ENGLISH

06 ޖުލައި 2025

Advertisement

ޒާތީ މައުލޫމާތުތަކެއް ހިމެނޭތީ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލައާ ގުޅޭ ބައްދަލުވުން ސިއްރުކޮށްފި

11 މޭ 2025

|

ޝިފްޒާން އަޙްމަދު

ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ މުގައްރިރު މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކު، ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަަހަޅާފައިވާ މައްސަލާގައި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިއަދު ބާއްވަމުންދާ ބައްދަލުވުމުގައި އެ މައްސަލާގަައި ހިމެނޭ ބައެއް ފަރާތްތަކުގެ ޒާތީ މައުލޫމާތު ހިމެނޭތީ ކޮމިޓީ ސިއްރުކުރުމަށް ނިންމައިފިއެވެ. 

މި މައްސަލާގައި ހިމެނޭ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ ފިރިކަލުން މަސާޖު ޕާލާއަކުން ހައްޔަރުކުރި މައްސަލައާ ގުޅޭ ގޮތުން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލުވަނީ ވާހަކަދައްކަވައިފައެވެ. އެގޮތުން ޖޭއެސްސީގެ ތަހުގީގު ބަޔާނުގައި ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން މަސާޖު ޕާލާއަކުން ހައްޔަރުކުރީ ބަރަހަނާ ހާލުގައިކަމަށް ބުނެފައިވާތީ އެވާހަކަވެސް ނާޒިލު ދެއްކެވިއެވެ. 

ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން މަސާޖު ޕާލާއަކަށް ވަޑައިގަތުމާއި އެތަނުން އޭނާ ހައްޔަރުކުރިއިރު ހުންނެވި ހާލަތާ ގުޅޭ ގޮތުން ނާޒިލު ވާހަކަދައްކަވާތީ ހުޅުދޫ ދާއިރާގެ މެންބރު މުހައްމަދު ޝާހިދުވަނީ މީހަކު ފަޟީހަތްވާނެ ފަދަ ވާހަކަތަކެއް މަޖިލީހުގެ ކޮމިޓީއެއްގައި ދައްކާނަމަ އެ ކޮމިޓީގެ ބައްދަލުވުން ސިއްރުކުރަން ހުށަހެޅޭނެކަން ގަވާއިދާ ހަވާލާދެއްވައި ފާހަަގަކުރައްވަމުން ކޮމިޓީ ސިއްރުކުރައްވަން ހުށަހަޅުއްވާފައެވެ. 

ޝާހިދުގެ ހުށަހެޅުއްވުމާ އެއްގޮތަށް ކޮމިޓީ ބައްދަލުވުން ސިއްރުކުރުމަށް ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުން ނިންމެވުމާއެކު، ކޮމިޓީގައި އޮތް މައްސަލަައިގެ ތެރެއިން އެ މައްސަލައާ ސީދާ ގުޅުމެއް ނެތް މީހަކު ފަޟީހަތްވެދާނެ ފަދަ ވާހަކަތަކެއް ދެއްކެވި މެންބަރު ނާޒިލު އަދި އޭނާ ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީގެ މެންބަރުން ކޮމިޓީ ދޫކުރައްވައި ނުކުމެވަޑައިގެންފައިވެއެވެ. 

ބައްދަލުވުން ސިއްރުކުރަން ނިންމުމުގެ ކުރިން ހުޅުދޫ ދާއިރާގެ މެންބަރު ޝާހިދުވަނީ ޖޭއެސްސީން ފަނޑިޔާރު މަހާޒާއި ފަނޑިޔާރު އަަޒްމިރަލްދާ ވަކިކުރަން ނިންމާފައި އޮތީ އިޖުރާއާތުތައް ފުރިހަމަކުރުމަށްފަހު އަދުލުވެރި ގޮތުގައިކަމަށް ވިދާޅުވެ، ޖޭއެސްސީން ނިންމާފައި އޮތް ގޮތަށް މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ހުށަހަޅުއްވާފައެވެ. ކޮމިޓީ ސިއްރުކުރިއިރު އެކަމާމެދު ވޯޓަށް އަހާފައިނުވެއެވެ. 

ޖޭއެސްސީން ނިންމާފައިވަނީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ހަައްޔަރުކުރި މައްސަލާގައި ދަށު ކޯޓަށް ނުފޫޒު ފޯރުވުމަށް ފަނޑިޔާރު މަހާޒު މެދުވެރިކޮށް ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްވަތު ހަބީބަށް ގުޅުއްވައި މައްސަލައަށް ނުފޫޒު ފޯރުވިކަން ސާބިތުވާ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު