ENGLISH
15 މޭ 2025
ރާއްޖެއަށް ދަތުރުކުރުމާމެދު ސިންގަޕޫރުން ނެރުނު އިލްތިމާސެއްކަމަށް ބުނެ ފަތުރަނީ ފަހުގެ އިލްތިމާސެއް ނޫން
11 މޭ 2025
|
ސިންގަޕޫރުގެ ބޮޑުވަޒީރު ލޯރެންސް ވޮންގ
ޒަރޫރީ ބޭނުމެއްގައި ނޫނީ ރާއްޖެއަށް ދަތުރުނުކުރުމަށް އިލްތިމާސްކޮށް ސިންގަޕޫރު ސަރުކާރުން މިފަހުން ނެރުނު އިލްތިމާސެއްކަމަށް ބުނެ މީސްމީޑިޔާގައި ދައުރުކުރާ އިލްތިމާސަަކީ މިފަހުން އެ ގައުމުން ނެރުނު އިލްތިމާސެއް ނޫންކަން ޚާރިޖީ ވުޒާރާއިން ހާމަކޮށްފިއެވެ.
މާލޭގައި މިހާރު ހިނގަމުންދާ މުޒާހަރާތަކާ ގުޅިގެން ރާއްޖެއަށް ދަތުރުކުރުމުގައި ސަމާލުވުމަށް އަންގައި ސިންގަޕޫރުގެ ހާރިޖިއްޔާއިން ނެރެފައިވާ ލިޔުމެއް ކަމުގައި ބުނެ ސޯޝަލް މީޑިޔާގައި ސްކްރީން ޝޮޓުތަކެއް އަންނަނީ ދައުރުކުރަމުންނެވެ. އެ ސްކްރީން ޝޮޓުތަކުގެ ސައްހަކަން ކަށަވަރުނުކޮށް ބައެއް ނޫސްތަކުން އެއީ ސައްހަ ލިޔުމެއްކަމަށް ބަލައިގެން ސިންގަޕޫރުން އެފަދަ އިލްތިމާސެއް ނެރެފިކަމަށް ރިޕޯޓުކޮށްފައިވެއެވެ.
އެކަމާ ގުޅިގެން މިރޭ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރުނުކުރަން އެ ގައުމުގެ ރައްޔިތުންނަށް އަންގައި ސިންގަޕޫރު ސަރުކާރުން އެފަދަ އިލްތިމާސެއް މިފަހުގެ ތާރީހެއްގައި ނެރެފައިނުވާކަމުގެ ޔަގީންކަން އެގައުމުގެ ސަރުކާރުން އެ ވުޒާރާއަށް ދީފައިވާ ކަމަށެވެ.
އަދި ސޯޝަލް މީޑިޔާގައި ދައުރުކޮށް ފަތުރަމުންދާ ބަޔާނަކީ ސިންގަޕޫރު ސަރުކާރުން މިފަހުގެ ތާރީހެއްގައި ނެރެފައިވާ ބަޔާނެއް ނޫންކަން މިނިސްޓްރީން ފާހަގަަކުރިއެވެ.
ރާއްޖެއާ ދެމެދު އެކުވެރި ގާތް ގުޅުމެއް އޮންނަ ގައުމުތަކާމެދު ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުމުން އެކަމުގެ ނޭދެވޭ އަސަރު ދިވެހިރައްޔިތުންނާއި ރާއްޖޭގެ އިގުތިސާދަށް ފޯރުމަކީ އެކަށީގެންވާ ކަމެއްކަން ފާހަގަކޮށް، އެ ވުޒާރާއިން ހުރިހާ ފަރާތްތަކަށް އިލްތިމާސްކޮށްފައިވަނީ ހަބަރުތައް ފެތުރުމުގައި ޒިންމާދާރުކަމާއެކު މަސައްކަތްކުރުމަށާއި، ހާއްސަކޮށް އެކުވެރި ގައުމުތަކާ ގުޅުވައިގެން ދޮގު، ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށެވެ.