ENGLISH
05 ޖުލައި 2025
ލިންކު ރޯޑުގެ މަސައްކަތަކީ އައްޑޫގެ މަޝްރޫއުތަކުގެ ތެރެއިން އެންމެ ބޮޑަށް ސަމާލުކަންދޭ މަސައްކަތް: މުއްތަލިބު
12 މޭ 2025
|
އިމާރާތްކުރުމާއި ބިނާރާއި ގެދޮރާ ބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްތަލިބު، ފޮޓޯ: ރައްޔިތުންގެ މަޖިލިސް
އައްޑޫ ސިޓީގައި މި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އެންމެ ބޮޑު ސަމާލުކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތަަކީ ލިންކް ރޯޑުގެ މަސައްކަތް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެްބަރު އަހްމަދު ދީދީ މިއަދުގެ މަޖިލީހުގެ ޖަލްސާގަައި އައްޑޫ ލިންކް ރޯޑުގެ މަސައްކަތް ސަރުކާރުން ރާވާފައި އޮތް ގޮތާއި، އެ މަސައްކަތް ކުރިއަށް ގޮސްފައި އޮތް މިންވަރާ ގުޅޭ ގޮތުން މިނިސްޓަރާ ސުވާލުކުރެއްވިއެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ފާއިތުވި ވެރިކަމުގައި އެފްކޯންސްއާ ހަވާލުކޮށްގެން އައްޑޫގެ މަގުތައް ހެދުމަށް ހިންގި މަޝްރޫއުގައި ސިމެންތި އަޅާފައިވާ ފަސްދޮޅަސް ކިލޯމީޓަރުގެ މަގު އަލުން ހަދައި ތާރުއެޅުން ހިމެނޭހެން ލިންކްރޯޑުގެ މަސައްކަތްކުރުމަށް އެމްޓީސީސީއާ ހަވާލުކޮށް އެއްބަސްވުމެއް ގާއިމުކޮށްފައިވާ ކަމަށެވެ.
އެމްޓީސީސީއާއެކު ގާއިމުކޮށްފައިވާ 800 މިލިއަނެއްހައި ރުފިޔާގެ މި މަޝްރޫއުގައި އައްޑޫ ފޭދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުންވެސް ހިިމެނޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާރު އެ މަޝްރޫއުގައި ކުރިއަށްދަނީ އެންވަޔަރަމެންޓް އިމްޕެކްޓް އެސެސްމެންޓު ނުވަތަ އީއައިއޭ ހެދުމުގެ މަރުހަލާއެވެ.
ލިންކު ރޯޑު އިތުރަށް ބޮޑުކުރުން ހިމެނޭ ގޮތަށް ލިންކް ރޯޑުގެ މަސައްކަތްތައް އެންމެ ފުރަތަމަވެސް ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މަޝްރޫއު ކުރިއަށްގެންދިއުމަށް ޕްލޭންކޮށްފައި އޮތް ގޮތަކީ އެންމެ ފުރަތަމަވެސް ލިންކް ރޯޑުގެ މަސައްކަތްކުރުން އޭގެ ތެރޭގައި އެކްސްޓެންޝަން ހިތަދޫގެ ހިމާޔަތްކޮށްފައިވާ ސަރަހަައްދުގައި ކުރަންޖެހޭ މަސައްކަތްތައްވެސް ހިމެނޭ ގޮތަށް ފޯމިއުލޭޓުކޮށްފައިވަނީ،" މުއްތަލިބު ވިދާޅުވިއެވެ.
މިހާރު އީއައިއޭގެ މަސައްކަތްތައް ހިނގަމުންދާއިރު ކައުންސިލާއި އާރްޑީސީއާ ދެމެދުގައި މަޝްވަރާތަކެއްވެސް ކުރެވިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި މިނިސްޓްރީއަށް ސައިޓެއް ކަނޑައެޅުމުގެ މަސައްކަތްވެސް ހިނގަމުންދާކަން މުއްތަލިބު ހާމަކުރެއްވިއެވެ.
އައްޑޫގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއެއް 2021 ވަނަ އަހަރު އެފްކޯންސްއާ ހަވާލުކުރިއެވެ. އެއީ އިންޑިޔާގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ހިންގާ މަޝްރޫއެކެވެ. 2023 ވަނަ އަހަރު ސަރުކާރުން ބަދަލުވިއިރުވެސް އެ މަޝްރޫއު ނިމިފައިނުވެއެވެ.