ENGLISH

15 މޭ 2025

Advertisement

"މޯލްޑިވްސް 2.0" ސަމިޓު ނިމުމަކަށް؛ ރާސްތާ ކުރަހައިލެވިއްޖެ، ދެން އޮތީ ދަތުރަށް ފުރުން

11 މޭ 2025

|

ޝިފްޒާން އަޙްމަދު

މޯލްޑިވްސް 2.0 ސަމިޓު ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް ދައުލަތުގެ ހިދުމަތްތައް ޑިޖިޓަލައިޒްކުރުމުގެ ބޮޑު މަޝްރޫއެއް ފެށުމުގެ ގޮތުން ކުރިއަށްގެންދިޔަ "މޯލްޑިވްސް 2.0" ސަމިޓު މިރޭ ނިމިގެންދިޔައިރު ސަމިޓުގައި ކުރިއަށްދިޔަ މަޝްވަރާތަކުގެ އަލީގައި، ޑިޖިޓަލައިޒޭޝަން ދަތުރުގައި ކުރިއަށްދާނެ ގޮތުގެ ރާސްތާ ކުރަހައިލެވިއްޖެއެވެ. 

މިރޭ ސަމިޓުގެ ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޓްރޭޑްނެޓުގެ ސީއީއޯ ސައީދާ އުމަރު ވިދާޅުވި ގޮތުގައި މި ސަމިޓަށް ހުށަހެޅި މަގުޗާޓުގެ އަސާސްތަކާ ގުޅޭ ލިޔެކިޔުންތަކާމެދު މަޝްވަރާކުރަމުންދިޔައިރު އެ ލިޔުންތައް އިތުރަށް ފުރިހަމަކުރުމަށް ކުރެވިދާނެ ކަންކަން ފާހަގަކުރެވިފައިވާ ކަމަށެވެ. 

އެއާއެކު މި ސަމިޓުގެ ބައިވެރިންގެ ފަރާތުން ލިބުނު ހިޔާލުތަކާއެކު ކަމާ ގުޅުންހުރި ފަރާތްތަކާ މަޝްވަރާކުރައްވައިގެން މިހާރު އެކުލަވާލާފައިވާ މަަގުޗާޓު އިތުރަށް ފުރިހަމަކުރުމުގެ މަސައްކަތްތައް ކުރިއަށް އޮތް ދުވަސްތަކުގައި ކުރައްވާނެ ކަމުގައި އޭނާ ވިދާޅުވިއެވެ. 

"އެހެންވީމަ މި ސަމިޓު ނިމުމާއެކު އަޅުގަނޑުމެން އެންމެ އިސްކަމެއް ދޭނީ މި ސަމިޓުގެ ތެރެއިން ލިބުނު ހިޔާލުތަކާއި އެ ދެއްވި ލަފާތަކާ އެ އިރުޝާދުތަކުގެ މައްޗަށް ބިނާކޮށް، މިހާރު އަޅުގަނޑުމެންގެ ތެރޭގައި އެކުލަވާލާފައިވާ ޒީރޯ ޑްރާފްޓު ރިފައިންކޮށް ގައުމީ ލިޔުމެއްގެ ގޮތުގައި، އެ ތަންފީޒުކުރަން ފެށުމުގެ ކުރިން ހުރިހާ ބޭފުޅުންގެ ހިޔާލުތައް އޭގެ ތެރެއަށް ގެނެސްގެން ކުރިއަށްގެންދިއުން،" ސައީދާ ވިދާޅުވިއެވެ. 

އޭގެ އިތުރަށް އޭނާ ވިދާޅުވީ  މި މަސައްކަތަކީ ވަރަށް ފަންނީ މަސައްކަތަށްވާތީ އިތުރަށް އެ ފަންނީ ކަންކަމުގެ ތެރެއަށް މިހާރަށްވުރެ ފުނަށް ވާސިލުވުމުގެ ގޮތުން އިތުރު ވޯކްޝޮޕުތައް ބާއްވައި ފަންނީ މީހުން އެކުވެގެން އެކަންކަމާ މަޝްވަރާކޮށް އިތުރަށް ފުރިހަމަކުރުން ކަމަށެވެ. 

އޭގެ އިތުރަށް ޑިޖިޓަލައިޒޭޝަންގެ ދަށުން ގެނެވޭ ގާނޫނުތަކާއި އުސޫލުތަކާއި އަލަށް ފެށޭ މަޝްރޫއުތަކަކީ އެކަންކަމުގެ ތެރެއިން ޕްރައިވެޓް ޕަބްލިކް ޕާޓްނާޝިޕުތަކަށް ފުރުސަތު ލިބޭ ދިވެހި އުފެއްދުންތެރިންނާއި ފަންނިއްޔާތުގެ ދާއިރާގައި މަސައްކަތްކުރާ ދިވެހިންނަށް އެިން މަންފާވާނެ ކަންކަމުގެ ގޮތުގއި ބައްޓަންކުރުމަށް އިސްކަންދިނުމުގެ މުހިއްމުކަން ސަމިޓުގެ ބައިވެރިން ފާހަގަކުރައްވާފައިވާ ކަމަށް ސައީދާ ވިދާޅުވިއެވެ. 

ސައީދާ ވިދާޅުވި ގޮތުގައި ސަމިޓުގެ ތެރެއިން ލިބިވަޑައިގަތް އެންމެ މުހިއްމު އެއް ލަފަޔަކީ ގައުމީ ފެންވަރުގައި ޑިޖިޓަލައިޒޭޝަން މަޝްރޫއެއް ކުރިއަށްގެންދާއިރު ރައްޔިތުންގެ މެދުގައި އެ މަސައްކަތާއި ގެނެވޭ ބަދަލުތަކާމެދު ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމެވެ. 

"އެހެންކަމުން ހާއްސަ އިސްކަމެއްދީގެން ޑިޖިޓަލައިޒޭޝަން އިނިޝިއޭޓިވް މޯލްޑިވްސް 2.0 ގެ ދަށުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ގެންދިއުމަށްޓަކައި އަދި މިކަންކަމަށް ސަމާލުކަންދީގެން ހާއްސަ މަސައްކަތްތަކެއް ކުރިއަށްގެންދާނަން،" ސައީދާ ވިދާޅުވިއެވެ. 

ސައީދާ އިތުރަށް ވިދާޅުވީ މި ސަމިޓުގައި ކުރެވުނު މަޝްވަރާތަކާއި ކުރެވުނު މަސައްކަތްތައް ހިމެނޭ ރިޕޯޓެއް އެކުލަވައިލާ އެ ރިޕޯޓު ސަމިޓުގެ ވެބްސައިޓުގައި ޝާއިއުކުރެވިގެންދާނެ ކަމަށެވެ. 

ޑިޖިޓަލައިޒޭޝަން މަސައްކަތުގެ ބޭނުމަކީ ރައްޔިތުންނަށް އަވަސް ހިދުމަތްތަކެއް ލިބޭނެ ދެފުށް ފެންނަ ކޮރަޕްޝަން ނެތް ރަނގަޅު ހެޔޮ ވެރިކަމުގެ ނިޒާމެއް ގާއިމުކުރުންކަން ފާހަގަކުރައްވަމުން ސައީދާ ވިދާޅުވީ އުންމީދުކުރާ ގޮތަށް އެ ހިދުމަތްތައް ފޯރުކޮށްދެވޭނީ ހުރިހާ އިދާރާއެއްގެ އެއްބާރުލުމާއި ބައިވެރިވެގެން ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު