ENGLISH

05 ޖުލައި 2025

Advertisement

އުފާވެރި ޚަބަރެއް: ކުޑަގިރިއަށް އެމްޓީސީސީން ފެރީ ދަތުރުތައް ފަށައިފި

12 މޭ 2025

|

އަޙުމަދު ޙަމީދު

ކުޑަގިރި: އެމްޓީސީސީން ފެރީ ދަތުރުތައް ވަނީ ފަށާފައި

މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ޚާއްސަކޮށް ތައްޔާރުކޮށްފައިވާ ކުޑަގިރި ޕިކްނިކް އައިލެންޑަށް އެމްޓީސީސީން ފެރީ ދަތުރުތައް ފަށައިފި އެވެ.

ކުޑަގިރިއަށް ދަތުރުދާން ބޭނުންވާ ފަރާތްތަކަށް ވީހާވެސް ލުއިފަސޭހަކޮށް އިންތިޒާމުތައް ހަމަޖެހުއްސުމަށް ގެނައި މި ބަދަލާއެކު، މިހާރު އެމްޓީސީސީގެ ވެބްސައިޓް މެދުވެރިކޮށް މާލެއިން ކުޑަގިރިއަށް ދިއުމަށް ފެރީ ބުކް ކުރެވޭނެ އެވެ.

މި ދަތުރުތައް ފަށާފައިވަނީ 140 މީހުންގެ ޖާގައިގެ ފެރީ އަކާއެކު އެވެ. އަދި މި ޚިދުމަތް ފެށިއިރު، މާލެ އާއި ކުޑަގިރިއާ ދެމެދު ދުވާލަކު ހަ ދަތުރު ކުރާނެ އެވެ. މި ދަތުރުތައް އޮންނާނީ ކޮންމެ ހަފްތާއެއްގެ ވެސް ހުކުރު އަދި ހޮނިހިރު ދުވަހު އެވެ. އޭގެ އިތުރުން، ކުރިއަށް އޮތްތަނުގައި ސީދާ ހުޅުމާލެއިން ފެރީގައި ކުޑަގިރިއަށް ދެވޭގޮތަށް ހިދުމަތްތައް ފުޅާކުރުމަށް ވެސް ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޓީސީސީ ފެރީ ޝެޑިއުލް ހަމަޖެހިފައިވާ ގޮތުން މާލެއިން ހެނދުނު ތިން ދަތުރެއް ކުރާނެ އެވެ. އެއީ ހެނދުނު 6:30 އާއި 8:00 އާއި 9:30 ގަ އެވެ. ކުޑަގިރީން މާލެ އަންނަން ފުރާނީ ހަވީރު 4:00ގަ އާއި 5:30ގަ އާއި އިރުއޮއްސި 7:00 ގަ އެވެ.

މާލޭ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުން، މަސައްކަތު މާހައުލުން ދުރަށް ޖެހިލައި ޕިކްނިކް ގޮސް މަޖާކޮށްލުމަށް ތައްޔާރުކޮށްފައިވާ ކުޑަގިރީގައި ޒަމާނީ ވަސީލަތްކާއި، ދަތުރު ގޮސް ކުރާނެ ގިނަ ކަންތައްތަކެއް މިހާރު ވެސް ހުރި ނަމަވެސް، އެ ރަށުން ދޭ ހިދުމަތްތަކުގެ ފެންވަރު ދުވަހެއް ދުވަހަކަށް ރަނގަޅު ކުރުމަށް އެޗްޑީސީން އަންނަނީ މަސައްކަތް ކުރަމުން ނެވެ.

އެ ކޯޕަރޭޝަންގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ފާއިތުވި ދެ އަހަރުގެ ތެރޭގައި ޖުމްލަ 54،724 މީހުން ވަނީ ކުޑަގިރިއަށް ޒިޔާރާތްކޮށްފަ އެވެ. އަދި ކުޑަގިރިއަށް ދަތުރުދާ ފަރާތްތަކަށް އެރަށުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ކަސްޓަމަރ ސެޓިސްފެކްޝަން ހުރީ 70 އިން މަތީގައެވެ. އެޗްޑީސީން އަބަދުވެސް މަސައްކަތް ކުރަނީ ކުޑަގިރިން ލިބޭ ހިދުމަތްތައް އިތުރުކޮށް، ދުވަހެއް ދުވަހަކަށް ފެންވަރު ރަނގަޅު ކުރުމަށް ކަމަށް ވެސް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު