ENGLISH
05 ޖުލައި 2025
ތެރަޕީ ނަގަންދިޔަ ކުއްޖަކަށް އަނިޔާކުރި މައްސަލަ: އިންޑިއާގެ ދެ އަންހެނުން ހައްޔަރު ކޮށްފި
12 މޭ 2025
|
ފިޒިއޯ ކްލިނިކް
ތެރަޕީ ނަގަންދިޔަ ކުއްޖަކަށް އަނިޔާ ވެދާނެ ގޮތަކަށް އަމަލުކުރި މައްސަލާގައި ދެ މީހަކު ހައްޔަރު ކޮށްފަައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.
އެ ކްލިނިކަށް ދިޔަ ކުއްޖަކަށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ވަނީ އާންމުވެފަ އެވެ. އެ މައްސަލަ ފުލުހުން ދަނީ ތަޙުޤީޤު ވެސް ކުރަމުންނެވެ.
ފުލުހުންގެ އިދާރާ އިން ދެންމެ ބުނީ ކުޑަކުއްޖަކަށް ޖިސްމާނީ ގޮތުން އަނިޔާވެދާނެ ގޮތަކަށް ޢަމަލުކޮށްފައިވާ މައްސަލައާ ގުޅިގެން ކޯޓް އަމުރެއްގެ ދަށުން އިއްޔެ ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ ދެ އަންހެނުންނެވެ. އެއީ އުމުރުން 24 އަހަރުގެ ސިވަކުމާރާއި އީސާ އެންޓޮނޭޓް އެވެ.
އެ ދެ މީހުންގެ ބަންދާއިމެދު ގޮތް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ޖަހާފަ އެވެ.
އެ މައްސަލައާ ގުޅިގެން މި ހާދިސާ ހިނގި ފިޒިއޯ ކްލިނިކުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޢާންމުވެފައިވާ ވީޑިއޯގައި އެ މުވައްޒިފުގެ ފަރާތުން ފެނުނީ ބަލައިނުގަނެވޭނެ ޢަމަލުތަކެއް ކަަމަށެވެ. އަދި އެއީ އެ ކުލިނިކުން އަމަލު ކުރާ މިންގަނޑުތަކާއި މުޅިން ޚިލާފު އަމަލެއް ކަމަށް ވެސް ބުނެފައިވެ އެވެ.
އެ މައްސަލަ އެނގުނު ހިސާބުން ވަގުތުން ފިޔަވަޅު އަޅާފައިވާ ކަމަށާ އެ މައްސަލައާ ގުޅިގެން އެ ހާދިސާ ހިނގި ވަގުތު ހުރި ދެ މުވައްޒިފުން ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.
މިއީ ވަރަށް ސީރިއަސް މައްސަލައެއް ގޮތުގައި ދެކޭ ކަމަށާ އެހެން ކަމުން ފުލުހުންގެ ތަޙުޤީޤަށް އެއްބާރުލުން ދިނުމުގެ ގޮތުން ކްލިނިކް ވަގުތީ ގޮތުން ބަންދު ކުރަން ނިންމާފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ފިޒިއޯ ކްލިނިކުން ބުނީ އެ މައްސަލަ އެ ކުލިނިކުން އިސްވެ ފުލުހަށް ރިޕޯޓް ކުރި ކަމަށެވެ. އަދި ތަޙުޤީޤަށް ބޭނުންވާ ވީޑިއޯ ފްޓޫޖު ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި ތަޙުޤީޤީ އިދާރަކަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.