ENGLISH

12 ޖޫން 2025

Advertisement

ރ. ވަންދޫގައި ޤާއިމުކުރާ ނުރައްކާތެރި ކުންޏާއި ކެމިކަލް ރައްކާ ކުރާ މަރުކަޒުގެ މަސައްކަތް ކޮންޓްރެކްޓަރާ ހަވާލުކޮށްފި

11 މޭ 2025

|

ޝަރާ އަބްދުﷲ

ފޮޓޯ: ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާ

ރ. ވަންދޫގައި ޤާއިމްކުރާ ނުރައްކާތެރި ކުންޏާއި ކެމިކަލް ރައްކާކުރާ މަރުކަޒުގެ ޑިޒައިން ބިލްޑިންގ މަސައްކަތް އެ މަޝްރޫޢުގެ ކޮންޓްރެކްޓަރު ވީ އަވަރ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފިއެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ވުޒާރާގެ ޑެޕިއުޓީ މިނިސްޓާރ ހަސަން މުހައްމަދެވެ. އަދި ވީ އަވަރ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ، ސަދީން އިބްރާހިމެވެ.

ވީ އަވަރ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ މި މަސައްކަތް ހަވާލުކޮށްފައިވަނީ، 10 މަސްދުވަހުގެ ތެރޭގައި  މަސައްކަތް ނިންމުމަށެވެ. މި މަސައްކަތުގެ އަގަކީ 18.5 މިލިއަން ރުފިޔާއެވެ.

މި މަރުކަޒު ޤާއިމްކުރުމަށް ހަމަޖެހިފައިވަނީ ރ. ވަންދޫގައި ގާއިމުކޮށްފައިވާ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގައެވެ.

އެއްބަސްވުމުގައި ސޮއިކުރުމުހެ ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާ

މި ފެސިލިޓީ ފުރިހަމަ ކުރެވުމުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އުފެދޭ ނުރައްކާތެރި ކުންޏާއި ކެމިކަލް، ތިމާވެއްޓާ ރައްޓެހި ގޮތުގައި ނައްތާލުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ ކުރިން މި ފެސިލިޓީގައި ރައްކާކުރެވޭނެއެވެ. މިގޮތުން މުއްދަތު ހަމަވާ ކެމިކަލްގެ ބާވަތްތައް، އީ-ވޭސްޓް، ފަތުރުވެރިކަން އަދި އިމާރާއްކުރުން ފަދަ ސިނާއަތްތަކުން އުފެދޭ ނުރައްކާތެރި ކުނި އަދި ކެމިކަލްތައް، ތިމާވެއްޓާ ރައްޓެހި ގޮތަކަށް ރައްކާކުރުމަށް އޮތް ދަތިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.

ނުރައްކާތެރި ކެމިކަލް އަދި ކުނި ރައްކާތެރި ގޮތުގައި ނައްތާލުމުގައި ހުރި ގޮންޖެހުންތަކުން އަރައިގަތުމަށް، ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާއިން މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

އެގޮތުން 2020 ވަނަ އަހަރު ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީގެ މާލީ އެހީތެރިކަމާއެކު، ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އާ ގުޅިގެން، "އެލިމިނޭޓިން ޕަރސިސްޓަންޓް އޯގޭނިކް ޕޮލިއުޓަންޓްސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް" މަޝްރޫއު ވަނީ ފަށާފައެވެ. މި މަޝްރޫއުގެ ދަށުން ރާއްޖެއަށް އެތެރެކުރާ ނުރައްކާތެރި ކެމިކަލް އަދި އުފެދޭ ނުރައްކާތެރި ކުނި މެނޭޖުކުރުމަށް ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމާއި، ކުންޔާއި ކެމިކަލް މެނޭޖުކުރާނޭ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު