ENGLISH
05 ޖުލައި 2025
މަގޫދޫއަށް އެއާޕޯޓު ބަދަލުކުރީ ގޯސްކޮށް ނަމަވެސް މަޝްރޫއު ނިންމާނަން: މިނިސްޓަރ
12 މޭ 2025
|
މަގޫދޫ އެއާޕޯޓު (ފޮޓޯ/ އެމްޓީސީސީ)
ފ. ނިލަންދޫގައި އަޅަން ނިންމި އެއާޕޯޓު މަޝްރޫއު، އެ އަތޮޅު މަގޫދޫއަށް ބަދަލުކުރުމަށް މިދިޔަ ސަރުކާރުން ނިންމީ ރަނގަޅަށް ނޫން ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަޑައިގެން މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ މަގޫދޫގައި ހިންގާ އެއާޕޯޓު މަޝްރޫއުގައި ލަސްތަކެއް އުޅޭކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އެ މަޝްރޫއު މަގޫދޫގައި ހިންގަން މިދިޔަ ސަރުކާރުން ނިންމީ ވެސް ރަނގަޅަށް ނޫން ކަމަށެވެ.
"އަޅުގަނޑުމެން ހަމައެއާއެކު ގަބޫލުކުރަން ކުރީގަ، އެންމެ ކުރީގަ، އަބަދުވެސް ނިލަންދޫގައި އަޅަން ކަނޑައެޅިފަ އޮތް ޕްރޮޖެކްޓެއް މަގޫދޫއަށް ބަދަލުކުރީ އެންމެ ރަނގަޅަކަށް ނޫންކަން. އެހެންވިމާ އެއާއެއްކޮށް ވެސް ސަރުކާރުން ޑިވެލޮޕްމެންޓަލް ޕްލޭނާ އެއްކޮށް ނިލަންދޫގައި އެއާޕޯޓެއް އަޅަންޖެހޭނެ." މިނިސްޓަރ ވިދާޅުވި އެވެ.
މުއްތަލިބު ވިދާޅުވީ މަގޫދޫ އެއާޕޯޓުގެ މަސައްކަތް ލަސްތަކެއް ނުވެ އަވަހަށް ފަށައިގަނެ ކުރިއަށް ގެންދާނެ ކަމަށެވެ. މިވަގުތު ޝޯ ޕްރޮޓެކްޝަން މަސައްކަތްތައް ކުރިއަށްދާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އެ މަޝްރޫއު އަވަހަށް ނިންމައި ޚިދުމަތް ދޭން ފެށުން ކަމަށެވެ.
މަގޫދޫއާ ކައިރީގައި އޮންނަ ނިލަންދޫގައި ވެސް އެއާޕޯޓެއް އަޅަމުންދާއިރު އެ ރަށްރަށުގެ ރައްޔިތުންގެ މެދުގައި ވަނީ ވާދަވެރިކަމެއް އުފެދިފަ އެވެ. ދެ އެއާޕޯޓު އެހާ ކައިރީގައި އަޅާތީ ރައްޔިތުންގެ ކަންބޮޑުވުން އޮތް އިރު، ދެ އެއާޕޯޓު ކައިރި ކައިރީ އޮތުމުން ވާނެ ގެއްލުމެއް ނެެތް ކަމަށާއި ނިލަންދޫގައި އެއާޕޯޓު އެޅުމަކީ އިންވެސްޓަރުން ބޭނުންވާ ގޮތް ކަމަށް ވަޒީރު ވަނީ މީގެކުރިން ވިދާޅުވެފަ އެވެ.
ސަރުކާރުން 231 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން މަގޫދޫގެ ފަޅުން 30 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. އަދި 1800 މީޓަރުގެ ރަންވޭއެއް އެޅުމަށް ވަނީ ނިންމާފަ އެވެ.