ENGLISH
05 ޖުލައި 2025
ޕަބްލިކް ވޯކްސްއަށް ރައީސް ޔާމީނުގެ ސަރުކާރުގައި ހޯދި ސާމާނުތައް ނިމުނު ދައުރުވަނީ ގެއްލިފައި: މުއްތަލިބު
12 މޭ 2025
|
ކޮންސްޓްރަަކްޝަން މިނިސްޓަރ ޑރ.އަބްދުﷲ މުއްތަލިބު
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ޕަބްލިކް ވޯކްސްގެ މަސައްކަަތްތައް ކުރުމަށް ހޯދި ވަސީލަަތްތަކުގެ ތެރޭގައ ހިމެނޭ ލޭންޑިން ކްރާފްޓުތަކާއި، އެކްސްކަވޭޓަރުތައް ފާއިތުވި ފަސް އަހަރު ތެރޭ ގެއްލިފައިވާކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލުވަނީ ކަނޑިތީމުގެ ކަނޑިންމައިން ބަައެއް ހަލާކުވެފައި އޮތް މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކާ ގުޅޭ ގޮތުން މިނިސްޓަރާ ސުވާލުކުރައްވާފައެވެ.
މެންބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ރަށްރަށުގެ ނެރު ފުންކުރުން ފަދަ މަސައްކަތްތަކަކީ މިނިސްޓްރީގެ މެންޑޭޓުގައި ހިމެނިގެން ހިނގަމުން އަންނަ މަސައްކަތްތަކެއް ނޫން ކަމަށެވެ. އަދި އެ މަސައްކަތްތައް ކުރަންޖެހެނީ ޕަބްލިކް ވޯކްސް ޑިޕާޓުމެންޓުންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އާއްމުކޮށް އުސޫލެއްގެ ގޮތުން މި މިނިސްޓްރީގެ މެއިންޑޭޓް ތެރޭގައި ހިމެނޭކަމެއްނޫން، ފަޅު ފުން ކުރުމާއި ނެރު ފުންކުރުމާ މިމަސައްކަތްތަަކަކީ، އެއީ ޕަބްލިކް ވޯކްސްއިން ކުރަމުން އައި މަސައްކަތްތަކެއް،" މުއްތަލިބު ވިދާޅުވެފައިވެއެވެ.
ޑރ.މުއްތަލިބު ފާހަގަކުރެއްވި ގޮތުގައި ޕަބްލިކް ވޯކްސްއިން ކުރަންޖެހޭ އެފަދަ މަސައްކަތްތައް ނުކުރެވި ލަސްވަނީ އެ މަސައްކަތްކުރުމަށް ބޭނުންވާ ގާބިލުކަން އެ އިދާރާގައި ނެތުމުންނެވެ. އެ ގާބިލުކަން ނެތް ސަބަބެއްގެ ގޮތުގަިއ އޭނާ ފާހަގަަކުރެއްވީ އެ އިދާރާގެ މަސައްކަތްތައް ކުރުމަށް ބޭނުންވާ ލޭންޑިން ކްރާފްޓުތަކާައި އެކްސްކަވޭޓަރުތައް ރައީސް ޔާމީނުގެ ވެރިކަމުގައި ގެނެސްފައިވަނިކޮށް ފާއިތުވި ވެރިކަމުގައި އެތަކެތި ގެއްލުމެވެ.
"ޕަބްލިކް ވޯކްސް އެބައޮތް އެހެންނަމަވެސް މިދިޔަ ސަރުކާރުން ޕަބްލިކް ވޯކްސްގައި ހުރި، ރައީސް ޔާމީންގެ ސަރުކާރުން ހޯދާފައި ހުރި، ޑްރެޖަރުތަކާއި ލޭންޑިން ކްރާފްޓް ތަކާއި އެކްސްކަވޭޓަރުތަކާއި މިއެއްޗެހި ވީތަނެއް ނޭނގެ. އެެހެންވީމަ ހަގީގަތުގައި އެ އެއްޗެހި ފެންނަން ނެތީމަ ޕަބްލިކް ވޯކްސްގައި މަސައްކަތްކުރުުގެ ގާބިލުކަން މިހާރު ނެތީމަ އެ މައްސަލަ އެހާ ބޮޑަށް ދިމާވަނީ،" މިނިސްޓަރު ވިދާޅުވިއެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީއަކީ އަމިއްލައަށް އެއްވެސް މަޝްރޫއެއް ހިންގާ މިނިސްޓްރީއެއް ނޫންކަމަށާއި، އެ މިނިސްޓްރީން މަސައްކަތްތައް ކުރަނީ ކޮންޓްރެކްޓަރުން ހޯދައިގެން މަސައްކަތް ހަވާލުކޮށްގެންކަން ފާހަގަކުރައްވަމުން މުއްތަލިބު ވިދާޅުވީ ޕަބްލިކް ވޯކްސްއަކީ މަރާމާތުކޮށް ތަންތަން ބެލެހެއްޓުމުގެ ޒިންމާ މަތިވެފައިވާ އިދާރާ ކަމަށެވެ.
އަދި ތަކެތި ނެތުމުގެ ސަބަބުން އެ އިދާރާގެ މަސައްކަތް ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ތެކތި ހޯދައިދިނުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ ކުރިން ޕަބްލިކް ވޯކްސްއާ ހަވާލުވެވަޑައިގެން ހުންނެވި މިނިސްޓަރު އާދަމް ޝަރީފުވަނީ ޕަބްލިކް ވޯކްސްގެ ވަސީލަތްތައް ބެލެހެއްޓުމުގައި ކުރީ ސަރުކާރުން ވަރަށް ބޮޑަށް އިހުމާލުވެފައި އޮތްކަން ފާހަގަކުރައްވާފައެވެ.