ENGLISH
05 ޖުލައި 2025
އިހުސާން ވިދާޅުވެދެއްވީ ޑިޖިޓަލައިޒޭޝަން އޮތް ހާލަތާއި ދަތުރުގެ މިސްރާބު
11 މޭ 2025
|
"މޯލްޑިވްސް 2.0" ސަމިޓު ނިންމުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމުން މިނިސްޓަރު އިހުސާން މަރުހަބާ ދެންނެވުން، ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ދިވެހި ދައުލަތުގެ ހިދުމަތްތައް ޑިޖިޓަލައިޒްކުރުމުގެ މަސައްކަަތް ކުރެވިފައި އޮތް ގޮތާއި ޑިޖިޓަލް ހިދުމަތްތަކުގެ ހާލަތު ހުރި ގޮތް ތަފުސީލުކޮށް ބަޔާންކޮށްދެއްވުމާއެކު، ރައީސް ޑރ.މުޢިއްޒުގެ ޒަޢާމަތުގައި ހިދުމަތްތައް ޑިޖިޓަލައިޒްކުރުމުގެ މަސަައްކަތުގެ މިސްރާބު ހުރި ގޮތް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ސާފުކޮށްދެއްވައިފިއެވެ.
ރައީސް ޑރ.މުޢިއްޒުގެ ޑިޖިޓަލައިޒޭޝަން ތަސައްވުރު ކަމުގައިވާ "ދިވެހިރާއްޖެ 2.0"ގެ މައިގަނޑު ސިޔާސަތުތަކާއި މަގުޗާޓު އެކުލަވައިލުމަށް ދައުލަތުގެ އިދާރާތަކާއި ފަންނިއްޔާތުގެ ދާއިރާގެ ހިއްސާދާރުން ބައިވެރިވެގެން ކުރިއަށްގެންދިޔަ "މޯލްޑިވްސް 2.0" ސަމިޓު ނިންމުމަށް މިރޭ ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަަމުން އިހުސާންވަނީ "ދިވެހިރާއްޖެ 2.0"ގެ ތަސައްވުރާ ގުޅޭ ގޮތުން، އެއީ އީ-ވޯޓިން ތައާރަފުކުރުމަށް ކުރާ މަސައްކަތެއްކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން ފަތުރަމުން އަންނަ ތުހުމަތުތަކަށްވެސް ރައްދުދެއްވާފައެވެ.
އެގޮތުން ރައީސް އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އެގައުމަށް ވަޑައިގަތުމުން އެ ގައުމުގައި ދައުލަތުގެ ހިދުމަތްތައް ޑިޖިޓަލައިޒްކުރުމަށް ކުރެވިފައިވާ މަސައްކަތްތަކާއި، އެ ގައުމުގެ ރައްޔިތުންނަށް ފޯރުކޮށްދޭ އެކި ހިދުމަތްތަކާ ގުޅޭ މައުލޫމާތުތައް އެ ގައުމުގެ މަސްއޫލުވެރިން ވަރަށް ތަފުސީލުކޮށް ވިދާޅުވެދެއްވިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން ރާއްޖޭގައި މިހާރު އަމަލުކުރާ އުސޫލުން ވޯޓު ކަރުދާސްކޮޅު ވޯޓު ފޮއްޓަށް ލަައިގެން ވޯޓުލުމުގެ އިތުރަށް، ބޭނުންވާ ފަރާތްތަކަށް ބޭނުންވާ މީހުންނަށް ޑިޖިޓަލް ނިޒާމުތައް ބޭނުންކޮށްގެން ވޯޓުލުމުގެ ފުރުސަތު އެސްޓޯނިޔާގައި ހުޅުވިފައި އޮންނަކަން އެ ގައުމުގެ އޮފިޝަލުން ވިދާޅުވެދެއްވިކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
"ހަމަ އެވަގުތު އަޅުގަނޑާއި އެތަނުގައި ތިބި ވަޒީރުންނަށް ރައީސް ވިދާޅުވި، އަޅުގަނޑުމެން މިހުރިހާ ކަމެއް މިގޮތަށް ކުރަންވާނޭ، އެހެންނަމަވެސް ވޯޓުލާ ގޮތް ބަދަލުކުރުމުގެ އެއްވެސް ވިސްނުމެއް ގެންގުޅެގެންނުވާނޭ. އަޅުގަނޑުމެން މިހާރުވެސް ވޯޓުލަނީ ވަރަށް ދެފުށް ފެންނަ އަދި ފުރިހަމަ ނިޒާމަކުން ކަމަށާއި ދެންވެސް ކުރިއަށްދާނީ އެގޮތަށްކަމަށް ރައީސް ގަބޫލުކުރައްވާކަމަށް ވިދާޅުވި،" މޯލްޑިވްސް 2.0 ގެ ތެރޭގައި އީވޯޓިން ހިމެނޭކަމަށް އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތުތައް ދޮގުކުރައްވަމުން ކަން އޮތް ގޮތް ސާފުކޮށްދެއްވައި އިހުސާން ވިދާޅުވިއެވެ.
ރައީސް ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ޑިޖިޓަލް ހިދުމަތްތައް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް ގޮސްފައި އޮތް ހިސާބު ބަޔާންކޮށްދެއްވަމުން އިހުސާން ވިދާޅުވީ ޕޯޓަލްތައް މެދުވެރިކޮށް ނުވަތަ ފޯމު ފުރައިގެން އީމެއިލުކޮށްގެން ދައުލަތުގެ އިދާރާތަކުގެ ހިދުމަތްތަކަށް އެދެވޭ ގޮތަށް ހަދާފައި ހުރި ކަމަށެވެ. އެއް އިދާރާއަކުން ދޫކުރާ ހުއްދަ އެހެން އިދާރާތަކުގެ ޕޯޓަލްތަކަށް ތަކުރާރުކޮށް އަޕްލޯޑުކުރަންޖެހޭ ގޮތަށް، އެ ހުއްދައަކީ އަސްލެއްތޯ ބެލުމަށް ދެ އިދާރާގެ މެދުގައި މުއާމަލާތްތައްކުރަން މަޖުބޫރުވެފައި އޮތްކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"ހިދުމަތަށް އެދުމަށްފަހު ދަންނަ މީހާއަށް ނުވަތަ ފައިސާއަށް އަވަސްކޮށްދީފާނެހެން ހީވާ މީހާއަށް ގުޅަންޖެހޭ ސިޔާސަތެއް އޮތީ ފުޅާ ދާއިރާއެއްގަައި ހިންގާފަ. ދައުލަތުގެ ކޮންމެ އިދާރާއެއްގައި ހުންނަނީ ވަކި ޑޭޓާ ބޭސްއެއް. ކޮންމެ އިދާރާއެއްގައި މައުލޫމާތުތައް ރައްކާކުރެވިފައި ހުރޭ. ގިނަ ޔޫޒާ އެކައުންޓުތައް ހެދިފައި ހުރޭ. އެކި މީހުން އެކި ފަހަރު މި އެކައުންޓުތައް ބޭނުންކުރޭ. ޓްރޭސިބިލިޓީއެއް އޮޑިޓެއް ނެތް. ސިސްޓަމްތަކުގައި ހުރި ޑޭޓާ ރައްކާތެރިކަމާއެކު ހުރިކަން ކަށަވަރެއް ނުކުރެވޭ،" ޑިޖިޓަލް ހިދުމަތްތަކާއި މައުލޫމާތު ރައްކާކުރުމުގެ ހާލަތު މިވެރިކަން ފެށުނުއިރު އޮތް ގޮތް ސިފަކޮށްދެއްވަމުން އިހުސާން ވިދާޅުވިއެވެ.
"ސިސްޓަމްތަކުގެ ސެކިއުރިޓީއާއި ސްޓެބިލިޓީ ގާއިމުކުރެވިފައި ހުރީ އެތަނެއްގައި އެވަގުތެއްގައި މަސައްކަތްކުރަމުން ދިޔަ ބައެއްގެ ގާބިލުކަން ހުރި މިންވަރަށް. މުޅި ދައުލަތުގެ ވަކި ސްޓެންޑަޑެއް ނެތް. ކުރު ގޮތަކަށް ދަންނަވާނަމަ ހުރީ ވަކިވަކި ސައިލޯތަކެއް. ވަކިވަކި ނިޒާމުތަކެސް، ސިސްޓަމްތަކެއް. މިއީ ހަރަދު ބޮޑު، އުދަގޫ، ދެފުށް ނުފެންނަ ސަލާމަަތީ ގޮތުން ބަލިކަށި، ކޮރަޕްޝަނަށް އާދަޔާ ހިލާފަށް މަގުފަހިވާ ގޮތަށް އޮތް ނިޒާމެއް. އަދި މިއީ މިއަދުގެ ގަބޫލުކުރާ މިންގަނޑަށް ފެތޭ ނިޒާމެއް ނޫން،"
އިހުސާން ވިދާޅުވީ މޯލްޑިވްސް 2.0 އިން ގާއިމުކުރާ ޑިޖިޓަލް ހިދުމަތްތަކުގެ ނިޒާމަކީ މިއާ ހިލާފަށް ދެފުށް ފެންނަ ސަލާމަަތީ ގޮތުން ވަރުގަދަ އިތުބާރު ލިބިފައިވާ ނިޒާމަކަށް ވާނެ ކަމަށެވެ. އަދި އެނިޒާމުގައި އެއްވެސް ރަށެއް ހިދުމަތްތަކުން ބާކީވެގެންނުދާނެ ކަމަށެވެ. ދައުލަތުގެ އިދާރާތައް އެއް ވިއުގައަކުން ގުޅި، ތަކުރާރުކޮށް އެއް މައުލޫމާތެއް ދައުލަތުގެ ތަފާތު އިދާރާތަކަށް ހުށަހަޅަންނުޖެހޭ ނިޒާމަކަށް އެ ނިޒާމު ވާނެ ކަމަށެވެ.
"ހިދުމަތް ހޯދަން އަންނަ ފަރާތާއި ހިދުމަތް ހޯދާ ރައްޔިތުން އިސްކުރާ، ހިދުމަތުގެ ފެންވަރު ރަނގަޅު، ފަސޭހަކަމާއި އަވަސްކަމާއެކު ލިބިދޭ އޯގާތެރި ދައުލަތެއްގެ ސިފަތައް ލިބިފައިވާ ހިދުމަތްތަކެއް. ސަލާމަތީ ގޮތުން ވަރުގަދަ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ، މިޒަމާނުގެ ތުރެޓުތަކަށް ރެސްޕޮންޑުކުރެވޭ ސައިބަރ ސެކިއުރިޓީ އެސްޓަބްލިޝްކުރެވިފައިވާ އެކަން ޔަގީންކުރެވޭ ނިޒާމެއް،" މޯލްޑިވްސް 2.0 ގެ ދަށުން ގާއިމުކުރެވޭ ޑިޖިޓަލް ނިޒާމު އޮންނާނެ ގޮތް ބަޔާންކޮށްދެއްވައި އިހުސާން ވިދާޅުވިއެވެ.
އެ ނިޒާމުގައި ހިދުމަތް ދޭ މުވައްޒަފުންނަށް މަސައްކަތްކުރަން ފަސޭހަވާނެ ކަމަށާއި، ދައުލަތުގެ ހަރަދުތައް އެ ނިޒާމުގެ ސަބަބުން ކުޑަވާނެކަމަށާއި، ހަލުއިކަމާއެކު ނަތީޖާ ނެރެވިގެންދާނެކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެ ނިޒާމުން ގާއިމުކުރެވޭ ގައުމަކީ ޑިޖިޓަލް އައިޑެންޓިޓީން މުއާމަލާތްތަކުގެ އިތުބާރު ގާއިމުކުރެވިފައިވާ ގައުމެއް ކަމަށެވެ.
"މޯލްޑިވްސް 2.0" ސަމިޓަކީ ދައުލަތުގެ ހުރިހާ އިދާރާއެއްގެ ބައިވެރިވުން އޮވެގެން ކުރިއަށްގެންދެވުނު ސަމިޓެއްކަން ފާހަގަކުރެއްވުމާއެކު މިނިސްޓަރުވަނީ މި ސަމިޓު އިންތިޒާމުކޮށް ކުރިއަށްގެންދެވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ސަމިޓަކީ ވަރަށް ކާމިޔާބު ސަމިޓެއްގެ ގޮތުގައި އިހުސާން ސިފަކުރެއްވިއެވެ.