ENGLISH
05 ޖުލައި 2025
ރިޔާސީ ކޮމިޝަނުން ފުރަތަމަ ފަހަރަށް ރައުދު އާ ސުވާލުކޮށްފި
12 މޭ 2025
|
ރައުދު ޖަލު ބަންދަށް ގެންދަނީ - ފޮޓޯ: ފައިލް
އޭޕްރީލު މަހުގެ 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް ޔުމްނު ރަޝީދު ވެއްޓުނު ހާދިސާ ތަޙުޤީޤުކުރުމަށާއި އެ މައްސަލައިގައި ތަޙުޤީޤީ އިދާރާތަކުން ކަންކޮށްފައިވާ ގޮތް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން، އެ ހާދިސާ ހިނގި ވަގުތު އެ އަންހެން މީހާއާއެކު އެގޭގައި އުޅުނު ގ. އެރިއަދޫ އުމުރުން 21 އަހަރުގެ ރައުދު އަޙްމަދު ޒިލާލު އާ ފުރަތަމަ ފަހަރަށް ބައްދަލުކޮށް ސުވާލުކޮށްފިއެވެ.
ރިޔާސީ ކޮމިޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ކޮމިޝަނުން ރައުދު އާ ބައްދަލުކޮށް، ހާދިސާއާ ގުޅޭގޮތުން މިއަދު ސުވާލުކޮށްފައިވާ ކަމަށެވެ.
ރިޔާސީ ކޮމިޝަނުންވަނީ ޕޯޓަލެއް ގާއިމުކޮށް މި މައްސަލައާ ގުޅޭ ގޮތުން ކޮމިޝަނާ މައުލޫމާތު ހިއްސާކުރަން ބޭނުންވާ އާއްމުންނަށް މައުލޫމާތު ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލާފައެވެ. އަދި އެ ކޮމިޝަނުގެ އޮފީހަށް ޒިޔާރަތްކޮށްގެންނާއި ލިޔެކިޔުން މެދުވެރިކޮށް ކޮމިޝަނާ މައުލޫމާތު ހިއްސާކުރެވޭނެކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.
ޔުމްނު ވެއްޓުނު މައްސަލަައާ ގުޅުންހުރި ތަންތަނަށް ޒިޔާރަތްކޮށް އެ މައްސަލައާ ގުޅުންހުރި އިދާރާތަކުގެ މުވައްޒަަފުންނާވެސް އެ ކޮމިޝަނުން ވަނީ ބައްދަލު ކޮށްފައެވެ.
ކޮމިޝަނުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނުގެ ރައީސް ޑރ މުޙައްމަދު މުނައްވަރު ވަނީ، އިންސާފުވެރި ތަޙުޤީޤެއް ހިންގަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި އޭނާއަށް ނުވަތަ ކޮމިޝަނަށް އެއްވެސް ފަރާތަކަށް ނުފޫޒު ނުފޯރުވޭނެކަމުގެ ޔަޤީންކަންވެސް އޭނާ ދެއްވިއެވެ.
މި މައްސަލައާ ގުޅިގެން ރައުދު ހައްޔަރުކުރުމުގެ އިތުރުން، ފުރާޅަށް ވެއްޓުނު އަންހެންކުއްޖާ އާއި ރައުދުގެ އިތުރަށް އޭނާއާއެކު އެރޭ އުޅުނު ބައެއް މީހުން ހިމެނޭހެން ޖުމްލަ ހަތް މީހެއްގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. މި މައްސަލައިގަައި ހިމެނޭ އަށް މީހަކު ފުރުން މަނާކުރުމުގެ އަމުރުވެސް ފުލުހުން ހޯދާފައިވެއެވެ. އަދި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ، ދެ ގެއެއް ބަލައި ފާސްކޮށްފައެވެ.