ENGLISH
06 ޖުލައި 2025
ނިމުނު ދައުރުގައި ފެނަކައިން އައްޑޫގައި ހިންގި މަޝްރޫއުތަކުން 76.9 މިލިއަން ރުފިޔާގެ ގެއްލުންވި: އޮޑިޓު
11 މޭ 2025
|
ެފެނަކަ ކުންފުނީގެ ކުރީގެ އެމްޑީ އަހްމަދު ސައީދާއި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ފޮޓޯ: ރައީސް އޮފީސް
ފާއިތުވި ސަރުކާރުގައި ފެނަކައިން އައްޑޫގައި ހިންގި ހަތަރު މަޝްރޫއަކުން ޖުމްލަ 76.9 މިލިއަން ރުފިޔާގެ ގެއްލުންވެފައިވާކަން އެ މަޝްރޫއުތަކުގެ އޮޑިޓު ރިޕޯޓުން ހާމަވެެއްޖެއެވެ.
މި އޮޑިޓު ރިޕޯޓަކީ ރައްޔިތުންގެ މަޖިލީހުން 3 ޖުލައި 2024 ގަައި، ފެނަކައިގެ ޕްރޮކިއުމެންޓު މަސައްކަތްތަކާއި، މުވައްޒަފުންނަށް ވަޒީފާ ދިނުމާއި، ޕްރޮޖެކްޓު ހިންގުމުގައި ޕީސީބީގެ އުސޫލުތަކާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކޮށްފައިވޭތޯ އަދި އެކަންކަމުގައި ކޮރަޕްޝަނަށް މަގުފަހިވާ އެއްވެސް ކަމެއް ހިމެނޭތޯ ބެލުމަށް ހާއްސަ އޮޑިޓެއް ހެދުމަށް އެދުމާ ގުޅިގެން އޮޑިޓާ ޖެނެރަލް އޮފީހުން ތައްޔާރުކުރި އޮޑިޓު ރިޕޯޓެކެވެ.
އެ އޮޑިޓު ރިޕޯޓުގައި ބުނެފައިވާ ގޮތުން ފެނަކައިން އަންނަނީ އައްޑޫ ސިޓީގައި ހަތަރު މަޝްރޫއެއް ހިންގަމުންނެވެ. އެއީ:
ހ- އައްޑޫ މަރުކަޒީ އިންޖީނުގޭގެ އައު އިމާރާތުގެ މަސައްކަތް
ށ- ހިތަދޫ އޮފީހުގެ އައު އިމާރާތުގެ މަސައްކަތް
ނ- މަރަދޫފޭދޫ އޮފީހުގެ އައު އިމާރާތުގެ މަސައްކަަތް
ރ- ހުޅުމީދޫ އޮފީހުގެ އައު އިމާރާތާއި އާ ޕަވާހައުސްގެ މަސައްކަތް
މި ހަތަރު މަޝްރޫއަށް ޑިސެންބަރު 31، 2024 ވަނަ ދުވަހުގެ ނިޔަލަށް 117،473،485 (ސަތޭކަ ސަތާރަ މިލިއަން ހަތަރުލައްކަ ހަތްދިހަ ތިންހާސް ހަތަރުސަތޭކަ އަށްޑިހަ ފަސް) ރުފިޔާ ހަރަދުވެފައިވެއެވެ. ނަމަވެސް އެއިން އެއްވެސް މަޝްރޫއެއް އެ މުއްދަތުގައި ނިންމިފައިނުވާއިރު އެ މަޝްރޫއުތައް ނިންމުމަށް އިތުރު 68،500،884 (ފަސްދޮޅަސް އަށް މިލިއަން ފަސްލައްކަ އަށްސަތޭކަ އަށްޑިހަ ހަތަރު) ރުފިޔާ ހަރަދުވާނެކަމަށް އޮޑިޓު އޮފީހުން އަންދާޒާކުރެއެވެ. އޮޑިޓު އޮފީހުގެ ހިސާބުތަކުން ދައްކާ ގޮތުގައި އެ މަސައްކަތްތައް ކުންފުނިން ބޭރު ފަރާތްތަކަށް އައުޓްސޯސްކުރިނަމަ 109،063،500 (ސަތޭކަ ނުވަ މިލިއަން ފަސްދޮޅަސް ތިންހާސް ފަސްސަތޭކަ) ރުފިޔާ ހަރަދުކޮށްގެން ހުރިހާ މަޝްރޫއެއް ނިމޭނެއެވެ. ނަމަވެސް ފެނަކައިން އެ މަޝްރޫއުތައް ހިންގަން ނިންމާފައި އޮތް ގޮތުން މަޝްރޫއުތައް ނިމޭއިރު ޖުމްލަ 185،974،369 (ސަތޭކަ އަށްޑިހަ ފަސް މިލިއަން ނުވަލައްކަ ހަތްދިހަ ހަތަރުހާސް ތިންސަތޭކަ ފަސްދޮޅަސްނުވަ) ރުފިޔާ ހަރަދުވާނެއެވެ. އެހެންކަމުން އިންހައުސްކޮށް ހިންގުމުގެ ސަބަބުން މި ހަތަރު މަޝްރޫއުން ޖުމްލަ 76،910،869 (ހަތްދިހަ ހަ މިލިއަން ނުވަލައްކަ ދިހަހާސް އަށްސަތޭކަ ފަސްދޮޅަސް ނުވަ) މިލިއަން ރުފިޔާގެ ގެއްލުންވެފައިވެއެވެ.
މި މަޝްރޫއުތަކަށް ހަރަދުކުރަން ހާސްކޮށްފައިވާ ޕެޓީ ކޭޝް ހަރަދުކުރުމުގައި ބޮޑެތި މައްސަލަތަކެއް ހުރިކަންް އޮޑިޓު ރިޕޯޓުން ފާހަގަކޮށްފައިވެއެވެ. އެގޮތުން ކުންފުނީގެ މުވައްޒަފުންގެ މަސްލަހަތު އޮންނަ ވިޔަފާރިތަކުން ތަކެތި ގަނެފައިވާކަމާއި، ލިޔެކިޔުން ފޯޖުކޮށްގެން ޕެޓީ ކޭޝްއިން ފަައިސާ ނަގާފައިވާކަމާއި، މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް ކުންފުނިން ޕެޓީ ކޭޝް ފައިސާ ޖަމާކުރަމުން ގެންގޮސްފަައިވާކަން އޮޑިޓު ރިޕޯޓުގައި ހާމަކޮށްފައިވެއެވެ. އަދި ނިޒާމުގެ ދޯހަޅިކަމުގެ ސަބަބުން އެއް ބިލަކަށް ދެ ފަހަރަށް ފައިސާ ދައްކާފައިވާކަން ރިޕޯޓުގައި ފާހަގަކުރިއެވެ.
ޕްރޮކިއުމެންޓު ޕޮލިސީއާއި ހިލާފަށް މަޝްރޫއުތަކުގައި ބޭނުންކުރާ ތަކެތި ގަތުމަށް 783،296 ރުފިޔާ ކުންފުނީގެ މުވައްޒަފުންގެ މަސްލަހަތު އޮތް ވިޔަފާރިތަކަށް ދޫކޮށްފައިވާކަން އޮޑިޓުން ހާމަވިއެވެ. އަދި ފޯޖުކޮށްފައިވާ އިންވޮއިސްތަކަށް 130،220 ރުފިޔާ ދޫކޮށްފައިވާކަންވެސް ހާމަވެފައިވެއެވެ. އޭގެ އިތުރަށް ޕެޓީ ކޭޝްގެ ތެރެއިން 4،371،366 (ހަތަރު މިލިއަން ތިންލައްކަ ހަތްދިހަ އެއްހާސް ތިންސަތޭކަ ފަސްދޮޅަސް ހަ) ރުފިޔާ އެ ކުންފުނީގެ މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް ޖަމާކޮށްފައިވެއެވެ.
އޭގެ އިތުރަށް މުވައްޒަފުން ނެގުމުގައި ފާހަގަކުރެވުނު ކަންކަމަށް ބަލާއިރު މަޝްރޫއުތައް ފެށުމުގެ ކުރިން އެ މަޝްރޫއުތައް ހިންގުމަށް ބޭނުންވާ މުވައްޒަފުންގެ އަދަދު ކަށަވަރުކޮށްފައިނުވާކަމަށާއި، މުވައްޒަފުން ވަޒީފާއަށް ނަގަމުން އައީ އެއްވެސް އޮނިގަނޑަކަށް ނުފެތޭ ގޮތަށްކަން އޮޑިޓަށް ފާހަގަަވެފައިވެއެވެ. އޭގެ އިތުރަށް އޮޑިޓު ރިޕޯޓުން ދެއްކި ގޮތުގައި މި ހަތަރު މަޝްރޫއުގެ މަސައްކަތްތަކަށް ނެގި މުވައްޒަފުންގެ އަދަދު މަހުން މަހަށް އައީ އިތުރުވަމުންނެވެ.
އަދި މި ޕްރޮޖެކްޓުތަކަށް މުވައްޒަފުން ނެގުމުގައި ކުންފުނީގެ އެޗްއާރް ސިޔާސަތާ އެއްގޮތަށް އަމަލުކޮށްފައިނުވެއެވެ. އަދި މުވައްޒަފުން ނެގުމުގެ ކުރިން ލިޔުމުން ކުންފުނީގެ އެމްޑީ ދެއްވަންޖެހޭ ހުއްދަތައްވެސް ދެއްވާފައި ނެތްކަން އޮޑިޓުގައި ފާހަގަވިއެވެ. މުވައްޒަފުންގެ ގަވާއިދާ ހިލާފަށް ބައެއް ވަގުތީ މުވައްޒަަފުން ދާއިމީކުރުމާއި ވަގުތީ މުވައްޒަފުންގެ ގޮތުގައި ތިބި ބައެއް މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުންވެސް ދީފައިވާކަން އޮޑިޓު ރިޕޯތުގައި ފާހަގަކުރިއެވެ.
އޭގެ އިތުރަށްވެސް ގިނަގުނަ މައްސަލަތައް މި އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން ކްރެޑިޓަށް މަޝްރޫއުތަކަށް މުދާ ނެގުމުގައި އަމަަލުކޮށްފައިވާ ގޮތަށް ބަލާއިރު 15.9 މިލިއަން ރުފިޔާގެ ޕާޗޭސް އޯޑަރު ތައްޔާރުކޮށް ހިދުމަތް ހޯދީ އިއުލާނުކުރުމެއް ނެތިއެވެ. އަދި އުޅަނދުފަހަރު ކުއްޔަށް ނެގުމަށް 16 މިލިއަނެއްހައި ރުފިޔާ ހަރަދުކުރިއިރު އެ އުޅަނދު ކުންފުނިން ގަތްނަމަ ހަރަދުވާނީ 4.2 މިލިއަން ރުފިޔާކަމަށްވާތީ ޖުމްލަ 11.6 މިލިއަން ރުފިޔާގެ ގެއްލުން އުޅަނދުފަހަރު ކުއްޔަށް ނެގުމުގެ މުއާމަލާތްތަކުގެ ތެރެއިން ކުންފުންޏަށް ވެފައިވާކަން އޮޑިޓު ރިޕޯޓުން ހާމަވެއެވެ.
އޭގެ އިތުރަށް މި މުއްދަތުގައި ކުންފުންޏަށް މި ތިން އިންޖީނުގެެއިން އާމްދަނީގެ ގޮތުގައި ލިބެންޖެހޭ 77.9 މިލިއަން ރުފިޔާ ހޯދާފައިނުވާކަން ކުންފުނީގެ އޮޑިޓުން ފެނެއެވެ.
މި މަޝްރޫއުތަކަށް ބަލާއިރު ހަމައެކަނި މި މަޝްރޫއުތައް ހިންގާފައިވާ ގޮތުން އެކަނި ކުންފުންޏަށް 100 މިލިއަނަށްވުރެ ބޮޑު ގެއްލުންވެފައިވާނެ ކަމުގައި އޮޑިޓު ރިޕޯޓުތަކުން ދައްކާފައިވެއެވެ.