ENGLISH
06 ޖުލައި 2025
ފަނޑިޔާރު މަހާޒާއި އަޒްމިރަލްދާ ވަކިކުރަން ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފި
11 މޭ 2025
|
ދެ ފަނޑިޔާރުން ވަކިކުރުމާ ގުޅޭ ގޮތުން ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން، ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަަރީ ކޮމިޓީން ފާސްކޮށްފިއެވެ.
ދެ ފަނޑިޔާރުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން މަޖިލީހަށް ހުށަހެޅީ އެ ކޮމިޝަަނުން ބެލި މައްސަލައެއްގެ ތަހުގީގަށް ފަހުގައެވެ. އެ ކޮމިޝަނުން ބެލި މައްސަލައަކީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ހައްޔަރުކުރުމުން ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމަށް ފަނޑިޔާރު މަހާޒު މެދުވެރިކޮށް އަޒްމިރަލްދާ ނުފޫޒު ފޯރުއްވިކަމަށް ތުހުމަތުވާ މައްސަލައެކެވެ.
އެ މައްސަލައިގެ ތަހުގީގުގައި ފަނޑިޔާރު މަހާޒުވަނީ ކުރިމިނަލް ކޯޓުގެ ފަނޑިޔާރު އަދި މަހާޒުގެ ދެބެއިންގެ ދެދަރި ކޮއްކޯފުޅެއްކަމަށްވާ ގާޒީ ސޮފްވަތު ހަބީބަށް ގުޅުއްވަައިގެން ފަނޑިޔާރު އަަޒްމިރަލްދާގެ ފިރިކަލުން ހައްޔަރުކުރިތޯ ބެއްލެވިކަމަަށް އެއްބަސްވެވަޑައިގެންފައެވެ.
އެ މައްސަަލާގައި ފަނޑިޔާރު މަހާޒު ގުޅުއްވީ އަޒްމިރަލްދާގެ ފިރިކަލުން ބަންދުން ދޫކުރި ފަހުންކަމަށް ފަނޑިޔާރު ސޮފްވަތު ވިދާޅުވެފައިވެއެވެ. މަހާޒު ގުޅުއްވުމުން އެ މައްސަލަ ކުރިއަށްދިޔަ ގޮތެއް ބެއްލެވުމަށް އަޒަމިރަލްދާ ފިރިކަލުންގެ ބަންދު މައްސަލަ ބެއްލެވި ގާޒީ އިބްރާހީމް ޒިހުނީއަށް ގާޒީ ސޮފްވަތު ގުޅުއްވިކަމަށް ދެ ބޭފުޅުންވެސް އެއްބަސްވެވަޑައިގެންފައިވެއެވެ.
ފަނޑިޔާރުން ވަކިކުރީ އެ ބޭފުޅުންގެ މި އަމަލަކީ މި މައްސަލައަށް ނުފޫޒު ފޯރުއްވަން ކުރެއްވި ކަމެއްކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނަށް ބުރަވެވޭތީއެވެ.
ޖުޑީޝަރީ ކޮމިޓީން މިފަދަ މައްސަލަތަކުގައި އަމަލުކުރާ އުސޫލުގެ ދަށުން ކޮމިޓީން ބަލާފައިވަނީ ޖޭއެސްސީން ފަނޑިޔާރުން ވަކިކުރަން ނިންމީ އިޖުރާއާތުތައް ފުރިހަމަކުރުމަށްފަހުކަން ނުވަތަ އިޖުރާއާތުތައް ފުރިހަމަނުވާ ކަމެވެ. ކޮޮމިޓީން ނިންމާފައިވަނީ އެ ނިންމުން ޖޭއެސްސީން ނިންމީ އިޖުރާއާތުތައް ފުރިހަމަކުރުމަށްފަހު ކަމަށެވެ.
ފަނޑިޔާރުން ވަކިކުރުމަށް ޖޭއެސްސީން ނިންމާ އިޖުރާއާތުތަކާ އެއްގޮތަށް ކަމުގައި ކަނޑައަޅައި އެ ފަނޑިޔާރުން ވަކިކުރުމަށް ކޮމިޓީން ފާސްކޮށްފައިވެއެވެ.
ދެން ކޮމިޓީގެ ރިޕޯޓު ދާނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށެވެ. ފަނޑިޔާރުން ވަކިކުރުމާމެދު ނިންމުމެއް ނިންމާނީ މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓުން މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
ފަނޑިޔާރު މަހާޒާއި ފަނޑިޔާރު އަޒްމިރަލްދާގެ މައްޗަށް ތުހުމަތުވާ މައްސަލަ ތަހުގީގުކުރަން ފެށިއިރު ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދާ ގުޅޭ މައްސަލައެއްވެސް ތަހުގީގުކުރަން ފެށިއެވެ. އެ މައްސަލަ ތަހުގީގު ފެށުމަށް އޭނާ ސަސްޕެންޑުކުރުމާ ގުޅިގެން ފަނޑިޔާރު ސުއޫދު އިސްތިއުފާ ދެއްވިއެވެ.