ENGLISH
05 ޖުލައި 2025
އާރްޑީސީއަކީ މަގު ހެދުމުގައި ގާބިލު ކުންފުންޏެއް، އަމާޒަކީ މެޝިނަރީޒް ހޯދައިދީގެ ތާރުއެޅުން: މުއްތަލިބު
12 މޭ 2025
|
ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބު، ފޮޓޯ: ރައީސް އޮފީސް
އާރްޑީސީއަކީ މަގުހެދުމުގެ ފަންނީ ގާބިލުކަން ހުރި ކުންފުންޏެއް ކަމަށާއި، އެ ކުންފުންޏަށް ބޭނުންވާ މެޝިނަރީސް ހޯދައިދީގެން ތާރުއެޅުމުގެ މަސައްކަތްކުރުމަކީ ސަރުކާރުގެ އަމާޒުކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން ހައުސް އެންޑް އިންފްރަސްޓްރަކްޗާ ޑރ.އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ޑރ.މުއްތަލިބު މިފަދައިން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ދެއްކެވި ވާހަކަފުޅެއްގެ މަގުސަދު އޮޅޭ ގޮތަށް ބައެއް ނޫސްތަކުން ރިޕޯޓުކޮށް ސިޔާސީ ބޭފުޅުން އެވާހަކަތައް ފަތުރަމުންދަނިކޮށް، އެކަމުގެ ހަގީގަތް ބަޔާންކޮށްދެއްވުމަށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިއަދު ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރު ފާހަގަކުރެއްވީ އާރްޑީސީއާ ހަދަން ހަވާލުކުރި މަގުތަކުގައި ތާރުއެޅުމާ ހަމައަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް އެކުންފުނިން ކޮށްފައިވާ ކަމަށެވެ. ނަމަވެސް މިވަގުތު ތާރު އެޅުމަށް ބޭނުންވާ ގާބިލުކަން ނެތުމުން ތާރުއެޅުމުގެ މަސައްކަތް ނުފެށި ލަސްވެފައިވާކަމަށްވެސް މުއްތަލިބު ވިދާޅުވިއެވެ.
"އާރުޑީސީ އިން މި ވަގުތު އަމިއްލަ އަށް ތާރު އެޅުމުގެ ކެޕޭސިޓީ ނެތުމާ އެކު، ތާރު އެޅުމުގެ މަސައްކަތް ނުފެށިފައި އޮތީ. އެ އަށް ހައްލެއް ލިބޭތޯ އަޅުގަނޑުމެން އާރުޑީސީއާ އެކު މަސައްކަތްތަކެއް ކުރަމުން އެބަ ގެންދަން،" މިނިސްޓަރު ވިދާޅުވިއެވެ.
އެވާހަކަފުޅަށް އިޝާރާތްކުރައްވައި ކުރެއްވި ޕޯސްޓެއްގަައި މިނިސްޓަރު ވިދާޅުވީ މަގުހެދުމުގެ ފަންނީ ގާބިލުކަން އާރްޑީސީގައި ފުރިހަމައަށް އެބަހުރި ކަމަށެވެ. އަދި އެ ކުންފުންޏަކީ މަގު ހެދުމުގެ މަޝްރޫއުތައް ރަނގަޅު ފެންވަރަކަށް ކުރިއަށްގެންދާ ކުންފުންޏެއްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
އަދި އެ ކުންފުންޏަށް ތާރަ އެޅުމުގައި ދިމާވެފައި އޮތް ދައްޗަކީ އެކަމަށް ބޭނުންވާ މެޝިނަރީސް އެ ކުންފުނީގައި ހަމައަށް ނެތުންކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެމައްސަލަ ހައްލުކުރުމަށް ސަރުކާރުން ގެންގުޅޭ ވިސްނުންވެސް ސާފުކޮށްދެއްވިއެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ތާރުއަޅަން ބޭނުންވާ މެޝިނަރީސް ސަރުކާރުން އާރްޑީސީއަށް ހޯދައިދީގެން އެ ކުންފުނި މެދުވެރިކޮށް ތާރުއެޅުމުގެ މަސައްކަތްވެސް ކުރިއަށްގެންދިއުން ކަމަށެވެ.