ENGLISH
06 ޖުލައި 2025
ވަކި އުމުރަކަށްވުރެ ހަގު މީހުންނަށް ދުންފަތް މަނާކުރާ ބިލު ކޮމިޓީން ފާސްކޮށްފި
11 މޭ 2025
|
ޖެނެރޭޝަނަލް ބޭން ބިލު ދިރާސާކުރި ކޮމިޓީ، ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ވަކި އުމުރަކަށްވުރެ ހަގު އެންމެނަށް ދުންފަތުގެ ބާވަތްތައް ބޭނުންކުރުމާއި އެމީހުންނަށް އެތަކެތި ވިއްކުން މަނާކުރާ ބިލު ދިރާސާކުރުމަށް މަޖިލީހުން އެކުލަވައިލި ވަގުތީ ކޮމިޓީން މިއަދު އެ ބިލު ފާސްކޮށްފިއެވެ.
ދުންފަތް ކޮންޓްރޯލުކުރުމާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު ދިރާސާކުރުމަށް އެކުލަވައިލި ވަގުތީ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ހަތް މެންބަރުންނެވެ. އެއީ:
- މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހިމް
- ކާށިދޫ ދާއިރާގެ މެންބަރު މުހައްމަދު މުންތަޒިމް
- ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިން
- ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު
- ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ހަމީދު
- ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް
- ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)
މި މަހުގެ 12 ވަނަ ދުވަހުގެ ކުރިން ބިލުގެ މަސައްކަތް ނިންމުމަށް ތާވަލުކުރުމަށްފަހު އެ ބިލާ ގުޅޭ ގޮތުން ދައުލަތުގެ އެކި އިދާރާތަކުން މައުލޫމާތު ހޯދުމުގެ މަސައްކަތް ކޮމިޓީން ކުރިއަށްގެންގޮސްފައިވެއެވެ. އެގޮތުން ކަސްޓަމްސްގެ އިސްވެރިން ކޮމިޓީއަށް ހާޒިރުކުރުމުގެ އިތުރަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއާއި ހެލްތު މިނިސްޓްރީއާއި ފުލުހުންގެ ހިޔާލު އެ ކޮމިޓީން ހޯދިއެވެ.
ސަރުކާރުން ހުށަހަޅާފައިވާ ބިލުގައި އޮތީ ޖަނަވަރީ 1، 2007 ވަނަ ދުވަހުން ފެށިގެން އުފަންވި މީހުންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާކޮށް، އެމީހުންނަށް ދުންފަތުގެ ބާވަތްތައް ވިއްކުންވެސް މަނާކުރުމަށެވެ. އެ އިސްލާހަކީ ދުންފަތުގެ ވަބާއިން މިންޖުވެފައިވާ ޖީލެއް ބިނާކުރެއްވުމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު އިއުލާނުކުރައްވާފަައިވާ ސިޔާސަތުގެ ބައެކެވެ.
މި ގާނޫނުގައި ބުނެފައިވާ ގޮތުން ދުންފަތުގެ ބާވަތްތައް ވިއްކޭނީ އުމުރުން 21 އަހަރުވެފައިވާ މީހުންނަށް އެކަންޏެވެ. އަދި ދުންފަތުގެ ބާވަތެއް ވިއްކުމުގެ ކުރިން އެ ތަކެތި ގަންނަ މީހަކީ ޖަނަވަރީ 1 2007 ގެ ކުރިން އުފަންވެފައިވާ މީހެއްކަން ކަށަވަރުކުރުމަކީ އެތަކެތި ވިއްކާ މީހެއްގެ ޒިންމާއެކެވެ.
މި އިސްލާހުތައް ފާސްކުރުމަށް މަޖިލީހުގެ ކޮމިޓީން ނިންމީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. ދެން ބިލު ދާނީ މަޖިލީހުގެ ތަޅުމަށެވެ. ކޮމިޓީ ރިޕޯޓަށް ބަހުސްކުރުމަށްފަހު މަޖިލީހުގެ ތަޅުމުގައި ބިލަށް ވޯޓު ނެގުން އޮންނާނެއެވެ.
ސަރުކާރުގެ ވިސްނުމަކީ މި އަހަރުގެ ނޮވެންބަރު މަހުގެ އެކަކުން ފެށިގެން 2007 ވަނަ އަހަރުގެ ޖަނަވަރީ އެކަކުން ފެށިގެން އުފަންވި މީހުންނަށް ދުންފަތް ބޭނުންކުރުން މަނާކުރުމުގެ ގާނޫނަށް އަމަލުކުރަން ފެށުމެވެ.