމަކު، ދައުރުގެ ތެރޭގައި މެމްބަރެއްގެ މަގާމު ހުސްވުމުގެ ސަބަބުން ބައްދަލުވުމެއް ބޭނުންވާ ގާނޫނީ އަދަދު ހަމަވާ މިންވަރަށް އެ ކޮމިޓީގައި މެމްބަރުން ނެތް ނަމަ އެ މަގާމަށް އިންތިހާބުކުރެވޭނެއެވެ.

އެ ހާލަތުގައި ހުސްވެފައިވާ މަގާމުތަކަށް މެމްބަރުން އައްޔަނުކުރެވޭނެކަން މި ބިލުގައި ވެސް ބަޔާންކޮށްފައިވާއިރު، އިލެކްޝަންސް ކޮމިޝަނަށް އެކަން އަންގާތާ 60 ދުވަހުގެ ތެރޭގައި ނުވަތަ ދެ މަސް ދުވަހުގެ ތެރޭގައި ބައި އިލެކްޝަނެއް ބާއްވަން ޖެހޭނެ އެވެ.

މި ބިލު މަޖިލީހުން ބަލައިގަތުމާއެކު ބިލު ދިރާސާކުރުމަށް މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު