ENGLISH

26 ނޮވެމްބަރު 2024

ސަރުކާރަށް 52 ހަފްތާ: ރައްޔިތުންގެ ފަޅީގައި ރައްޔިތުންނަށްޓަކައި

17 ނޮވެމްބަރު 2024

|

އާމިނަތު ޔުމްނާ

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދިވެހިރާއްޖޭގެ ވެރިކަމަށް މުޅިން އައު މާނައެއް ގެނެސްދެއްވުމުގެ މަސައްކަތް ފައްޓަވާފައެވެ. މިގޮތުން، ގިނަ ދުވަސްވެފައިވާ ގޮންޖެހުންތަކަށް ޙައްލު ހޯއްދައި، ޤައުމުގެ މިނިވަންކަމާއި، ޑިޕްލޮމަސީއާއި އަދި އެތެރޭގެ ތަރައްޤީ ވަރުގަދަކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވައެވެ. އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ އަހަރު ތެރޭގައި ވަނީ، މުހިއްމު އިޞްލާޙުތަކެއް ގެނެސް، އެކި ދާއިރާތަކުގައި ދެމެހެއްޓެނިވި ކުރިއެރުމަށް ބިންގާ އަޅުއްވާފައިވެއެވެ.

ކޮންމެ ރައްޔިތަކު ވެސް ޤަބޫލުކުރަން ޖެހޭ ހަޤީގަތަކީ ޤައުމެއް އޭގެ އަސްލު ދުވެލީގައި ތަރައްގީ އާއި ކުރިއެރުމަށް ވާސިލު ވެވޭނީ ކައްޗަށް ބިންގާ އެޅިފައި ހުރި ކަންކަން ސީދާކޮށް އިސްލާހު ކުރެވިގެންނެވެ. ފޮތެއް އޮތަކަސް އެދުރެއް ނުވާނޭ ބުނާ އުސޫލުން ގައުމުގައި ކިތަންމެ ކަމެއް ފަހި ވެފައި އޮތަސް އެކަންކަމުގެ ނިޒާމް ހަރުދަނާ ކުރެވިގެން ނޫނީ ކަންކަން ރަނގަޅު ގޮތުގައި ދެމެހެއްޓެނިވި ގޮތަށް ކުރިއަރައިގެން ނުދާނެއެވެ.

ޤާނޫނާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުން

ދިވެހިރާއްޖޭގައި އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ޤާނޫނާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައެވެ. ބާޒާރުގެ ގޮޅިތަކުން ފެށިގެން ދިވެހި މަސްދޯނި ފަހަރުގެ ފަޅުވެރިންގެ ގޮތުގައިވެސް ބިދޭސީންނެވެ. މިކަމުގެ ސަބަބުން ވަސީލަތްތަކަށާއި އިޖްތިމާޢީ އެއްބައިވަންތަކަމަށް ގިނަ ދުވަސްތަކެއް ވަންދެން ބުރޫ އަރަމުން އައިސްފައިވެއެވެ.

"ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ޙައްލެއް ނުހޯދިއްޖެނަމަ، މިނިވަންކަމަށް އަރާ ބުރުލަކަށް އެކަން ވެދާނެ ދިވެހިރާއްޖޭގެ " - ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ރަސްމީ އިޙުތިފާލުގައި، ރައީސް ޤައުމާ މުޚާޠަބުކުރައްވަމުން ވިދާޅުުވިއެވެ.

އެއްވެސް ސަރުކާރަކަށް މިހާތަނަށް މިކަމަށް ހައްލެއް ގެނެސްދެވިފައި ނުވާކަން މީ ކޮންމެ ރައްޔިތަކުންވެސް ޤަބޫލްކުރަން ޖެހޭ ހަޤީގަތެކެވެ. ރައީސް މުޢިއްޒު ވަނީ މި ގޮންޖެހުމަށް ޙައްލު ހޯދުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާފައެވެ. މިގޮތުން، ރާއްޖެއަށް އެތެރެވުން ބެލެހެއްޓުމާއި އިމިގްރޭޝަންގެ ޤާނޫނުތައް ހަރުދަނާކޮށް ތަންފީޒުކުރުމަށް ނިޒާމުތަކެއް ޤާއިމުކުރައްވާފައިވެއެވެ. މި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގައި އަމަންއަމާންކަން އިއާދަވެ، ދިވެހި ރައްޔިތުންނަށް ވަޒީފާގެ ފުރުޞަތުތައް އިތުރުވެ، އަދި ޤައުމީ ސަލާމަތް ހަރުދަނާވެފައިވެއެވެ.

ސަރުކާރު ހިންގެވުމާއި އެމަނިކުފާނު ޙަވާލުވެވަޑައިގަތުމަށް ފަހު، ޤަވާއިދާ ޚިލާފަށް ބިދޭސީން ކުރަމުން ދިޔަ ވިޔަފާރިތައް ހުއްޓުވުމުގެ މަސައްކަތް ފައްޓަވައި، ޤަވައިދާ ޚިލާފަށް އުޅެމުންދިޔަ ކަމަށް ފާހަގަކުރެވުނު 4700 އަށްވުރެ ގިނަ ބިދޭސީން މިހާތަނަށް ޑީޕޯޓްކޮށްފައިވެއެވެ.

"ހަމައެކަނި ބޮޑެތި ޢިމާރާތްތަކެއް އަޅައިގެން ތިބުމަކުން ސަރުކާރުގެ ބޭނުމެއް ނެތް ، ޙަޤީޤީ އުފާވެރިކަމެއް ލިބޭނީ ދިރިހުރި ފަރާތަކަށް، ދިރުމަކަށް ކަމެއް ކޮށްދެވިގެން" - ރައީސް މުޢިއްޒު

ޑިޕްލޮމެޓިކް ގުޅުންތައް އަލުން ބައްޓަންކުރުން

ރައީސް މުޢިއްޒުގެ ޚާރިޖީ ސިޔާސަތުގައި ބޮޑެތި ބާރުތަކާއެކު ފަރުވާތެރިކަމާއެކު ވަޒަންކުރެވިގެންވާ ގުޅުމެއް ދަމަހައްޓަވައެވެ. އެމަނިކުފާނު ވަނީ ޗައިނާއާއެކު ގުޅުން އަލުން ޤާއިމުކޮށް ވަރުގަދަ ކުރައްވާފައެވެ. ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ ޤައުމުން 130 މިލިއަން ޑޮލަރުގެ ހިލޭ އެހީ ހަމަޖެއްސެވިއެވެ. ތަފާތު އެކި ދާއިރާތަކުން މައިގަނޑު 20 އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

ޗައިނާއާއި ރާއްޖެއާއި ދެމެދު މިއަދު ބަދަލުކުރެވުނު ބައެއް މުހިންމު އެއްބަސްވުންތަކުގެ ތެރޭގައި ކާރިސާތައް މަދުކުރުމަށް ގުޅިގެން މަސައްކަތް ކުރުމާއި، ބްލޫ އިކޮނޮމީ ކޯރޕަރޭޝަން އެއްބަސްވުމާއި، ޑިޖިޓަލް ދާއިރާ ކުރިއެރުވުމާ ގުޅޭ އެއްބަސްވުމާއި، ބެލްޓް އެންޑް ރޯޑް ކޯޕަރޭޝަން އާ ގުޅޭ އެއްބަސްވުން ހިމެނެއެވެ.

އަދި ފަންނީ މީހުން ބިނާ ކުރުމާ ގުޅޭ އެއްބަސްވުމާއި، ފުށިދިއްގަރުފަޅުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢޫތައް ކުރިއަށް ގެންދިޔުމަށާއި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫއުއާއި، ފިޝަރީޒް ޕްރޮޑަކްޓްސް ޕްރޮސެސިން ފެކްޓްރީތަކާއި މާލެއާއި ވިލިމާލެ މަގުތައް ތަރައްގީކުރުމުގެ އެއްބަސްވުން ހިމެނެއެވެ.

ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އިމާރާތް ކުރުމާއި 17 ރަށެއްގައި ހުރި ސިއްހީ މަރުކަޒުތަކުގެ ލެބޯޓަރީއަށް ބޭނުންވާ ވަސީލަތްތަކާއި ސާމާނުތައް ފޯރުކޮށްދިނުމުގެ އިތުރުން ހަތަރު ހަތަރު ރަށެއްގެ ޝޯ ޕްރޮޓެކްޝަން އަދި ވޭސްޓު މެނޭޖްމެންޓުގެ ނިޒާމުތައް ހިލޭ އެހީގެ ދަށުން ގާއިމްކުރުމަށް ނިންމާފައި ވެއެވެ.

މީގެއިތުރުން ޗައިނާއާއެކު ރާއްޖެއިން ޤާއިމްކުރި އެއްބަސްވުންތަކުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްޤީކުރާ ރަސްމާލޭގައި 30،000 ހައުސިން ޔުނިޓް ތަރައްޤީކުރުމުގެ އެއްބަސްވުމެއްވެސް ހިމެނެއެވެ.

"މިހާރު ޗައިނާއިން ރާއްޖެއަށް 920 މިލިއަން ޗައިނާ ފައިސާ ގާތްގަޑަކަށް 130 މިލިއަން ޔޫއެސް ޑޮލަރުގެ ހިލޭ އެހީވަނީ ހަމަޖެހިފައި. ރާއްޖޭގައި ކަނޑައަޅާ ތަރައްޤީގެ އެކިއެކި ކަންކަމަށް، މަޝްރޫޢުތަކަށް ހޭދަކުރުމަށް. އޭގެތެރެއިން އެންމެބޮޑު އެއްޗެއް ޚަރަދުކުރުމަށް ކަނޑައެޅިފައިވަނީ މާލޭގެ މަގުތައް ހެދުމަށް. އޭގެ އިތުރުންވެސް ގިނަ ކަންތައްތަކަށް އޭގެތެރެއިން ކަވަރު ކުރެވިގެންދާނެ  " - ރައީސުލްޖުމްހޫރިއްޔާ

ހަމައެއާއެކު، އިންޑިއާއާއެކު އޮތް ގުޅުމުގެ ނާޒުކުކަން ބަލަހައްޓަވަމުން، ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ފޮނުވާލައްވައި، ޤައުމުގެ މިނިވަންކަމަށް ބާރުއަޅުއްވާފައިވެއެވެ. ވެރިކަމަށް ހަވާލުވެ ވަޑައިގެން އެންމެ ފުރަތަމަ ވައުދެއްގެ ގޮތުގައި އިންޑިއާ ސިފައިން ވަނީ އަނބުރާ ފޮނުވާލެވިފައެވެ. މިއީ ރައްޔިތުންގެ އަޑު އައްސަވާކަން ހާމަވާ އެންމެބޮޑު އެއް ހެއްކެވެ. އަދި އިޤްތިޞާދީ ގޮތުން ދެފަރާތަށް ފައިދާހުރި އެއްބާރުލުން ކުރިއަރުވަމުން ގެންދަވައެވެ. މި މަސައްކަތްތަކުގެ މަޤްޞަދަކީ ހިންދު ކަނޑުގައި ދިވެހިރާއްޖެ ސްޓްރެޓެޖިކް ގޮތުން މިނިވަން ޤައުމެއްގެ ގޮތުގައި ޤާއިމުކޮށް، ބޭރުގެ އެހީއަށް ބަރޯސާވުން މަދުކުރުމެވެ.

އިންޑިއާއިން ރާއްޖެއަށް ދެއްވި މާލީ އެހީތެރިކަމަށް ޝުކުރުއަދާކުރައްވަމުން، މޭ މަހާއި ސެޕްޓެމްބަރު މަހަށް ޓީ-ބިލުގެ ސަޕޯޓުގެ ގޮތުގައި، އިންޓްރަސްޓަކާއި ނުލައި 100 މިލިޔަން އެމެރިކާ ޑޮލަރު ހަމަޖައްސަވައިދެއްވައި، އިތުރު އެހީގެ ގޮތުގައި ބައިލެޓަރަލް ކަރަންސީ ސްވޮޕް އެއްބަސްވުމެއްގެ ދަށުން 30 ބިލިޔަން އިންޑިޔާ ރުޕީޒް އާއި 400 މިލިޔަން އެމެރިކާ ޑޮލަރު ހަމަޖައްސަވައިދެއްވިއެވެ.

އިންޑިއާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެގައުމުގެ ބޮޑުވަޒީރާއި ބައްދަލުކުރެއްވުމުގެ ތެރެއިން

ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާ އަދި އިސްތިގުލާލަށް ޒައްރެއްގެ މިންވަރު ވެސް ބުރޫއަރާފަދަ ކަމެއް އެ ދަތުރުފުޅުގައި އަދި އެހެން ދަތުރުފުޅެއްގައި ވެސް ރައީސް ކުރައްވާފައެއް ނުވެއެވެ.

"އެއްވެސް އެއްބަސްވުމެއްގެ ދަށުން ދިވެހިންގެ ފުރިހަމަ ސިޔާދަތީ ބާރު ގެއްލޭ ފަދަ ނޫނީ ނުރައްކާވާ ފަދަ އެއްވެސް ކަމެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރަކުން ކުރައްވާފައެއް ނެތް " - ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫން

ރައީސް މުޢިއްޒުގެ ވެރިކަމުގެ މުހިންމު އެއް ބައެއްގެ ގޮތުގައި ފާހަގަކުރެވެނީ ދިވެހިރާއްޖޭގެ އަމިއްލަވަންތަ ކަމަށް އުނިކަން ލިބޭ ކަމަށް ދެކެވޭ އެއްބަސްވުންތައް ބާޠިލު ކުރެއްވުމެވެ. މި އެއްބަސްވުންތައް ނިމުމަކަށް ގެނައުމުގެ ސަބަބުން، މުހިންމު ވަސީލަތްތަކުގެ މައްޗަށް އޮތް ބާރު އަނބުރާ ހޯއްދަވައި، އެމަނިކުފާނުގެ ލީޑަރޝިޕްގެ މައްޗަށް ދިވެހި ރައްޔިތުންގެ އިތުބާރު އިތުރުވެފައިވެއެވެ. އެމަނިކުފާނުގެ އިޞްލާޙުތަކުގެ ސަބަބުން، ކުރިމަގުގައި ކުރެވޭ އެއްބަސްވުންތައް ޤައުމުގެ ދިގު މުއްދަތުގެ މަޞްލަޙަތުތަކާ އެއްގޮތްވާ ގޮތުގެމަތިން ވުމަށް މަގުފަހިވެފައިވެއެވެ.

ރައީސް ޑރ މުޢިއްޒުގެ ސަރުކާރުން ވަނީ ބޯހިޔާވަހިކަމާއި، ޞިއްޙީ ޚިދުމަތްތަކާއި، އަދި އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް އަވަސްކުރައްވާފައެވެ. އެމަނިކުފާނުގެ ތަރައްޤީގެ އެޖެންޑާގެ މައިގަނޑު ބައެއް ކަމުގައިވާ ތިލަފުށި ބްރިޖް މަޝްރޫޢުން، މާލެއާއި، ވިލިމާލެ، އަދި އެއަރޕޯޓާ ދެމެދު ގުޅުން އިންޤިލާބީ ގޮތަކަށް ބަދަލުކޮށްދޭނެ ކަމަށް އުންމީދު ކުރެވެއެވެ. މީގެ އިތުރުން، މިސަރުކާރުން ފުލުހުންނާއި ސިފައިންގެ ޚިދުމަތްތައް ޒަމާނީ ކުރައްވައި، ރައްޔިތުންގެ ޙައްޤުތަކާއި ޤައުމީ ސަލާމަތް ރައްކާތެރި ކުރުމުގެ ޤާބިލުކަން އިތުރު ކުރައްވަމުން ގެންދަވައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓްގެ މަސައްކަތް އަވަސް ދުވެލީގައި ކުރިއަށް ގެންދިއުމުގެ ތެރެއިން

ރައީސް މުޢިއްޒުގެ ތަޞައްވުރަކީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ދިވެހިރާއްޖެއެކެވެ. މިގޮތުން، ބޭރުގެ އެހީއަށް ބަރޯސާވުން މަދުކުރުމަށް މަސައްކަތް ކުރައްވައެވެ. ޑްރޯން ފަދަ އައު އީޖާދުތަކުން މި އަމާޒު ފެންނަން އެބަހުއްޓެވެ. މިފަދަ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ރާއްޖޭގެ ޞިނާޢަތްތަކަށް އެހީތެރިވުމަށް މަސައްކަތް ކުރެވެމުންދެއެވެ. ޒުވާނުންނާއި އަންހެނުންގެ ތަރައްޤީއަށް ކުރެވޭ އިންވެސްޓްމަންޓްތަކާއި، ބިދޭސީންނާ ގުޅުންހުރި މަސައްކަތުގެ ދާއިރާގެ ޚިލާފުތައް ޙައްލު ކުރުމަށް އެޅޭ ފިޔަވަޅުތަކުން، އެންމެންނަށް ފައިދާވާނެ ގޮތަށް ކުރިއެރުން ހޯދުމަށް މަގުފަހި ވެގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު